ދުނިޔެ

ޕާކިސްތާނުގެ ސަފީރު އަވަހާރަކޮށްލަން ކާބުލްގައި މަސައްކަތް ކޮށްފި: ބޮޑުވަޒީރު ޝަރީފް

އަފްޣާނިސްތާނުގައި ހުންނަ ޕާކިސްތާނުގެ ޑިޕްލޮމެޓިކް އޮފީހަށް ހަތިޔާރު އެޅި ބަޔަކު ވަދެގަނެ ބަޑިން ދިން ހަމަލާތަކަކީ ސަފީރު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއެއް ކަމަށް އިސްލާމްއާބާދު ބުނެފި އެވެ.

މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވި ގޮތުގައި ހަމަލާދިން ބައެއްގެ ބޭނުމަކީ ޕާކިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިސްލާމްއާބާދުގެ ޑިޕްލޮމެޓިކް އޮފީހުގެ ވެރިޔާ އުބައިދުއްރަހްމާން ނިޒާމާނީ އަވަހާރަކޮށްލުން ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ މިއީ އިސްލާމްއާބާދުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ހާދިސާއެއް ނޫން ކަމަށެވެ. އަދި އަފްޣާން ސަރުކާރުން މިއަށް ވުރެ ބޮޑަށް ޒިންމާދާރުވާން ޖެހިފައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހަމަލާދިން ބަޔަކު އަދި ވެސް ނޭނގެ އެވެ. އެހެން ނަމަވެސް، ޝަހްބާޒް ޝަރީފް ވަނީ މި ހަމަލާ ވަރަށް ރަނގަޅަށް ބަލައި ތަހުގީގުކުރުމަށް އަފްޣާން ސަރުކާރަށް ގޮވާލައްވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމަލާދޭން އިމާރާތަށް ވަދެގަތުމުގެ ކުރިން ގާޑަށް ހަމަލާދީ ތިން ވަޒަން ވަނީ ޖަހާފަ އެވެ. އޭނާގެ ހާލު ސީރިއަސް ނަމަވެސް މަރުވިކަން އެނގިފައެއް އަދި ނެތެވެ.

މި ހަމަލާގައި ސަފީރު ނިޒާމަނީއަށް ވެސް ހާނީއްކަވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ޝަހްބާޒް ޝަރީފް ޓްވީޓްކުރައްވައި ވިދާޅުވީ ވަރަށް ނުރައްކާތެރި ހަމަލައެއްގައި ސަފީރު ދިފާއުކުރެއްވުމަށް ހިތްވަރުކުރި ގާޑަށް ވެދުމާއި ސަލާމް ކަމަށެވެ.

އަފްޣާނިސްތާންގައި ކުރިން އޮތް މަދަނީ ސަރުކާރު ވައްޓާލުމަށް ފަހު ތާލިބާނުން ވެރިކަމާ ހަވާލުވިއެއް ކަމަކު ޕާކިސްތާނުން ރަސްމީކޮށް ތާލިބާނުންގެ ސަރުކާރު ބަލައިގެންފައެއް ނުވެ އެވެ.

އެހެންކަމުން ޕާކިސްތާންގައި ހުންނަވާ ސަފީރަކީ ރަސްމީ ޗެނަލްތަކުގައި ހަމަޖެހިފައި އޮންނަ ޝަރަފާއި ރައްކަތެރިކަން އޮންނަ ބޭފުޅެއް ނޫނެވެ.

ޕާކިސްތާނާއި އަފްޣާން ބޯޑަރު ހިއްސާކޮށް ކުރަންޖެހޭ މުއާމަލާތްތަކަށް ޓަކައި އިސްމާލްއާބާދު ތަމްސީލު ކުރައްވާނެ ސަފީރަކު ނުވަތަ ޑިޕްލޮމެޓަކު ބަހައްޓަވަނީ އެވެ. އެއީ ރަސްމީ އުސޫލުތަކުން އެމްބެސަޑަރެއް -- ސަފީރެއް ނޫނެވެ.