ޕާކިސްތާންގައި ޖާނުން ފިދާވެ ގޮއްވާލި ކާރު ބޮމުގެ ހަމަލާއެއްގައި ޗައިނާގެ ފަސް މީހަކު މިދާކަށް ދުވަހު ވަނީ މަރާލާފަ އެވެ. މި ހަމަލާގެ ސަބަބުން ޗައިނާއިން ޕާކިސްތާންގައި ހިނގަމުންދިޔަ ހައިޑްރޮޕަވާ ޕްރޮޖެކްޓްގެ މަސައްކަތް ވަނީ ހުއްޓާލާފަ އެވެ.
މިއީ އެތައް ބިލިއަން ޑޮލަރުގެ އަގުބޮޑު ޕްރޮޖެކްޓެކެވެ. ފަންޑުކުރަނީ ޗައިނާއިންނެވެ.
ހައިޑްރޮޕަވާ ޕްރޮޖެކްޓް ވަތުގީ ގޮތުން ހުއްޓާލަން ޖެހުނީ ޕާކިސްތާންގައި ޕްރޮޖެކްޓް މަސައްކަތްތައް ހިންގަން ގޮސް ތިބި މީހުންގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ޗައިނާ އިން ގަބޫލުކުރާތީ އެވެ.
ކާރު ބޮން ގޮއްވާލި ބަޔަކު ހޯދުމަށް ޕާކިސްތާންގެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގައި ޗައިނާ ވެސް މިހާރު ވަނީ ބައިވެރިވެފަ އެވެ.
ޓެރަރިސްޓުން ހޯދުމުގެ މަސައްކަތްތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާން ވެސް ވަނީ އެއްބަސްވެފަ އެވެ.
ޕާކިސްތާންގައި ޖާނުން ފިދާވެ ދިން ކާރު ބޮމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ ޗައިނާ ސަރުކާރުން ހަރަދުކުރާ ގޮތަށް ޕާކިސްތާންގައި ބިނާކުރަމުންދާ 4،320 މެގަވޮޓްގެ ހައިޑްރޮޕަވާ ޕްރޮޖެކްޓްގެ މަސައްކަތް ހިނގާ ގޮތް ބައްލަވާލެއްވުމަށް ޒިޔާރަތްކުރެއްވި ޗައިނާގެ ވަފްދަކަށެވެ.
މި ހަމަލާގައި މަރުވި ޗައިނާ މީހުންގެ އިތުރުން ކާރު ދުއްވަން އިން ޕާކިސްތާންގެ ޑްރައިވަރުވެސް ވަނީ މަރުވެފަ އެވެ.
ޗައިނާއިން ޕާކިސްތާންގައި ހިންގާ ބައެއް ޕްރޮޖެކްޓްތަކަށް އަމާޒުކޮށް މީގެ ކުރިންވެސް ޓެރަރިސްޓް ހަމަލާތައް ވަނީ ދީފަ އެވެ. އަދި ޗައިނާގެ ޑިޕްލޮމެޓުންނަށްވެސް ބޮމުގެ ހަމަލާތައް ވަނީ ދީފަ އެވެ.
ބެލެވޭ ގޮތުގައި ޕާކިސްތާންގައި ޗައިނާގެ ފަންނީ މަސައްކަތްތެރިން ގިނަވުމާ ދެކޮޅު ބަޔަކު އުޅެ އެވެ. މީގެ ތެރޭގައި ގިނައީ ޕާކިސްތާން، އަފްޣާނިސްތާން އަދި ޕާކިސްތާން، އީރާން ބޯޑަރުގައި ވަކިވެގަނެގެން އުޅޭ ބާޣީ ހަނގުރާމަވެރި ގުރޫޕްތަކެވެ.
ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި ގާއިމުވެ ތިބި ހަނގުރާމަވެރިން ނައްތާލުމަށްޓަކައި ޕާކިސްތާންއާއި އީރާން ވެސް އޮތީ އެއްބަސްވުމެއް ހަދާފަ އެވެ.
އީރާނުން ގަބޫލުކުރާ ގޮތުގައި ޕާކިސްތާނުން ހިވާހިކަން ހޯދައިގެން އުޅޭ ހަނގުރާމަވެރިން، އީރާންގައިވެސް ޓެރަރިސްޓް ހަމަލާތައް ދެ އެވެ.
ޕާކިސްތާން ބޯޑަރުގައި ތިބި ހަނގުރާމަވެރި ގުރޫޕަކަށް އީރާނުން އަސްކަރީ ޑްރޯން ބޭނުންކޮށް ހަމާދިން މައްސަލާގައި، ދެ ގައުމުގެ ގުޅުން އެއް ފަހަރު ވަނީ ގޯސްވެފަ އެވެ.
އާދައިގެ ހާލަތްތަކުގައި ޕާކިސްތާންއާއި އީރާން އަކީ ވަރަށް ގާތް އަދި ސިއްރު މައުލޫމާތު ހިއްސާކުރާ ވަރުގެ އެކުވެރި ދެ ގައުމެވެ.