ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިޚާބަށް ކެމްޕޭންކުރެއްވުމަށް ކެލިފޯނިއާގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ނޫސްވެރިއަކަށް ހެދިގެން ހުރި މީހަކު ހަތިޔާރާ އެކު ވަންނަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
ކެލިފޯނިއާގެ ފުލުހުން ބުނި ގޮތުން ވެމް މިލާ، 49، މިހާރު ހުރީ ސުވާލުކުރުމަށް ހިފަހައްޓާފަ އެވެ. އޭނާ ބަލައި ފާސްކުރިއިރު އަތުގައި ހަތިޔާރު ހުރި ކަމަށް ފުލުހުން ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކެމްޕޭން އެއްވުމުގެ ތެރެއަށް ވަންނަ މީހުން ބަލައި ފާސްކުރާ ޗެކްޕޮއިންޓަކުން މި މީހާ ހިފެއްޓީ ޝައްކުވެގެންނެވެ. އޭނާގެ އަތުގައި ނޫސްވެރިއެއްކަން އަންގައިދޭ ފޭކުފާހެއް އޮތެވެ. އަދި ވަޒަން ލައްވާފައި އޮތް ބަޑިއެއް ވެސް އޮތެވެ. އެކަމަކު މި ބަޑި ބޭނުންކުރުމުގެ ހުއްދަ އޭނާގެ އަތުގައި ނެތް ކަމަށް ފުލުހުން ބުންޏެވެ.
ޗެކް ޕޮއިންޓުގައި ތިބި ފުލުހުން ރަނގަޅަށް ފާސްނުކުރި ނަމަ މިއީ ޓްރަމްޕް އަވަހާޜަކޮށްލަން ތިންވަނަ ހަމަލާއެއް ދޭނެ ފަހަރަކަށް ވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.
ވެމް މިލާއާ ބެހޭ ގޮތުން ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާއިރު އޭނާ އަކީ ރިޕަބްލިކަން ޕާޓީގެ މެމްބަރެކެވެ. އޭނާގެ އަތުގައި ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން ދީފައި އޮތް މާސްޓާސް ޑިގްރީއެއް އޮވެ އެވެ.
އޭނާ ހައްޔަރުކޮށް ކުރި ބައެއް ސުވާލަށް ޖަވާބުދިން ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ކެމްޕޭން އެއްވުަމަށް ވަތް ސަބަބު ބުނެދޭކަށް ބޭނުމެއް ނުވި އެވެ. ޓްރަމްޕް އަވަހާރަކޮށްލަން ވިސްނުމުގައި އޮތްތޯ ކުރި ސުވާލަށް ވެސް އޭނާ ޖަވާބެއް ނުދިނެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުން އޭނާ މިހާރު ވަނީ ކަފާލާތުގެ ދަށުން -- 5،000 ޑޮލަރު ދެއްކުމުން ދޫކޮށްލާފަ އެވެ. އެކަމަކު ހުއްދަ ނެތި ހަތިޔާރު ގެންގުޅުމުގެ ކުށަށް އޭނާއަށް ޝަރިއަތްކުރުމަށް ވަނީ ނިންމާފަ އެވެ. އެނާ ދެން ކޯޓަށް ހާޒިރުވާން ޖެހޭނީ ޖެނުއަރީގަ އެވެ.
ޑޮަނަލްޑް ޓްރަމްޕް ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަވަނިކޮށް މިގެ ކުރިން ވެސް ވަނީ ފުރާލެއްގެ މަތީގައި ހުރި މީހަކު ބަޑިން ހަމަލާދީ ޓްރަމްޕްގެ ކަނާތު ކަންފަތް ޒަޚަމްކޮށްލާފަ އެވެ. ޖުލައި މަހު ޕެންސީލްވޭނިއާަގައި ބޭއްވި މި އެއްވުމުގައި ޓްރަމްޕް ހަމަ ކިރިޔާ ސަލާމަތްވީ އެވެ.
މި އަހަރުގެ ސެޕްޓެމްބަރުގައި ޓްރަމްޕް ގޮލްފް ކުޅުއްވަން އުޅުއްވަނިކޮށް ވެސް ވަނީ ހަމަލާދޭން މީހަކު މަސައްކަތްކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ގަސްތަކުގެ ތެރޭގައި ފިލައި އޮވެ ޓްރަމްޕަށް ހަމަލާދޭން އުޅެނިކޮށް ސިއްރު ފުލުހުންނެވެ.
އެމެރިކާގެ ފުލުހުން ބުނާ ގޮތުން ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އެންމެ ބޮޑަށް މަަސައްކަތްކުރަނީ އީރާނުންނެވެ. އީރާނުން ވަނީ ޓްރަމްޕްގެ ބޮލަށް އަގުކިޔައި އިނާމު ވެސް ކަނޑައަލާފަ އެވެ.