ދުނިޔެ

އިމްރާން ޚާން އަށް ކުރި ޓެރަރިޒަމްގެ ދައުވާ ބާތިލުކޮށްފި

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އެ ގައުމުގެ މިހާރުގެ ސަރުކާރުން އުފުލާފައި އޮތް ޓެރަރިޒަމްގެ ދައުވާ ޕާކިސްތާންގެ ހައިކޯޓުން ބާތިލުކޮށްފި އެވެ.

އިމްރާން އިސްވެ ހުންނަވައި ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި އޮގަސްޓް 20 ގައި ބޭއްވި އާންމު އެއްވުމެއްގައި އޭނާ ވަނީ ޖުޑިޝަރީ އާއި ފުލުހުން އަދި ސަރުކާރުގެ ބައެއް މުއްސަސާތަކާ މެދު އާންމުގެ މެދުގައި ނަފުރަތު އުފެދޭ ބަހުރުވައިން ވާހަކަދައްކަވާފަ އެވެ.

ސިޔާސީ އެއްވުންތަކުގައި މިގޮތަށް ދައްކާ ވާހަކަތައް އާންމު ގޮތެއްގައި ދަނީ ތާކުންތާކު ނުޖެހި އެވެ. ސިޔާސީ ލީޑަރުންނަށް އިންޒާރުދިން ނަމަވެސް އެއީ އެކަން އޮންނަ ގޮތް ކަމަށް ބަލައިގެން ވެސް ބައެއް ފަހަރު ތިބެ އެވެ.

އެހެން ނަމަވެސް، ޕާކިސްތާންގެ މިހާރުގެ ސަރުކާރުން ބެލީ އިމްރާން އެގޮތަށް ވާހަކަދެއްކެވުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އެހެންވެ، މައްސަލަ ބަލައި އޭނާ އަށް އަދަބެއް ކަނޑައެޅުމަށް އެންޓި ޓެރަރިޒަމް ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

އިމްރާން ވިދާޅުވީ އޭނާގެ ބޮޑުވަޒީރު ކަމުގައި ސަރުކާރުގެ ބައެއް އޮފިޝަލުން ހައްޔަރުކޮށް އިހާނެތިކޮށް ހިތާނަމަ އެކަން ކުރި ބަޔަކާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އިމްރާން އެގޮތަށް ވިދާޅުވީ އާންމު އިންތިހާބަކުން އިމްރާނަށް އަލުން ބޮޑުވަޒީރުގެ މަގާމު ލިބިވަޑައިގެންފިނަމަ އެގޮތަށް އަމަލު ކުރެއްވުމުގެ ވިސްނުންފުޅުގަ އެވެ.

އިމްރާންގެ ވަރަށް އަރިސް އަދި ޕާކިސްތާންގެ ބޮޑުވަޒީރުގެ މަގާމުގައި އެ މަނިކުފާން ހުންނެވިއިރު ޗީފް އޮފް ސްޓާފް ޝަހްބާޒް ގިލް، ފުލުހުން ހައްޔަރުކޮށް ބިރުދައްކައި އަނިޔާކުރި ކަމަށް ވިދާޅުވެ އިމްރާން ވަނީ ފުލުހުންނަށް އިންޒާރު ދެއްވާފަ އެވެ.

އިސްލާމްއާބާދުގައި އިމްރާން އެގޮތަށް ވާހަކަދެއްކެވީ ވަކި ބަޔަކަށް އަނިޔާކުރާ ކަމުގެ ހެކި ހުރި ކަމަށް ވިދާޅުވެ އެވެ.

އިސްލާމްއާބާދު ފުލުހުން ޝަހްބާޒް ގިލް ހައްޔަރުކުރީ ވެސް އާންމުންގެ މެދުގައި މަސްލަހަތު ގެއްލޭ ފަދަ ވާހަކަތައް ދައްކަވާތީ ކަމަށް ފުލުން ވަނީ ބުނެފަ އެވެ.