ޑެންމާކްގައި ހައްދުފަހަނަޅާފައި ތިބި ބަޔަކު ކީރިތި ޤުރުއާން އަންދައި އަދި އިރާގުގެ ދިދައަށް ގެއްލުންތަކެއް ދީފި އެވެ.
ޑެންމާކްގައި މި އަމަލު ހިންގާފައިވަނީ އެގައުމުގެ ފުލުހުންގެ ހިމާޔަތް ލިބިގެން ތިބެ އެގައުމުގެ ވެރިރަށް ކޮޕަންހޭގަންގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީ ގައެވެ.
ޑެންމާކްގައި މިދިޔަ ހުކުރު ދުވަހު މި އަމަލު ހިންގާފައި މިވަނީ ހައްދުފަހަނައަޅާފައިވާ އަމަލުތައް އެގައުމުގައި ހިންގުމަށް މަޝްހޫރު ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމުގައިވާ ޑަންސްކޭ ޕެޓްރިއޮޓާ އަށް ނިސްބަތްވާ މެންބަރުންތަކެކެވެ.
ޑެންމާކްގައި މިފަހަރު މި އަމަލު ހިންގާފައި މިވަނީ ސްވިޑްންގައި އެގައުމުގެ ސަރުކާރުގެ ހިމާޔަތް ލިބިގެން ތިބެ މިފަދަ އަމަލެއް ކީރިތި ޤުރުއާނަށް ކުރުމުން، މުސްލިމު އުންމަތުގައި އެކަމާ ދެކޮޅަށް އަޑުއުފުލައި ނުރުހުންވުން ފާޅުކުރަމުން އަންނަނިކޮށެވެ.
މި އަމަލު ޑަންސްކޭގެ މެންބަރުން ހިންގިއިރު މުސްލިމުންނާ ދިމާލަށް މަލާމާތްކޮށްފައި ހުރި އެތައް ލިޔުންތަކެއް އެ ޖަމާއަތުގެ މީހުން ގެންގުޅެފައިވެ އެވެ. އަދި އިރާގުގެ ދިދަ އަށް ފައިން އަރައި ވެއްޔާއި މޮޑެލިތަން ސޯޝަލް މީޑިއާ އަށް އެޖަމާއަތުން ދޫކުރި ވީޑިއޯ ތަކުގައިވެ އެވެ.
ޑަންސްކޭ ޖަމާއަތުން ބުނެފައިވަނީ އެ ޖަމާއަތުގެ މެންބަރުން މި އަމަލު ހިންގީ އިރާގުގެ ބަޣުދާދުގައި ހުރި ސްވިޑްންގެ އެމްބަސީ އަށް ހަމަލާ ދިނުމުން އެކަމާ އިހުތިޖާޖު ކުރުމަށް ކަމަށެވެ.
އިރާގުގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ސްވިޑްންގެ އެމްބަސީއަށް ބަޔަކު އަރައިގަނެ ހުޅުޖަހައި އަންދާލާފަ އެވެ. އިރާގުން އެކަން ކުރީ އިރާގަށް އުފަން ސްވިޑްން އަށް ހިޖުރަކޮށްގެން އުޅޭ ކްރިސްޓިއަނެއް ކަމަށްވާ ސަލްވާން މޮމިކާ މިދިޔަ ޖޫން 28 ވަނަ ދުވަހު ކީރިތި ގުރުއާންގެ ކޮޕީއެއް އަންދާލުމާ ގުޅިގެންނެވެ.
ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ކުރިމަތީ ޑެންމާކްގެ ހައްދުފަހަނަޅާފައިވާ ޑެނިޝް ސިޔާސީ މީހެއް ކަމުގައިވާ ރަސްމުސް ޕަލުޑާންއާ އެކު ނުވަ މީހަކު މިދިޔަ ޖެނުއަރީ މަހުގައި ކީރިތި ގުރުއާން އަންދާލުމާ ގުޅިގެން ތުރުކީންވެސް ވަނީ މި އެންމެން ހިފައި ހައްޔަރުކުރުމަށް އަމުރު ނެރެފައި ކަމަށް ތުރުކީ އިން މައުލޫމާތު ދީފައިވެ އެވެ.
ތުރުކީގެ ޖަސްޓިސް މިނިސްޓަރު ޔިލްމާޒް ވިދާޅުވެފައިވަނީ މި އަމަލު ހިންގި މީހުންގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އެދިވަޑައިގެންފައިވަނީ މި އަމަލު ހިންގީ ކޮން ބަޔަކު ކަމާއި އެމީހުންގެ ވަނަވަރަކީ ކޮބައިކަމާއި އަދި އެމީހުން ކުށްކުރިކަމުގެ ފުރިހަމަ ހެކި ހޯދުމަށްޓަކައި ކަމަށް ވިދާޅުވެފަ އެވެ.
ސްވިޑްންގައި ހިންގާފައިވާ އަމަލާ މެދު މުސްލިމް އުއްމަތުން ވަނީ ވަރަށް ބޮޑަށް އެކަން ކުށްވެރިކޮށް އެފަދަ އަމަލު ނުކުރުމަށް ގޮވާލައި އެތަކެއް ހަޅުތާލެއް އެއްކޮށް އަޑުއުފުލާފަ އެވެ.
ކީރިތި ގުރުއާނަށް އިހާނެތި އަމަލުހިންގާނެކަން ބެލެވޭއިރު، އިރާގުގައި އެތަކެއް ބަޔަކު ވަނީ ސްވިޑްންގެ އެމްބަސީ އަށް ހަމަލަދީ ހުޅުޖަހާފަ އެވެ.
އިރާގުގެ ބޮޑުވަޒީރު ވަނީ ސްވިޑްން އިން އެގައުމަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރު އަނބުރައި ސްވިޑްން އަށް ފޮނުވާލަން އަމުރުކުރައްވައި އަދި އިރާގުގެ، ސްވިޑްންގައި ހުންނަ އެމްބަސީގެ ވެރިޔާ އަނބުރައި ގައުމަށްވެސް ގެނެސްފަ އެވެ.
ސްވިޑްންގެ ސަރުކާރުގެ ހުއްދައިގެ ދަށުން މިދިޔަ ޖޫން މަހު މުސްލިމުންނާ މެދު ހިންގާފައިވާ އިހާނެތި މި އަމަލާ މެދު މުސްލިމް ގައުމުތައް ކަމުގައިވާ ތުރުކީ، އުރުދުން، ފަލަސްޠީން، ސައުދީ އަރަބިއާ، މޮރޮކޯ އިރާގު، އިރާން، ޕާކިސްތާން، ސެނެގޯލް، މޮރޮކޯ އަދި މޮރިޓޭނިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް ކުށްވެރިކޮށްފަ އެވެ.
ޕާކިސްތާން އަދި އިރާގުގައި އެތައް ހާސް ބަޔަކު ސްވިޑްންގައި ހިންގި އިހާނެތި އަމަލާމެދު އިހުތިޖާޖު ކޮށްފައިވާއިރު މޮރޮކޯ އިން ވަނީ ސްވިޑްންގައި ހުންނަ އެގައުމުގެ އެމްބެސެޑަރު އަނބުރާ ގެނެސްފަ އެވެ. އަދި ސްވިޑްންގައި ހިންގި އަމަލާ ހެދި އިރާނުން ވަނީ އެ ގައުމުގެ އެމްބެސެޑަރު ސްވިޑްން އަށް ކަނޑައެޅުން ފަސްކޮށްފަ އެވެ. ސައުދީ އަރަބިއާ އިންވެސް އިއްޔެ ވަނީ ޑިޕްލޮމެޓިކް ގޮތުން ސްވިޑްންގެ އެމްބެސެޑަރު ސައުދީ ހާރިޖީ ވުޒާރާއަށް ހާޒިރުކޮށް އިހުތިޖާޖް ނޯޓް ހަވާލްކޮށްފަ އެވެ.