ދުނިޔެ

އިމްރާން ހައްޔަރުކޮށްފިނަމަ އިސްލާމްއާބާދު ހިފާނަން: އިދިކޮޅު

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އިދާރާތަކުން ޓެރަރިޒަމްގެ ދައުވާ އުފުލުމާ އެކު ޕާކިސްތާންގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

އިމްރާން ހައްޔަރުކުރަން އެ މަނިކުފާން ދިރިއުޅުއްވާ ގޭދޮށަށް ފުލުހުން ދިއުމާ އެކު އިމްރާނަށް ތާއީދުކުރާ ސަޕޯޓަރުން މުޅި ސަރަހައްދު ވަށާލައި ފުލުހުންނާ ކުރިމަތިލައި ވަނީ ސަރުކާރަށް އިންޒާރުދީފަ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ފުޅުހުން ބުނީ ގޭދޮށަށް ދިޔައީ އިމްރާން ހައްްޔަރުކުރަން ނޫން ކަމަށާއި އަމަން ބެލެހެއްޓުމަށް ކަމަށެވެ.

އެހެން ނަމަވެސް ޕާކިސްތާންގެ ހައިކޯޓުން ނެރެފައި އޮތް އަމުރާ އެއްގޮތަށް މި މަހުގެ 25، ބުރާސްފަތި ދުވަހުގެ ފަހުން އެންޓި ޓެރަރިޒަމް ކޯޓަށް އިމްރާން ހާޒިރުވެ ވަޑައިގަންނަވަން ޖެހޭނެ އެވެ.

ޕާކިސްތާންގެ އެންޓި ޓެރަރިޒަމް ގާނޫންގެ ދަށުން އިމްރާނަށް ދައުވާކުރަނީ ސަރުކާރަށާއި ވަޒީރުންނަށް އަދި ފުލުހުންނަށް ބިރުދައްކައި އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރައްވާ ކަމަށް ބުނެ އެވެ.

އިމްރާންގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި އަދި އާންމު ޓީވީގައި އިމްރާން ގެންދަވަނީ ސަރުކާރާށާއި އަސްކަރިއްޔާގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޕާކިސްތާންގެ ގާނޫން ހަދާ މަޖިލީހުން އިމްރާންއަށް އިތުބާރު ނެތް ކަމަށް ފާސްކޮށް ބޮޑުވަޒީރުގެ މަގާމުން ދުރުކުރީ މިއަހަރުގެ އޭޕްރިގަ އެވެ. އެއަށް ފަހު އިމްރާން ގެންދަވަނީ ސަރުކާރުގެ ވެރިންނަށް ފާޑުވިދާޅުވެ ފަތިފުށް ހާމަކުރައް ވަމުންނެވެ.

އިމްރާންގެ ވަރަށް އަރިސް އަދި ޕާކިސްތާންގެ ބޮޑުވަޒީރުގެ މަގާމުގައި އެ މަނިކުފާން ހުންނެވިއިރު ޗިފް އޮފް ސްޓާފް ޝެހެބާޒް ގުލް، ފުލުހުން ހައްޔަރުކޮށް ބިރުދައްކައި އަނިޔާކުރި ކަމަށް ވިދާޅުވެ އިމްރާން ވަނީ ފުލުހުންނަށް އިންޒާރު ދެއްވާފަ އެވެ.

އިމްރާންގެ ފުށުން އިދާރާތަކަށް ފެނިފައި ހުރި މިފަދަ ހުރިހާ މައްސަލަތަކެއް ޚުލާސާކޮށް ޓެރަރިޒަމް ގާނޫންގެ ދަށުން ތަހުގީގަށް އޭނާ ހައްހަރުކުރަން ފުލުން ތިބީ ތައްޔާރަށެވެ.

އެހެން ނަމަވެސް ސަޕޯޓަރުން ބުނަނީ އިމްރާން ހުންނެވީ އިމެއްގެ ފަހަތުގައި ކަމަށާއި އެ ހިސާބަށް ފުލުހުން ގޮސްފި ނަމަ މުޅި އިސްލާމްއާބާދު ހިފާނެ ކަމަށެވެ.

އިމްރާން ހައްޔަރުކޮށްގެން ގެންގޮސްފި ނަމަ ސަރުކާރު ހިންގަން ފުރުސަތު ނުދޭނެ ކަމަށް ވެސް ސަޕޯޓަރުން ދަނީ ގޮވަމުންނެވެ.