ސްލޮވާކިއާގެ ބޮޑުވަޒީރު ރޮޮބާޓް ފިކޯ އަވަހާރަކޮށްލަން މީހަކު ބަޑިން ދިން ނުރައްކާތެރި ހަމަލާއަށްފަހު އޭނާގެ ހާލު ރަނގަޅުވަމުން އެބަ އާދެ އެވެ.
ފިކޯގެ ކޮނޑަށާއި މެއަށް އަދި ދަށްބަނޑަށް އެރި އުންޑަތައް ނެގުމަށް ކުރި އޮޕަރޭޝަށް ކާމިޔާބު ކަމަށް ޑޮކްޓަރުންގެ ޓީމުން ބުންޏެވެ.
ހަބަރުތައް ބުނާ ގޮތުން ފިކޯ މިހާުރު އޮތީ "އިންޑިއުސްޑް ކޮމާ" އެއްގަ އެވެ. މިއީ އޭނާގެ ޑޮންޓަރުންގެ ޓީމުން ކަނޑައަޅާ މިންވަރަކަށް ހާއްސަ ބޭހެއް ދީގެން ވަގުތީ ގޮތުން ހޭނައްތާފައި ބޭއްވުމެވެ. ގަދަ ނިންޖަކުން ނިންދަވާފައި ބޭއްވުމޭވެސް ކިޔަ އެވެ.
ފިކޯއަށް ދިން ހަމަލާ ދުނިޔޭގެ ވަރަށް ގިނަ ލީޑަރުން ވަނީ ކުށްވެރިކޮށްފަ އެވެ. މީގެތެރޭގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފިކޯއަށް ދިން ހަމަލާ އަކީ ސިޔާސީ ގޮތުން އޭނާގެ ފިކުރު ނައްތާލުމަށް ބަޔަކު ރާވައިގެން ދިން ހަމަލާ އެކެވެ. އޭނާއާ ދެކޮޅަށް ބަޔަކު މިފަދަ ހަމަލާއެއް ރާވަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށް ސިޔާސީ މަސްރަހު ދަންނަ މީހުން ބުނެ އެވެ.
މިއީ ނޭޓޯ އަޑީގައި އޮވެގެން ދިން ހަމަލާއެއް ކަމަށް ވެސް ބުނެވެ އެވެ. ސަބަބަކީ ފިކޯ އަކީ ރަޝިއާއަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅަކަށް ވުމެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި ޔޫރަޕްގެ އިއްތިހާދުން ޔުކްރޭނަށް އެހީވުމުގައި -- ހަތިޔާރާއި އަސްކަރީ ސާމާނު ފޮނުވުމަށް ފިކޯ އަބަދުވެސް ދެކޮޅު ހައްދަވާ ކަމަށް ވެއެވެ.
ސްލޮވާކިއާގެ ކުރީގެ ސަރުކާރުން ޔުކްރޭނަށް އެހީވުމަށް ކަނޑައަޅާފައި އޮތް ބަޖެޓްވެސް ފިކޯ ވަނީ ހުއްޓުވާފަ އެވެ. އަދި ދެން އިތުރު ހަތިޔާރު -- އާންމު ގޮތެއްގައި ވަޒަނާއި ބޮން ނުފޮނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ އިންޓެލިޖެންސް އޮފިސަރުން ބުނާ ގޮތުން ފިކޯއަށް ހަމަލާދެވުނީ ސްލޮވާކިއާގެ ސީކްރެޓް ސާވިސްގެ ދޯހަޅިކަމުންނެވެ.
ފިކޯއަށް ހަމަލާދިން ވީޑިއޯއިން ވެސް މިތަން ފެންނަ ކަމަށް އިންޓެލިޖެންސް އޮފިސަރުން ބުނެ އެވެ.
ފިކޯގެ ހަށިފާރަވެރިންގެ ނެގިމަޑުކަމާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.
ސެކިއުރިޓީ ސާވިސްގައި ކުރިން މަސައްކަތްކުރި ބައެއް އޮފިސަރުން ބުނާ ގޮތުން ފިކޯއަށް ހަމަލާދިނުމުގައި ސްލޮވާކިއާގެ ސީކްރެޓް ސާވިސްގެ އަތެއް އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.