ދުނިޔެ

ކީރިތި ޤުރުއާން އެންދި ޕަލުޑާންގެ ބަދުއަހުލާގީ މައްސަލަތަކެއް ފެންމަތިވެއްޖެ

މުސްލިމުންނާ ދެކޮޅު ހަރަކާތްތައް ހިންގާ ސްވިޑްންގެ ހަރުކަށި ރަސްމުސް ޕަލުޑާން ކުޑަކުދިންނާ ބަދުއަހުލާގީ ވާހަކަތަކެއް ދައްކާ އޯޑިއޯ ތަކެއް ފެންމަތިވެއްޖެ އެވެ.

ނަސްލީ ތަފާތު ކުރުން ގެންގުޅޭ ޕަލުޑާން އިންޓަނެޓް މެދުވެރިކޮށް ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި ވަނީ ކުޑަކުދިންނާ ބަދުއަހުލާގީ ވާހަކަ ދައްކައި އެފަދަ އަމަލުތައް ހިންގި ގޮތުގެ ވާހަކަތަކެއް ދައްކާފަ އެވެ. އެއިގެ ތެރޭގައި ޓީޗަރަކު ކުޑަކުއްޖަކު އޭނާގެ ކްލާހުގެ ދަރިވަރެއް ކުރިމަތީގައި ބަދުއަހުލާގީ އަމަލު ހިންގި ވާހަކަ ދައްކާފައިވެ އެވެ.

އޭނާ މިވާހަކަތައް ދައްކާފައިވަނީ އެއީ ސީދާ ކުޑަކުދިންތަކެއް ކަން އެނގިހު ރެ އެވެ. މިއަމަލު އޭނާ ހިންގާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޑިސްކޯޑް ގައެވެ. އޭނާ ދެއްކި ވާހަކަތަކުގެ ތެރޭގައި އޭނާއަށް އޭރު 39 އަހަރުވެފައިވާ ކަމަށާއި ކުދިންގެ އުމުރުން 13 އަދި 17 އަހަރު ކަމަށް ފާހަގަކުރެވިފައިވެ އެވެ.

ސްވިޑްންގައި 15 އަހަރު ނުވާ ކުޑަކުދިންނާ އެކު ބަދުއަހުލާގީ ވާހަކަ ދެއްކުމަކީ މަނާކަމެއްކަމުގައިވާއިރު ޕަލުޑާން މި އަމަލު 13 އަދި 14 އަހަރުގެ ކުދިންނާއެކު ހިންގަމުން ގޮސްފައިވަނީ އެކަން ދަނެ ހުރެގެންނެވެ. އޭނާ ކުޑަކުދިންތަކަކާ ދައްކާފައިވާ އެފަދަ ބަދުއަހުލާގީ އެތައް ވާހަކައެއް ވަނީ ރިޕޯޓްކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ އިސްލާމް ދީނާ ބެހޭގޮތުން ކުޑަކުދިންނާ ވާހަކަ ދައްކައި އޭނާ އިސްލާމް ދީނަށް ނަފުރަތު ކުރަނީ ކީއްވެގެންކަން ބުނެދީ އުނގަންނައިދޭން މަސައްކަތްތަކެއް ކޮށްފަ އެވެ.

ރަސްމުސް ޕަލުޑާން ޑިސްކޯޑް އެޕް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާގެ ޔޫޓިއުބް ޗެނަލް ބަންދުކުރުމާ ގުޅިގެންނެވެ.

ބަދުއަހުލާގީ ވާހަކަދެއްކުމުން އޭނާ މިހާތަނަށް ހައްޔަރުކޮށްފައި ނުވި ނަމަވެސް ފާއިތުވި ތަނުގައި 14 ކުށަކަށް އަރައިގެންފައިވެ އެވެ. އެއިގެ ތެރޭގައި ނަސްލީ ތަފާތުކުރުމާއި، އަބުރަށް އަރައިގަތުމާއި އަދި ޓްރެފިކް ގަވައިދުތަކާއި ހިލާފްވި މައްސަލަތަކެއް ހިމެނެ އެވެ. އޭނާ ވަނީ މީގެ ކުރިން tިން މަހަށް ޖަލަށްވެސް ލާފަ އެވެ.

ކީރިތި ޤުރުއާން އޭނާ އެންދި މައްސަލަ އެތައް ބަޔަކު ކުށްވެރިކުރި ނަމަވެސް ސްވިޑްން އަށް ނޭޓޯއަށް ވަދެވެންދެން ކޮންމެ ހުކުރު ދުވަހަކު ކީރިތި ޤުރުއާން އެންދުމަށް އޭނާ ވަނީ ވައުދުވެފަ އެވެ.

ސްވިޑްން އިން ވަނީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށުމާއެކު، ސްވިޑްން އިން ގެންގުޅެމުން އައި ވަކިފަރާތަކަށް ނުޖެހޭ އަސްކަރީ ސިޔާސަތު ބަދަލުކޮށް ނޭޓޯގައި ބައިވެރިވުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު ނިންމާފަ އެވެ.

ތުރުކީ އިން ވަނީ ސްވިޑްންގެ މި ނިންމުމަށް އަމަލުކުރެވޭނީ ސްވިޑްން އިން ތުރުކީގެ ކުރުދީ ގުރޫޕްތަކާއި ތުރުކީ ސަރުކާރާ އިދިކޮޅަށް ހިންގާ ޓެރަރިޒަމް ހަރަކާތް ހިންގާ މީހުންނަށް ރައްކާތެރިކަން ދިނުން ހުއްޓާލުމުން ކަމަށް ބުނެފަ އެވެ.