ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އީރާންގެ އެމްބަސީއަށް ގޮތް ނޭނގޭ ފަސް މީހަކު ވަދެގެންފި އެވެ.
އޮފިޝަލުން ބުނި ގޮތުން އީރާންގެ އެމްބަސީއަށް އެ މީހުން ވަދެގެންފައިވަނީ ހުއްދައެއް ނެތި އަދި ކުރިން އެއްވެސް އިޝާރާތެއް ކުރުމެއް ނެތި އެވެ.
އެ މީހުން އީރާންގެ އެމްބަސީއަށް ވަދެގަތީ އެމްބަސީ ދޮށަށް އާންމުންގެ ބަޔަކު ޖަމާވެ ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބެލެވިގެން ފުލުހުންނަށް ގުޅާފައި ވަނިކޮށް ކަމަށް ސްޓޮކްހޯމްގެ ފުލުހުން ބުންޏެވެ.
ފުލުހުން އަދި ބުނީ މާބޮޑު ގަދަ ދެއްކުމެއް ނެތި އެ މީހުން އެމްބަސީން ނެރެ ސުވާލުކުރުމަށް ހިފައްޓާފައި ތިބި ކަމަށެވެ.
ސްވިޑަންއާ އީރާނާ ދެމެދު އޮތް ގުޅުން ހީނަރުވެފައި މިވަނީ އީރާންގެ ކުރީގެ ޖަލު އޮފިޝަލެއް ކަމަށްވާ ހާމިދު ނޫރީ އުމުރަށް ޖަލަށް ލުމަށް އެ ގައުމުގު ކޯޓަކުން ކުރި ހުކުމަކާ ގުޅިގެންނެވެ.
ހާމިދު ނޫރީ، 62، އަކީ ސްވިޑަނުން ބުނާ ގޮތުން ވަރަށް ގިނަ ބަޔަކު މަރާފައިވާ މީހެކެވެ.
އީރާންގައި 1988 ގައި ހިނގި ހަމަނުޖެހުންތަކުގައި ހާމިދު ނޫރީ ވަނީ 5،000 އަށް ވުރެ ގިނަ މީހުން މަރާފައި ކަމަށް ސްވިޑަން އިން ބުނެ އެވެ. އޭނާ މެރި މީހުންގެ ތެރޭގައި ޔޫރަޕަށް ނިސްބަތްވާ ބަޔަކުވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާނަށް އެކި ކަންކަމުގައި ދަރުތުކުރާ ބޭރު ގައުމުތަކުގެ މީހުން އެއްވެސް ކުށަކާ ނުލައި ވެސް ހައްޔަރުކުރެ އެވެ. އެއީ އެހެން ގައުމުތަކުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި އީރާންގެ ރައްޔިތުން ސަލާމަތްކުރުމަށް ބޭނުންކުރާ ބައެއްގެ ގޮތުގައެވެ.
އިރާންގައި މަދަނީ ހަމަނުޖެހުން ހިންގާފައިވާ ކަމަށް ބުނެވެސް އެތައް ބަޔަކު އިރާންގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ކަމަށް ހަބަރުތައް ބުނެ އެވެ.
މިގޮތަށް ހައްޔަރުކުރެވޭ މީހުންނާ މެދު އަސްކަރީ ކޯޓުތަކުން ޝަރީއަތް ކުރެވި އަދި އެ މީހުންގެ ފަރާތުން ވަކާލާތުކުރާނެ ވަކީލަކު ނެތިވެސް އަދަބު ކަނޑައަޅާ ކަމަށްވެސް ބުނެ ވެއެވެ.
މިފަދައިން ހައްޔަރުކުރާ ގިނަ މީހުންނަށް އީރާންގައި ހުކުމް އިއްވަނީ މެރުމަށެވެ. އެއީ އީރާންގައި ހަމަނުޖެހުން ހިންގައި ގައުމީ މަސްލަހަތު ގެއްލުވާލަން އުޅުނު ކަމުގެ ކުށުގަ އެވެ.