ކީރިތި ގުރުއާން

ކީރިތި ޤުރުއާން އެންދި މައްސަލާގައި އދގެ ކުއްލި ބައްދަލުވުމެއް

ކީރިތި ޤުރުއާން ސްވިޑްންގެ މީހަކު އަންދާލި މައްސަލާގައި އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

މުސްލިމުންގެ އެންމެ އުފާވެރި އެއްދުވަސް ކަމަށްވާ އަޟްހާ އީދާއި ދިމާކޮށް ސްވިޑްންގައި މިއަމަލު ހިންގާފައިވަނީ އިރާގު ދަރިކޮޅަށް ނިސްބަތްވާ ކުރިން މުސްލިމެއްގެ ގޮތުގައި ހުރި އަދި މިހާރު ދީނެއް ގަބޫލުނުކުރާ އުމުރުން 37 އަހަރުގެ ސަލްވާން މޮމިކާ ކިޔާ، ސްވިޑްންގައި ހިޖުރަކޮށްގެން އެގައުމުގައި އުޅެމުން އަންނަ ރައްޔިތެކެވެ.

އޭނާ އެ އިހާނާތުގެ އަމަލު ހިންގާފައިވަނީ ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގެ މިސްކިތުގެ ކުރިމަތީގައި ފުލުހުންގެ ހިމާޔަތް ލިބިގެން ހުރެ އެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލުން ބުނެފައިވަނީ ކީރިތި ޤުރުއާން އަންދައި އިހާނާތްތެރިވި މައްސަލަ ބެލުމަށް ވަރަށް އަވަހަށް އެ ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ޖެނީވާގައި ހުންނަ އދގެ ހިއުމަން ރައިޓްސް ކައުންސިލުން ބުނެފައިވަނީ މި މަހުގެ 11 ވަނަ ދުވަހަށް އެ މައްސަލަ ކައުންސިލްގެ އެޖެންޑާގައި ހިމަނާފައިވާ ކަމަށެވެ.

އެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ ހުރުމަތްތެރިވެގެންވާ ދީނީ ކަންކަމާއި ދެކޮޅަށް ގަސްތުގައި ރާވައިގެން ހިންގާ ނަފްރަތުގެ އަމަލުގެ ސަބަބުން ޔޫރަޕްގެ ބައެއް ގައުމުތަކުގަ އާއި އަދި އެހެނިހެން ބައެއް ގައުމުތަކުގައިވެސް ކީރިތި ޤުރުއާނަށް އިހާނާތްތެރި ވަމުންދާ އަމަލުތައް ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލާގައި ކައުންސިލުން ގޮތްތަކެއް ކަނޑައެޅުމަށް މިހާރު ވަނީ ނިންމާފަ އެވެ.

އދގެ ހިއުމަން ރައިޓްސް ކައުންސިލުން މި މައްސަލަ ބަލަން ނިންމީ މުސްލިމުންގެ އޯގަނައިޒޭޝަން -- އޯއައިސީގެ ފަރާތުން ޕާކިސްތާނުންނާއި އަދި ހިއުމަން ރައިޓްސް ކައުންސިލްގެ ބައެއް މެންބަރުން ރަސްމީކޮށް މިމައްސަލަ ބެލުމަށް ކައުންސިލަށް ހުށަހެޅުމުންނެވެ.

ކީރިތި ޤުރުއާނަށް އިހާނާތްތެރިވި މައްސަލަ ބެލުމަށް މިފަހަރު ނިންމުން މިއީ އދގެ ހިއުމަން ރައިޓްސް ކައުންސިލް 2006 ގައި އުފެދުނުފަހުން ކުއްލި މައްސަލައެއް ބަލަން ނިންމި ނުވަވަނަ ފަހަރެވެ.

"އަހަރެމެން ދެކެނީ މި ކުއްލި މައްސަލަ ކައުންސިލުން ބަލަން ނިންމުމުން މީގެ ނަތީޖާ އަކަށްވެގެންދާނީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ކައުންސިލްގެ އެއްބައިވަންތަކަން އޮތްކަން ހާމަވުމުގެ އިތުރުން ދެފަރާތަށްމެ އިހުތިރާމް އެބައޮތްކަމާއި މޭރުންވުން އޮވެމެ، މިފަދަ މައްސަލަތަކަށް ކުރިއަށް އޮތްތަނުގައި ހައްލެއް ހޯދައި، ހުރިހާ މެންބަރުންނަށް ކުރިއަށް ދިއުމަށް އެއްބަސްވެވޭ އެއްބަސްވުމެއް އެކުލެވިގެންދާނެ ފުރުސަތަކަށް ވާނެ ކަމަށް،" އޯއައިސީގެ ފަރާތުން ޕާކިސްތާނުގެ އެމްބެސެޑަރު ޚަލީލް ހާޝިމީ ނެރުނު ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"އަދުގެ ދުނިޔޭގައި އޮތް ނަފްރަތާއި، ދެކޮޅުވެރިކަމާއި، ހަމަނުޖެހުމާއި، އަދި ތަފާތު ކުރުމުގެ އަމަލުތަކަށް ހައްލެއް ހޯދުމުގެ ސާފް މަގެއް ކަނޑައެޅުމަށް ކައުންސިލް މެނަބަރުން އެހީތެރިކަން ފޯރުކޮށްދީ މިމައްސަލަ ކައުންސިލުން ބެލުމަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އަހަރެމެން އިތުބާރު ކުރަން،" ހާޝިމީ ވިދާޅުވެފައިވެ އެވެ.

ސްވިޑްންގައި ރާވައިގެން ގަސްތުގައި މި ހިންގި އަމަލާ ހެދި އިސްލާމީ ގައުމުތަކުން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ގުޅިގެން މިފަދަ އަމަލުތައް ހުއްޓުވުމަށް ގޮވާލާފަ އެވެ.