ދުނިޔެ

ޕާކިސްތާން ސަރުކާރުން އިމްރާން ޚާން ގޭބަންދުކުރަން އޮތީ ރާވާފައި

ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ސަރުކާރަށް ދިމާވެފައި އޮތް އެންމެ ބޮޑު ޕްރެޝަރަކީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އެވެ.

ޕާކިސްތާން ތަހުރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ލީޑަރު އިމްރާން ޚާން އިސްވެ ހުންނަވައި ޕާކިސްތާންގައި އެއްވުންތައް ބާއްވައި ސަރުކާރުގެ ސިޔާސަތަށް އާންމުންގެ ތެރޭގައި ފާޑު ފާޑުވިދާޅުވުމަކީ ޝަހްބާޒް ޝަރީފްގެ ސަރުކާރަށް ކެތްކުރެވޭ ވަރުގެ ކަމަކަށްވެސް ނުވެ އެވެ.

އަނެއްކޮޅުން ވަކި ތާރީޚެއް އަދި ކަނޑައެޅިފައި ނެތް އެކަމަކު ޕާކިސްތާންގެ މަގުތަކުގައި ޕީޓީއައި އިން ބާއްވަން އިއުލާންކޮށްފައި އޮތް ދިގު ހިނގާލުމުގެ ސަބަބުން މިހާރުގެ ސަރުކާރަށް ޕްރެޝަރު ބޮޑުވެ ގައުމުގައި ހަމަނުޖެހުން އިތުރުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

ދިގު ހިނގާލުން ކޮންޓްރޯލް ކުރުމަށް ނުވަތަ ހުރަސްއަޅައި ބޭއްވިޔަ ނުދިނުމަށް ޝަހްބާޒް ޝަރީފްގެ ސަރުކާރުން ދެތިން ގޮތަކަށް ވިސްނާފައި އޮތް ކަމަށް ޕާކިސްތާންގެ ޑޯން ނޫހުން ބުނެ އެވެ.

މީގެތެރެއިން އެއް ގޮތަކީ ކުރީގެ ބޮޑުވަޒީރު އަދި ޕީޓީއައިގެ ލީޑަރު ގޭބަންދުކުރުމެވެ.

ސަރުކާރުގެ ވިސްނުމަކީ ދިގު ހިނގާލުން -- ވަކި ސަރަހައްދަކުން ހިނގާފައި ގޮސް ބައިބޯ ގުރޫޕްތައް އިސްލާމްއާބާދަށް ވަދެގަތުމުން ބޭރަށް ނުކުމެ ވަޑައިނުގެން ގޭގައި އިމްރާން މަޑުކުރައްވައިފިނަމަ އެ ސަރަހައްދު އެކުގައި ބަންދުކުރުމެވެ.

ދެން އޮތް ގޮތަކީ ހިނގާލުމުގައި ބައިވެރިވެ ވަޑައިގެން އިހުތިޖާޖުގެ ރޫހާ ޚިލާފަށް އެއްވެސް ކަމެއް ކުރެއްވުމަށް އިމްރާން ބާރުއަޅުއްވާނަމަ އިމްރާން އެ ވަގުތަކު ހުންނެވި ތަނަކުން ހައްޔަރުކޮށް ބަންދަށް ގެންދިއުމެވެ. އަދި ގާނޫނީ ގޮތުން ހުއްދަ ހުރިހާ ބާރެއް ބޭނުންކޮށް އެއްވުން -- ހިނގާލުން ރޫޅާލުމެވެ.

ޕީޓީއައިގެ ހިނގާލުން ކޮންޓްރޯލް ކުރުމަށް ފުލުހުންނަށް އިތުރު ބާރުތަކެއް ސަރުކާރުން ދޭ ގޮތަށް އޮތީ ބަހުސްކޮށް ނިންމާފަ އެެވެ. މީގެތެރޭގައި ޑިއުޓީގައި ތިބޭ ފުލުހުންގެ އިތުރުން 25،000 ފުލުހުން އިސްލާމްއާބާދުގެ މަގުތަކަށް ނެރުން ހިމެނެ އެވެ.

ހަމަނުޖެހުމެއް ހިންގާފާނެ ކަމަށް ބެލެވޭ ނަމަ އެ ބަޔަކާ ދިމާއާށް ފޯކަސްކުރަން ޑްރޯން ބޭނުންކުރަން ވަނީ ނިންމާފަ އެވެ. މީގެއިތުރުން 50،000 ރަބަރު އުންޑަ އާއި 60،000 ކަރުނަ ގޭސް ދަޅު ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ.