އަފްޣާނިސްތާން

އަފްއާނިސްތާނުން ސްވިޑްންއާ ގުޅުން ކަނޑާލައިފި

އަފްއާނިސްތާން ސަރުކާރުން ސްވިޑްންއާ ގާއިމުކޮށްފައިވާ ހުރިހާ ގުޅުމެއް ކަނޑާލައިފި އެވެ.

އަފްއާނިސްތާންގައި ތާލިބާނުން ހިންގާ ސަރުކާރުން ބުނީ ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތައި މުސްލިމުންނަށް ފުރައްސާރަކުރަން ސްވިޑްން އިން ހުއްދަ ދީފައިވާތީ އަފްއާނިސްތާނުގައި ސްވިޑްން އިން ހިންގާ އެންމެހާ ހަރަކާތްތަކެއް ހުއްޓާލުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

"ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތައި މުސްލިމުންގެ އަގީދާއަށް ފުރައްސާރަކޮށްފައިވާތީ އިސްލާމިކް އެމިރޭޓް އޮފް އަފްއާނިސްތާނުން ވަނީ ސްވިޑްން އިން އަފްއާނިސްތާނުގައި ހިންގާ އެންމެހާ ހަރަކާތްތަކެއް ހުއްޓާލުމަށް އަމުރުކޮށްފައި،" އަފްއާނިސްތާން ސަރުކާރުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދް ވިދާޅުވި އެވެ.

ސްވިޑްންގައި ވަނީ މުސްލިމުންގެ އެންމެ އުފާވެރި ބޮޑު އީދު ދުވަހާއި ދިމާކޮށް ކީރިތި ގުރުއާން އެ ގައުމުގެ ވެރިރަށް ސްޓޮކްހޯމްގެ މިސްކިތެއް ކުރިމަތީގައި އަންދާލުމުގެ ނުބައި އަމަލު ހިންގާފަ އެވެ. އެ ހާދިސާ ހިންގާފައިވަނީ ކުރިން މުސްލިމަކަށް އުޅުނު އަދި ފަހުން އެއްވެސް ދީނެއް ގަބޫލުކުރަމުން ނުދާ ކަމަށް ބުނަމުންދާ އިރާގުން ސްވިޑްން އަށް ހިޖުރަކޮށްފައިވާ މީހެކެވެ.

ދުނިޔޭގެ އެންމެހާ މުސްލިމުންގެ ނަފްރަތު އަމާޒުވި އެ އަމަލު އޭނާ ހިންގިއިރު އޭނާއަށް ހިމާޔަތް ދީގެން ސްވިޑްންގެ ފުލުހުން ތިބެފައިވެ އެވެ.

ތާލިބާނުން އަފްއާނިސްތާނުގެ ވެރިކަމާ 2021 ވަނަ އަހަރު ހަވާލުވި ފަހުން ސްވިޑްން އިން އެ ގައުމުގެ އެމްބަސީ އަފްއާނިސްތާނުގައި ހިންގަމުން ގޮސްފައެއް ނުވެ އެވެ.

އަފްއާނިސްތާންގެ ސަރުކާރުން މި އެޅި ފިޔަވަޅާ މެދު ސްވިޑްންގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.