އަފްޣާނިސްތާނުގައި އިނގިރޭސި ސިފައިން ތިބިއިރު ހިންގި ޖަރީމާތައް -- ކުށަކާ ނުލައި އާންމު ރައްޔިތުން މެރި ކަމަށް އިނގިރޭސި ސިފައިންނަށް އޮތް ތުހުމަތު -- ބެލުމަށް މިނިވަން ތަހުގީގެއް ފެށުމަށް އިނގިރޭސިވިލާތުން ނިންމައިފި އެވެ.
އިނގިރޭސި ދިފާއީ ވުޒާރާގެ ފަރާތުން އެންޑްރޫ މުރިސަން ގާނޫ ހަދާ މަޖިލީހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 2023 ވަނަ އަހަރު ތަހުގީގުތައް ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަހުގީތުގައް މައިގަނޑު ގޮތެއްގައި އޮންނާނީ 2010 އިން ފެށިގެން 2013ގެ މެދާ ހަމައަށް ހޭދަވި މުއްދަތަށެވެ. އެއިރު އަފްޣާންގައި ހިނގާދިޔަ، މީހުން މެރުމުގެ ހާދިސާތަކަށް އިނގިރޭސި ވުޒާރާތަކުން ޖަވާބުދާރީވި ގޮތް ބައްލަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން މިފަދަ ތަހުގީގެއް ކުރުމުގެ ބޭނުމަކީ އިނގިރޭސި އަސްކަރިއްޔާގެ އަގު ހިފެހެއްޓުމެވެ. އަފްޣާންގައި އިނގިރޭސި ސިފައިން ލާއިންސާނީ އެތައް ކަމެއް ހިންގި ކަމަށް އޮތް ތުހުމަތަކީ ގާނޫނީ ގޮތުން ކިހާ ބުރަދަނެއް އޮތް ކަމެއްތޯ ބެލުމަކީ ދިފާއީ ވުޒާރާ އިން އިސްނަގަން ޖެހޭ ކަމަކަށް ވާތީ ތަހުގީގުކުރަނީ ކަމަށްވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވިދާޅުވި އެވެ.
އެހެންނަމަވެސް މި ތަހުގީގަކީ ބަޔަކު ހިފައި ހައްޔަރުކުރުމަށް ހިންގާ ތަހުގީގެއް ނޫން ކަމަށްވެސް ދިފާއީ ވުޒާރާ އިން ބުނެ އެވެ.
އިނގިރޭސި ސިފައިންނަށް އޮތް ތުހުމަތު ތަކުގެ ތެރޭގައި 2011 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދެމެދުގައި އަފްޣާނިސްތާނުގައި އިނގިރޭސި ސްޕެޝަލް ފޯސަސް އިން ހިންގި ދެ އޮޕަރޭޝަނެއްގައި އަށް މީހަކު މަރާލާފައިވާ ކަމަށް ބުނާ ތުހުމަތެއް ހިމެނެ އެވެ. މީގެތެރޭގައި ތިން ޒުވާނަކު ވެސް ހިމެނެ އެވެ.
އަނިޔާ ލިބުނު މީހުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މީގެ 10 ވަރަކަށް އަހަރު ކުރިން އޭނާގެ ދެ ކޮއްކޮ އިނގިރޭސި ސިފައިން މަރާލީ އޭނާގެ ލޯކުރިމަތީގަ އެވެ.
"މިހާ ގިނަ ދުވަސްތަކަކަށް ފަހު އެ ޖަރީމާތައް ބަލާނެ ކަމަށް ބުނުމަކީ ވެސް ހިތަށް ފިނިކަން ލިބުނު ކަމެއް،" ކަމަށް އަނިޔާ ލިބުނު މީހުންގެ ފަރާތުން ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެން މިތިބީ މި ދުވަހެއްގެ އިންތިޒާރުގައި،" އޭނާ ބުންޏެވެ.
އިނގިރޭސި ސިފައިންނާއި އަފްޣާން ސިފައިންނަށް ވެސް އަދުލު އިންސާފުން ބޭރުން މީހުން މެރުމާއި ފޮރުވުމުގެ ތުހުމަތު އޮވެ އެވެ. އަދި މިއީ ހައްލު ނުވެ ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ކަމަށް ބުނެ އަފްޣާނިސްތާންގައި މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއަކުން ވެސް ވަނީ އެތައް ފަހަރަކު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ބުނާ ގޮތުން ތަހުގީގު ކުރުމަކީ ރަނގަޅު ކަމެކެވެ. އެކަމަކު މިއީ މާކުރިން ނިމެން ޖެހިފައި އޮތް ބޮޑު މައްސަލަ އެކެެވެ.