ދުނިޔެ

އިމްރާން ޚާން ހައްޔަރުކުރުމާ ދެކޮޅަށް ޕާކިސްތާންގައި މުޒާހަރާކުރަނީ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރަން ފުލުހުން ކުރަމުން ގެންދާ މަަސައްކަތްތަކަށް ހުރަސްއަޅައި ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަމުން އެބަދެ އެވެ.

ފުލުހުންނަށް ލިބިފައި އޮތް ކޯޓު އަމުރަކަށް އިމްރާން ހައްޔަރުކުރަނީ ބޮޑުވަޒީރުގެ މަގާމުގައި އިމްރާން ހުންނެވިއިރު ހަދިޔާގެ ގޮތުގައި އެކި ގައުމުތަކުން ލިބިވަޑައިގެންނެވި ތަކެތި ސަރުކާރުގެ ޚަޒާނާއިން އުނިވެފައިވާ މައްސަލާގަ އެވެ.

އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އިމްރާން ވަނީ ހަދިޔާތައް ބޭނުންކުރައްވައި މާލީ ފައިދާ ހޯއްދަވާފަ އެވެ.

ޕާކިސްތާންގެ ރައީސް އާރިލް އަލްވީ ވިދާޅުވި ގޮތުގައި، އިމްރާންގެ ޖާނަށް އެއްވެސް ގެއްލުމެއް ލިބިގެން ނުވާނެ އެވެ.

އޭނާ ވަނީ އިމްރާންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތަންފީޒީ އިދާރާތަކަށް ގޮވާލައި ގައުމުގައި ހަމަޖެހުމަށް ބާރުއެޅުމަށް ފުލުހުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

ލާހޫރުގައި ހުންނަ އިމްރާންގެ ގަނޑުވަރު ވަށާލައި ސަޕޯޓަރުން ވަނީ ފުލުހުންނަށް ބަންދުކޮށްފަ އެވެ. ސަޕޯޓަރުން އެތަނުން ދުރަށް ޖައްސައި، އިމްރާންގެ ގަނޑުވަރަށް ވަދަގަތުމަށްޓަކައި ފެންބަޑި އާއި ކަރުނަގޭސް ވެސް ވަނީ ބޭނުންކޮށްފަ އެވެ. އެހެން ނަމަވެސް، ފުލުހުންގެ ބާރުތަކަށް އަދި އެ ސަރަހައްދު ފޫވައްޓާލެވޭ ގޮތެއް ނުވެ އެވެ.

އިމްރާންގެ ގަނޑުވަރު ދޮށަށް އެއްވެ ތިބި އާންމުން ދުރައްޖެއްސުމަށްޓައި ލާހޫރު ފުލުހުން ވަނީ އެހެން ސިޓިތަކުގެ ފުލުހުންގެ ކިބައިން އެހީއަށް އެދިފަ އެވެ.

ފުލުންގެ ފަރާތުން ތަރުޖަމާން ވިދާޅުވީ ލޭއޮހޮރުވުމެއް ނެތި އިމްރާން ހައްޔަރުކުރުމަށް އާންމުންގެ އެއްބާރުލުން ބޭނުންވެ އެވެ. އެހެން ނަމަވެސް، ފުލުހުންގެ މި އެދުމާ ދެކޮޅަށް ބަސްނޭހުމުގައި ތިބި ކިތަންމެ ބަޔަކަށް މިހާރު ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބި ފަރުވާދޭން ޖެހިފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން އިސްލާމްއާބާދާއި ރާވަލްޕިންޑީގައި ސަޕޯޓަރުން މަގުތައް ބަންދުކުރުމުގެ ސަބަބުން އަމަން ބެލެހެއްޓުމަށްވެސް ވަނީ ދަތިވެފަ އެވެ. ފުލުހުންގެ ވެހިކަލްތަކަށް ޖެއްސުންކުރުމާއި ބިރުދެއްކުން ފަދަ އަމަލުތައް ވެސް އާންމުން ހިންގަމުން ގެންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.