ދުނިޔެ

ޔަހޫދީންގެ ރައްކާތެރިކަމާއި ސިޔާސަތު ތިއޮތީ ބޮންސުންލާފަ: އީރާން

ޔަހޫދީންނަކީ ދުނިޔޭގައި ވެސް ބާކީވެފައި ތިބި ބައެއް ކަމަށް ވިދާޅުވެ އިރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން ޔަހޫދީ ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ހުސައިން އަމީރު ވިދާޅުވި ގޮތުގައި ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަން އޮތީ ފޭލިވެފަ އެވެ. އަދި ސަރުކާރުގައި ތިބީ ހަރުދަނާ ސިޔާސަތެއް ދަންނަ ބަޔަކު ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ އަސް ދުއްވަން އެނގިވަޑައި ނުގަންނަވާ ހަނގުރާމަވެރިއެއް ކަމަށާއި ބާރުގަދަ އަސްކަރިއްޔާއެއް އޮތަތީ މޭފުއްޕާފައި ތިބެވެނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔަހޫދީން އާންމު ރައްޔިތުން ވެސް ތިބީ ސަރުކާރު ދެކެ ފޫހިވެފައި ކަމަށާއި ނަތަންޔާހޫ އަކީ އާންމުން އިންތިހާއަށް ރުޅިއަންނަ މީހެއް ކަމަށް އީރާންގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ބެންޖަމިން ނަތަންޔާހޫއަށް ކުރިމަތީގައި އޮތީ ކުޑަ ވަގުތުކޮޅެއް ކަމަށާއި އެ ވަގުތުކޮޅުގެ ދެމިއޮތުން އޮތީ ހަމާސްގެ ކިބައިން އޭނާގެ ރައްޔިތުން ސަލާމަތްކުރެވިއްޖެ ނަމަ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ހުސައިން އަމީރު ވިދާޅުވި ގޮތުގައި ޣައްޒާއަށް އެހާ ގަދަފަދަ ހަމަލާތަކެއް ދިނުމުގެ ފަހަތުގައި ވަނީ ނަތަންޔާހޫގެ މަގުބޫލުކަން އިތުރުކުރުމެވެ. އެ ނޫން ގޮތެއްގައި އޭނާއަށް ދެން ބޮޑުވަޒީރުގެ މަގާމުގައި ދެމި ނުނުންނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީން މިނިވަންކުރުމަށް ކުރެވޭ ޖިހާދު އަދި އޮތީ ކުރިއަށް ކަމަށް ހުސައިން އަމީރު ވިދާޅުވި އެވެ. މުޅި ޣައްޒާ ސުންނާފަތިކުރި ނަމަވެސް، ފަލަސްތީނަށް ޓަކައި މުސްލިމް އުންމަން ތެދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމާސްގެ ކިބައިން މިފަހަރު ފެނިގެން އެ ދިޔައީ ޔަހޫދީނަށް ހުރި ކުޅިމަޖާގަނޑެއް ކަމަށާއި މުސްލިމުންގެ އެއްބައިވަންތަކަން ޔަހޫދީންނަށް ދައްކައިދިނުން އަދި ކިރިޔާ ފެށުނީ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ޔަހޫދީން ޣާއްޒާއަށް ދެމުންދާ ހަމަލާތައް ދިގުދަންމަން ހަދައިފި ނަމަ ކުޅިވަރު ފެށޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ޔަހޫދީންނަށް މިއިން ޒަމާނަކު ވެސް ލިބިފައި ނުވާ ވަރުގެ ބޮޑެތި ގެއްލުންތަކެއް މި ފަހަރު ލިބުމުގެ މާނަ އަކީ ވެސް، ޔަހޫދީންގެ ދުވަސްތައް ގުނަންފެށިފައި އޮތްކަން ކަމަށް ވެސް އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން ވިދާޅުވި އެވެ.