ދުނިޔެ

ޓްރަމްޕް އަވަހާރަކޮށްލަން އީރާނަށް އެއްވެސް އިރެއްގައި ހާޖަތެއް ނުޖެހޭ: އީރާން

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އެއްވެސް އިރެއްގައި ރާވާފައި ނުވާނެ ކަމަށް އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިޔާން ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ ޓްރަމްޕް އަވަހާރަކޮށްލަން އީރާނަށް ހާޖަތެއް ނެތް ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕް މި މަހު 20 ގައި އެމެރިކާގެ ރައީސްކަމުގެ ހުވައިކުރައްވާނެ އެވެ. އެ ހިސާބުން އޭނާގެ ރައީސްކަމުގެ ދެވަނަ ދައުރު ފެށުނީ އެވެ. ކުރިއަށް އޮތް ހަތަރު އަހަރު އެމެރިކާގައި އޮންނާނީ ޓްރަމްޕްގެ ސަރުކާރެކެވެ.

އެމެރިކާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގައި ޓްރަމްޕް ވަނީ އީރާނަށް ވަރަށް ބޮޑަށް ދަތިކޮށްފަ އެވެ. ބާރަކް އޮބާމާގެ ވެރިކަމުގައި އީރާނާ އެކު އެމެރިކާއިން ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުން އުވާލައްވައި، ޓްރަމްޕް ވަނީ އިގްތިސާދީ ގޮތުން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކޮށްފަ އެވެ.

އީރާންގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯޕްސްގެ ކިޔަނި ކޮމާންޑަރު ގާސިލް ސުލައިމާނީ، ޖެނުއަރީ 3، 2020 ގައި އަވަހާރަކޮށްލީ ވެސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އޭނާގެ އަމުރަށެވެ.

އީރާނާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ފިޔަވަޅުތަކާ ގުޅިގެން އޭނާ އަވަހާރަކޮށްލަން ޝައުގުވެރިވާ އިބާރާތްތަކުން އީރާންގެ އޮފިޝަލުން އޭރު ވާހަކަދެއްކެވި އެވެ. އަދި ވީޑިއޯ އެނިމޭޝަން އުފައްދައި ޓްރަމްޕް އަވަހާރަކޮށްލާނެ ގޮތް ދައްކައި އިއުލާންކުރި އެވެ.

އެމެރިކާގެ އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިޔާން ވިދާޅުވީ ޓްރަމްޕާ ދެކޮޅު އެއްވެސް ހަރަކާތެއްގައި އީރާން ބައިވެރިވެފައި ނުވާނެ ކަމަށެވެ.

އީރާންގެ ނަމުގައި އުަފައްދައި ސޯޝަލް މީޑިއާއަށް ލާފައި ހުރި ލިޔުންތަކާއި އިންޒާރުތައް އަދި ވީޑިއޯ މަންޒަރުތަކަކީ އީރާންގެ ދުޝްމަނުންގެ އަމަލުތަކެއް ކަމަށް މަސްއޫދު ވިދާޅުވި އެވެ.

އީރާންގެ ބޮލުގައި ބަދުނާމު އަޅުވައި، އެމެރިކާ ރުޅިއަރުވައި އަދި ޓްރަމްޕް ކަހަލަ ސީރިއަސް ވެރިން ލައްވައި އީރާނަށް އަދަބު ދިނުމަކީ އީރާންގެ ދުޝްމަނުން ކުރާ އިންތިޒާރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.