ދުނިޔެ

އިމްރާން ހާން ހޮސްޕިޓަލުން ދޫކޮށްލައިފި

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ޕާކިސްތާންގެ ވަޒީރުއާބާދުގައި އޮތް ސިޔާސީ އެއްވުމެއްގައި ބައިވެރިވެ ވަޑައިގެން އުޅުއްވަނިކޮށް އަވަހާރަކޮށްލަން މީހަކު ދިން ހަމަލާއެއްގައި ފަޔަށް ވަޒަން އެރުމުގެ ސަބަބުން ފަރުވާދިނުމަށެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން ފުރޮޅުލީ ގޮނޑިއެއްގައި އެހީތެރިންނާ އެކު ވަޑައިގަންނަވާ މަންޒަރު ކެމެރާތަކަށް ވަނީ އަރާފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އިމްރާންގެ ކަނާތުފައި ހުރީ ވަރަށް ބޮޑަށް ބެންޑޭޖްކޮށްފަ އެވެ.

އިމްރާން ކުރިން ވިދާޅުވި ގޮތުގައި ފަރުވާއަށްފަހު ސަރުކާރަށް ޕްރެޝަރު ކުރެއްވުމަށް މަގުތަކަށް ނުކުންނަވާނެ އެވެ. އަދި ނޮވެމްބަރު ތިނެއް، ބުރާސްފަތި ދުވަހު ހަމަލާދިން ހިސާބުން [ހަމަލާދިން އަވަށުން] މުޒާހަރާ އަލުން ފައްޓަވައި ކުރިއަށް ގެންދަވާނެ އެވެ. އެހެން ނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވެވަޑައިގެން ހިންގެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.

އިމްރާންގެ ފަޔަށް އަރާފައި ވަނީ ކިތައް ވަންޒަން ކަމެއް ވެސް ނޭނގެ އެވެ. އެކި ރިޕޯޓްތައް ބުނަނީ އެކި ގޮތަށެވެ. ވަޒަން އެރުމުގެ ސަބަބުން ލިބިފައިފައި ހުރި ގެއްލުންތައް އާންމު ޚަބަރުތަކުގައި ހުރީ ވެސް އެކި ޚަބަރުގައި އެކި ގޮތަށެެވެ.

އިމްރާން ޚާންގެ ޕާޓީން ސިޔާސީ އެއްވުން މި ފަހަކުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. މައިގަނޑު ބޭނުމަކީ އަވަސް އިންތިހާބެއް ބޭއްވުމަށް ސަރުކާރަށް ޕްރެޝަރު ކުރުމެވެ. އެހެން ނަމަވެސް، ސަރުކާރުން ބުނާ ގޮތުން އަވަސް އިންތިހާބެއް ބޭއްވުމަކީ މި އަހަރު އޮތް ކަމެއް ނޫނެވެ. އެކަމަކު ކުރިން ވެސް ރޭވިފައި އޮތް ގޮތަށް މި އަންނަ އަހަރު އާންމު އިންތިހާބެއް ބޭއްވޭނެ އެވެ.

އިމްރާން ޚާން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާއާށް ދިން ހަމަލާގެ ފަހަތުގައި ފޮރުވިފައި އޮތީ ސަރުކާރެވެ.

ސަރުކާރުގެ ވެރިންނާއި، ސިފައިންނާއި ފުލުހުން ގުޅިން ދިން ހަމަލާއެއް ކަމަށް އިމްރާން ވަނީ ތަކުރާރުކުރައްވާފަ އެވެ. އެކަމަކު ސަރުކާރާއި ސިފައިން އަދި ފުލުހުންގެ ވެރިން ވެސް މި ތުހުމަތު އިންކާރު ކުރައްވަ އެވެ.