ދުނިޔެ

ސްވިޑަންއަށް އެމްބެސެޑަރަކު ފޮނުވުމެއް ނެތް: އީރާން

ސްވިޑަންއަށް ޚާއްސަ އެމްބެސެޑަރެއް ކަނޑައަޅަން މިވަގުތު ހަމަޖައްސާފައި ނުވާ ކަމަށް އީރާނުން ބުނެފި އެވެ.

ކީރިތި ގުރުއާނަށާއި މުސްލިމުންގެ މުގައްދަސް ފޮތްތަކަށް އިހުތިރާމް ކުޑަކޮށް އިސްލާމްދީނަށް ތައުހީނުކުރާ ބަޔަކަށް އެއްވެސް ކަމެއް ހާއްސަކުރުމުގެ ވިސްނުމެއް ނެތް ކަމަށް އީރާނުން ބުނެ އެވެ.

ގުރުއާން އެންދުމަކީ ސްވިޑަންގައި -- މުސްލިމުންނަށް އޮންނަ ނަފުރަތެއްގެ ބޮޑުކަމުން -- ދޭތެރެ ދޭތެރެއިން ކުރަމުން ގެންދާ ހަޑި މުޑުދާރު ހަރަކާތެކެވެ.

ސްވިޑަންގައި ގުރުއާން އަންދަނީ ކޯޓުތަކާއި ފުލުހުން ގުޅިގެން އަދި ސަރުކާރު އަޑީގައި އޮވެގެންނެވެ.

ސްވިޑަންގައި ގުރުއާން އެންދުން ކުށްވެރިކޮށް ނުރުހުން ފާޅުކުރުމަށް އީރާންގެ ވެރިރަށް ތެހެރާންގައި ހުންނަވާ ސްވިޑަންގެ ސަފީރު ވަނީ އީރާންގެ ފޮރިން މިނިސްޓްރީއަށް ވެސް ހާޒިރުކޮށް ޝަކުވާގެ ލިޔުން ހަވާލުކޮށްފަ އެވެ.

އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުއްލަހިޔާން ވިދާޅުވި ގޮތުގައި ސްވިޑަންއަށް ސަފީރަކު ފޮނުވުން މިވަގުތަށް އޮތީ އެޖެންޑާއިން ނަގާފަ އެވެ.

ސްވިޑަންއަށް ސަފީރަކު ފޮނުވުން އޮތީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި އިހުތިރާމްގެ މައްޗަށް ބަލާފައި ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ސްވިޑަންގައި މުރުތައްދުވެފައި ހުރި އީރާގުގެ މީހެއް ލައްވައި، މުސްލިމުންގެ ބޮޑު އީދު ދުވަހު، އެ ގައުމުގެ ސިޔާސީ އެކްޓިވިސްޓުންތަކެއް ގުރުއާންގެ މުސްހަފެއް އަންދައި -- އަދި އޭގެ ކުރިން ސަފުހާތަކުން އޭނާގެ ބޫޓު ފޮހެ، އޫރުލެއިން ތެންމައި މުސްހަފުގައި ފައިން ތަޅައި ވަނީ ބިމަށް ވަޅުވައްދާފަ އެވެ.

ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ގުރުއާން އެންދުމުގެ ހަރަކާތްތައް އަބަދުވެސް ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުމާ އެކު އެވެ.

ގުރުއާން އަންދަމުން ގެންދާއިރު، މުސްހަފު އަންދާ މީހާގެ ހިމާޔަތުގައި އޭނާ ވަށާލައިގެން ފުލުހުން ތިބެ އެވެ.

ސްވިޑަންގައި ގުރުއާން އެންދުން ކުށްވެރިކޮށް އަރަބި ދުނިޔެއިން ވަނީ ބަޔާންތައް ނެރެފަ އެވެ. އަދި ސްވިޑަންގެ ސަރުކާރަށް ޝަކުވާ ވެސް ވަނީ ހުށަހަޅާފަ އެވެ.

މުސްލިމުންނާ ދެކޮޅަށް ސްވިޑަންގެ ސަރުކާރުން މިފަދަ ގޮތެއް ނެތް ހަރަކާތްތައް ސްޕޮންސާކުރާ މައްސަލަ އޮޅުންފިލައިދިނުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް -- (އޯއައިސީ) އިން ވެސް ވަނީ ގޮވާލާފަ އެވެ.