އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ހުންނަ އަބޫބަކުރު ސިއްދީގު މިސްކިތުގައި ބުދަ ދުވަހު ބާރުގަދަ ބޮމެއް ގޮއްވާލައި ނަމާދަށް ތިބި އެތައް ބަޔަކު މަރާލާއިފި އެވެ.
މި ހަމަލާގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންގެ އަދަދު އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
ޓްވިޓާގައި އާންމުކޮށްފައި ހުރި ވީޑިއޯތަކާއި ފޮޓޯތަކުން ލޭގެ ކޯރުތައް ފެނެ އެވެ. މިއީ އަނިޔާވެރިކަން ހައްދުފަހަނައެޅުން ކަމަށް ޓްވީޓްތަކުގައި ބުނެފައިވެ އެވެ.
ކާބުލްގެ ފުލުހުންނާ ހަވާލާދީ ޚަބަރު އޭޖެންސީތަކުން ބުނާ ގޮތުން ހަމަލާ އަމާޒުކޮށްފައިވަނީ މިސްކިތުގެ ސޫފީ އިމާމް، މައުލަވީ އަމީރު މުހައްމަދު ކާބޫލީ އަށެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަނީ މަރުވެފަ އެވެ. އެކަމަކު ކާބުލްގެ ސިފައިން މިކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ.
ރޮއިޓާސް ބުނާ ގޮތުން މަރުވި މީހުންގެ ތެރޭގައި ގިނައީ ދަރުސް އަޑުއަހަން ޖަމާވި ކުދިންނެވެ. ހަމަލާގެ ބާރުގަދަކަމުން އަވައްޓެރިންނަށް ވެސް އަނިޔާ ލިބުނު ކަމަށް ޚަބަރުތައް ބުނެ އެވެ.
ފުލުހުންގެ ތަރުޖަމާން ޚާލިދު ޒަދުރާންއަށް ނޫސްވެރިން ހުށަހެޅި ސުވާލުތަކަށް އޭނާ ދެއްވީ މަދު މައުލޫމާތެކެވެ. ހަމަލާގައި މަރުވި މީހުންގެ ފުރިހަމަ އަދަދު ފުހުލުން ހާމައެއް ނުކުރެ އެވެ.
ޓްވީޓާގައި ހުރި މައުލޫމާތަށް ބަލާއިރު މި ހަމަލާގައި މަދުވެގެން 20 މީހުން މަރުވެފައިވެ އެވެ. އަދި ސީރިއަސް އަނިޔާތަކާއެކު 27 މީހަކު ހޮސްޕިޓަލަށް ގެންދެވުނު ކަމަށްވެސް ބުނެ އެވެ.
އަފްޣާންގައި މިހާރު ވެރިކަންކުރާ ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު މި ހަމަލާ ކުށްވެރިކުރެއްވި އެވެ. އެކަމަކު އިތުރު އެއްވެސް މައުލޫމާތެއް ނުދެއްވި އެވެ. އެކަމަކު ހަމަލާ ދިން މީހުން ހޯދާނެ ކަމަށް ވިދާޅުވި އެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެ އެވެ.
އަފްޣާނިސްތާން އަކީ ގޮތް ނޭނގޭ ނުރައްކާތެރި ހަމަލާތައް ގިނަ ގައުމެކެވެ. ތާލިބާނުން ވެރިކަން ކުރަން ފެށި ފަހުން ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވެސް ފާހަގަކުރެވެ އެވެ.