ދުނިޔެ

އަފްޣާން ރެފިއުޖީއަކު އިނގިރޭސިވިލާތުގައި މަރާލައިފި

އިނިގިރޭސިވިލާތުގައި ރެފިއުޖީއެއް ގޮތުގައި ދިރިއުޅޭ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލައިފި އެވެ. އިނގިރޭސި ފުލުން ބުނާ ގޮތުން އެ ކުއްޖާޣެ ނަމަކީ ހަޒްރަތު ވަލީ އެވެ.

އިނގިރޭސި ނޫސްތައް ބުނާ ގޮތުން ހަޒްރަތުގެ ގަޔަށް ވަޅި ޖަހައި މަރާލާފައި ވަނީ ކޮލެޖް ކުދިންގެ މެދުގައި ހިނގައިދިއަ ހަމަނުޖެހުމަކަށް ފަހު އެވެ. އެ ސަރަހައްދުގައި ބައި ބޯކަމުން މަންޒަރު އަދި މުޅިން ސާފުނުވާ ކަމަށް ފުލުން ބުނެ އެވެ.

ހަޒްރަތަކީ އަޚްލާގު ރަނގަޅު ކުދިންނާ ގުޅުން ބޮޑު ކުއްޖެއް ކަމަށް އޭނާގެ ތިމާގެ މީހަކު އިނގިރޭސި ނޫސްތަކާށް ކިޔައި ދިނެވެ. އޭނާ އިނގިރޭސިވިލާތުގައި ދިރި އުޅެނީ އެކަނިމާއެކަނި ކަމަށާއި އާއީލާ އޮތީ އަފްޣާންގައި ކަމަށް ބުންޏެވެ.

މި ހާދިސާއާ ބެހޭ ގޮތުން އިނގިރޭސި ނޫސްތަކުން ތަފްސީލު މައުލޫމާތެއް ނުލިޔެ އެވެ. ޔުނިވާސިޓީ ކުދިން ކުޅެން އުޅުމުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގައި ވަޅިން ހަމަލާދޭ ހިސާބަށް ދިއައީ ކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ.

އިނގިރޭސި ފުލުން ބުނީ ހާދިސާ ހިނގައިދިއަ ގޮތް ބަލަމުން ގެންދާ ކަމަށެވެ. އެ ސަރަހައްދުން ލިބުނު ސީސީޓީވީ ވީޑިއޯތައް ބަލައި ޝައްކު ކުރެވޭ މީހުންނާ ސުވާލުކުރާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ދުނިޔޭގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް މިހާރު ވަކިވަކި ފަރުދުންނާ ހަމައަށް އޮތީ ފޯރާފަ އެވެ. މުސްލިމުންނަށް ނަފުރަތުކުރުމާއި ނަސްލީ ގޮތުން ތަފާތުކުރުން ވަރަށް ބޮޑަށް އާންމުވެފަ އެވެ.

އަމިއްލަ ވަޒަނުގައި ހިނގާ ހަމަނުޖެހުންތައް ބޮޑުވެ ގައުމު ދޫކޮށް ޔޫރަޕާއި އެމެރިކާއަށް ގޮސް ތިބި މުސްލިމް އާއިލާތަކަށް ބަޑިންނާއި ތޫނު ހަތިޔާރުން ހަމަލާދީ މުޅި އާއިލާ ގަތުލުކުރަމުން ގެންދާއިރު ވެސް ބާރުގަދަ ގައުމުތަކުން ތިބީ ހިމޭނުންނެވެ.