ޕާކިސްތާންގެ ޚައިބަރު ޕަޚްތުންޚްވާގައި އާދީއްތަ ދުވަހުގެ ރޭ އޮތް ސިޔާސީ އެއްވުމެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައި 44 މީހަކު މަރާލައިފި އެވެ. މި ހަމަލާގައި އިތުރު 200 އެއްހާ މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ޚައިބަރު ޕަޚްތުންޚްވާ އޮންނަނީ ބައިނަލްއަގްވާމީ ބޯޑަރަކުން އަފްޣާނިސްތާންއާ ގުޅިފަ އެވެ. މިއީ އަފްޣާނިސްތާންގައި ވެރިކަންކުރާ ތާލިބާނުންނާ ވަރަށް ގާތް -- ޕާކިސްތާންގެ ތާލިބާނުންގެ ނަމުން ނަން ދީފައި އޮންނަ ބައިގަނޑެއް އުޅޭ ސަރަހައްދެކެވެ.
ފުލުހުން ބުނާ ގޮތުން މި ހަމަލާ އަކީ މީހަކު ޖާނު ގޮއްވާލައިގެން ދިން ހަމަލާ އެކެވެ.
ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބައިބައިވެފައި އޮތް މި ސަރަހައްދުގައި، އެއްވުމެއް އިންތިޒާމުކުރީ ސަރަހައްދީ ސަރުކާރުގެ ބައިވެރިއެއް ކަމަށްވާ "ޖާމިއާ އުލަމާ އިސްލާމް" ޕާޓީންނެވެ.
ރީޖަނަލް ޕޮލިސް ޗީފް ނާސިރު ސައްތީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މި ސަރަހައްދުގައި ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަތަރު ބޮމެއް ވަނީ ގޮއްވާލާފަ އެވެ.
ސަރަހައްދީ ހެލްތު އޮފިސަރު -- ޑރ. ފައިސަލް ކަމާލް ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި 40 މީހެއްގެ ހަށިގަނޑު މަރު ޔަގީންކުރަން ހޮސްޕިޓަލަށް ވަނީ ފޮނުވާފަ އެވެ.
މަރުވި މީހުންގެ އަދަދު މިއަށް ވުރެ އިތުރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް އިންފޮމޭޝަން މިނިސްޓަރު ފީރޯޒް ޖަމާލު ނޫސްވެރިންނަށް ވިދާޅުވި އެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ޖާމިއާ އުލަމާ އިސްލާމްގެ ވެރިޔާ މައުލާނާ ޒިއާއުﷲ ވެސް ހިމެނެ އެވެ. އަދި ލޯކަލް ޓީވީ ސްޓޭޝަނެއްގެ ކެމެރާމަނެއް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ސިޔާސީ އެއްވުން ކަވަރުކުރަން ގޮސް ތިބި ރިޕޯޓަރުންނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު ޝަހެބާޒް ޝަރީފުގެ އަމުރަށް މީހުން ސަލާމަތްކުރުމަަށް އިމަޖެންސީ އުޅަނދުތައް ވަނީ އެ ސަރަހައްދަށް ފޮނުވާފަ އެވެ. އަދި އަވަސް ފަރުވާ ދިނުމަށް މީހުން އުފުލުމަށް ހެލިކޮޕްޓަރުވެސް ވަނީ ފޮނުވާފަ އެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެ އެވެ. ފުލުހުން ޝައްކު ކުރަނީ މިއީ ސިޔާސީ ގޮތުން ބަދަލުހިފުމަށް ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.
ފުލުހުންގެ ތަހުގީގު މިހާރު ފަށާފައިވާއިރު އެ ސަރަހައްދަށް އެހެން އަވަށަކުން ބަޔަކު ވަދެ ދިން ހަމާލާއެއްތޯ ވެސް ބަލާނެ އެވެ.