ޕާކިސްތާން

ޕާކިސްތާނުގެ ސަލާމަތީ އޮފިސަރުން ތޯލިބާނުންނާ މަޝްވަރާކުރަނީ

ޕާކިސްތާނުގެ ޑިފެންސް އަދި ޖާސޫސީ އިދާރާތަކުގެ ވެރިން އަފްއާނިސްތާން ސަރުކާރުގެ އިސްވެރިންނާ މަޝްވަރާ ކުރަމުން އެބަގެންދެ އެވެ.

މި މަޝްވަރާތައް ކުރުމަށް ޕާކިސްތާނުގެ އިސް ވަފްދެއް އަފްއާނިސްތާނަށް ގޮސްފައި މިވަނީ ޕާކިސްތާން އަފްއާނިސްތާންގެ މައި ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް ވަނިކޮށެވެ.

މި މަޝްވަރާތައް ކުރަނީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިގެންނެވެ. ދެ ގައުމުގެ މީހުން ހުރަސްކުރަން އެންމެ ބާރުބޮޑު ބޯޑަރުތަކުގައި ދާދި ފަހުން ވަނީ ކުދިކުދި ހަމަނުޖެހުންތައް ވެސް ހިނގާފަ އެވެ.

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ހުވާޖާ އާސިފް އާއި ލެފްޓިނަންޓް ޖެނެރަލް ނަދީމް އަންޖުމް އާއި ޑިރެކްޓަ ޖެނެރަލް އިންޓަ ސާވިސް އިންޓެލިޖެންސް އައިއެސްއައި ވަނީ އަފްއާނިސްތާނުގެ އިގްތިސޯދީ ކަންކަން ބަލަހައްޓަވާ ބޮޑުވަޒީރުގެ ނައިބް އަބްދުލް އަނީ ބަރްދާރް އާއި ކާބުލްގައި ބައްދަލުކުރައްވާފަ އެވެ.

ބޮޑުވަޒީރުގެ ނައިބް ބަރްދާރުގެ އޮފީހުން ބުނެފައިވަނީ އިގްތިސޯދީ ގުޅުމާއި ސަރަހައްދީ ގުޅުންތަކާއި ވިޔަފާރީގެ އިތުރުން ދެގައުމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ބަރުދާރުގެ ބަޔާނުގައި ސިޔާސީ އަދި ސަލާމަތީ ކަންބޮޑުވުންތަކުގެ ސަބަބުން ވިޔަފާރިއާއި އަދި އިގްތިސޯދީ ހަރަކާތްތަކަށް ބުރޫއެރިޔަދީގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

"ޕާކިސްތާނާއި އަފްއާނިސްތާނަކީ އަވައްޓެރިން. އެހެންކަމުން ދެ ގައުމުން ރަނގަޅަށް ގުޅިގެން އުޅެންޖެހޭ. ދި އިސްލާމިކް އެމިރޭޓް އޮފް އަފްއާނިސްތާނުން ވިޔަފާރިއާއި އިގްތިސޯދީ ގުޅުންތައް ޕާކިސްތާނާއި އެކު ތަރައްގީކުރުމަށް ބާރުއަޅަނީ މިކަމަކީ ދެ ގައުމުގެ ފައިދާ އަށް އޮތް ގޮތްކަމުގައިވާތީ،" ބަރުދާރު ވިދާޅުވެފައިވެ އެވެ.

މީގެ ހަތަރު ދުވަސްކުރިން އަފްއާނިސްތާނުން ވަނީ ތުރްހަމް ބޯޑަރު ހުރަސްކުރުން ބަންދުކޮށްފަ އެވެ. ބަންދުކުރި ސަބަބެއް ކަމަށް އަފްއާނިސްތާނުން ބުނެފައިވަނީ ޕާކިސްތާނުން ދިނުމަށް އެއްބަސްވެފައިވާ އެއްބާރުލުން ދެމުން ނުގެންދާތީ ކަމަށެވެ. ޕާކިސްތާނުން ވަނީ ރައްކާތެރިކަމުގެ ކަންބޮޑުވުން އޮތް ކަމަށް ބުނެ ފާއިތުވި ހަފްތާތަކުގައި ބޯޑަރު ސެކިއުރިޓީ ކޮންޓްރޯލް ކުރުން ވަރުގަދަ ކޮށްފަ އެވެ.

ބޯޑަރުތަކުގައި ތިބޭ ސަލާމަތީ ބާރުތަކުންވަނީ މިދިޔަ ހޯމަ ދުވަހު ހަމަލާތައް ބަދަލުކޮށްފަ އެވެ. މި ހަމަލާ ތަކުގައި ޕާކިސްތާނުގެ ގާޑަކު ޒަހަމްވެފައިވެ އެވެ.

ޕާކިސްތާނުގެ ހާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އަވައްޓެރި އަފްއާން ސަރުކާރުން ދެގައުމުގެ ދެމެދުގައި މީހުން ހުރަސްކޮށް އަދި ވިޔަފާރި ހިންގާ އެންމެ ބާރުބޮޑު ބޯޑަރު ބަންދު ކުރިކަން އަންގާފައެއް ނުވެ އެވެ.

"ދެގައުމުގެ ދެމެދުގައި ވަރަށް ހަރުދަނާކޮށް އެއްބަސްވެފައިވަނީ ބޯޑަރު ހުރަސްކުރުން ބަންދުކުރުން ގެންގުޅެގެން ނުވާނެ ކަމަށް އެއްވެސް ފަރާތަކުން. މިކަމާ އިތުރަށް ވާހަކަ ދައްކާނީ އަފްއާން ސަރުކާރާއި ވާހަކަ ދެއްކުމަށްފަހު،" ޑިޕްލޮމެޓިކް ބޭފުޅަކު ވިދާޅުވެފައިވެ އެވެ.

ބޯޑަރު ބަންދުކުރުމާ ގުޅިގެން ބޯޑަރުގެ ދެފަރާތުގައިވެސް ވަނީ އެތައްހާސް ޓްރަކެއް ހުއްޓުން އަރައި ތޮއްޖެހި ބާރުބޮޑުވެފަ އެވެ. މީގެ ގިނަ ޓްރަކް ތަކަކީ އަވަހަށް ހަލާކުވާ ބާވަތުގެ ކާބޯތަކެތި އުފުލާ ޓްރަކް ތަކެވެ.

ދެގައުމުގެ ދެމެދުގައި މި މަޝްވަރާތައް ބާއްވާފައި މިވަނީ ޕާކިސްތާނުން ޣައިރު ގާނޫނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ތަހްރީކޭ ޠޯލިބާން ނުވަތަ ޓީޓީޕީ އާއި ޕާކިސްތާނު ސަރުކާރާއި ދެމެދު، އަފްއާނިސްތާނުގެ ތޯލިބާނުން މެދުވެރިއެއްގެ ރޯލް ކުޅެގެން، އެޖަމާއަތުން ދެމުންދާ ހަމަލާތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ޕާކިސްތާނުގައި ހަމަނުޖެހުން ބޮޑުވެ ހަމަލާތައް އިތުރުވެފައި ވަނިކޮށެވެ.

އަފްއާން ޠޯލިބާނާއި ޕާކިސްތާން ތޯލިބާނުންނަކީ ބައިވެރިން ކަމުގައިވިޔަސް ދެ ޖަމާއަތުގެވެސް ވައްޓަފާޅިގަނޑު ތަފާތެވެ. މީގެ ކުރިން ޕާކިސްތާނުން ބުނެފައިވަނީ ހަތިޔާރު އެޅި ގުރޫޕްތަކުން ޕާކިސްތާނަށް ހަމަލާދެމުން ގެންދަނީ އަފްއާނިސްތާނުގައި ތިބެގެން ކަމަށެވެ. އެކަމަކު ތޯލިބާނުން ދަނީ މިކަން ދޮގުކުރަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ވިދާޅުވެފައިވަނީ އަފްއާނިސްތާނުން އަންނަ ނުރައްކަލާއި ޓެރަރިޒަމްގެ ބިރަކީ ސަރަހައްދަށް އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ.

"އޮތް ކަންބޮޑުވުމަކީ މި ހަތިޔާރު އެޅި ގުރޫޕްތަކާ މެދު އަފްއާނާއި ޕާކިސްތާނު ސަރުކާރުން ސީރިއަސްކޮށް ނުނަގާނަމަ އަދި އެފަދަ ގުރޫޕްތައް ހުއްޓުވުމުގެ އަޒުމެއް ނުދައްކައި އެމީހުން ހުއްޓުވުމުގެ ގާބިލްކަމެއް ނެތްނަމަ މި ޖަމާއަތްތަކުން އެންމެ ފުރަތަމަ ސަރަހައްދުގައި އުދުވާނީ ހަމަލާތައް ދެމުން ގެންދާނެކަން -- އަހަރެމެންނަށް ފެނިގެން މިދަނީ އަފްއާނުގައި އޮތް ސަރުކާރު ވެއްޓުނު ފަހުން ޕާކިސްތާނުގައި އުދުވާނީ ހަމަލާތައް އިތުރުވެފައިވާތަން -- ދެން މާގިނަ ދުވަހެއް ނުވާނެ ކޮންމެވެސް އެހެން ސަރަހައްދަކާ ދިމާލަށް ހަމަލާތައް އަމާޒުވާކަށް،" މިއުނިކް ސެކިއުރިޓީ ކޮންފަރެންސް ގައި ޒަރްދާރީ ބުއްޓޫ ވިދާޅުވެފައިވެ އެވެ.

މިކަމާ ވިދިގެން އަފްއާނިސްތާނުން ބުނެފައިވަނީ ޕާކިސްތާނުން ދެގައުމުގެ ގުޅުމުގެ ވާހަކަ ދައްކަން ޖެހެނީ މޫނާއި މޫނު ފެނި ތިބެ ސީދާ ދެ ގައުމުގެ ދެމެދުގައި ކަމަށާއި ބައިނަލްއަގުވާމީ ޖަލްސާތަކަށް ޝަކުވާ އުފުލަން ނުޖެހޭ ކަމަށެވެ.