ކީރިތި ޤުރުއާންގެ އެއްލައްކަ ކޮޕީ ސްވިޑްން ބަހަށް ތަރުޖަމާކޮށް ޕްރިންޓް ކުރުމަށް ކުވައިތު ސަރުކާރުން ނިންމައިފި އެވެ.
މިއީ ސްވިޑްންގައި ކީރިތި ޤުރުއާންގެ މުސްހަފްތަކެއް އަންދާލައި އިހާނެތި އަމަލުތަކެއް ހިންގުމާ ގުޅިގެން ކުރަން ނިންމި ކަމެކެވެ.
ސްވިޑްންގައި ހިންގި މި ނުބައި އަމަލާ މެދު ދުނިޔޭގެ އެކި ހިސާބުތަކުން މުސްލިމުން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފަ އެވެ. މީގެއިތުރުން މުސްލިމު ގައުމުތަކުން ޑިޕްލޮމެޓިކް ގޮތުން މިކަން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ކުވައިތު ސަރުކާރުން ސްވިޑްން ބަހުން ކީރިތި ޤުރުއާން ޕްރިންޓް ކުރުމަށް ނިންމާފައިވަނީ މުސްލިމުންގެ އުސޫލުތަކާއި އިސްލާމީ ހަމަތަކާއި ކެތްތެރިކަމުގެ ބަހާތަކައި އެންމެހާ އިންސާނުންގެ މެދުގައި ސުލްހަވެރިކަމާއެކު އުޅެން އަންގަވާފައިވާ އެންގެވުންތައް ފަހުމްވެ ހާމަވުމަށްޓަކައި ކަމަށް ކުވައިތުގެ ސަރުކާރު މީޑިއާ -- ކޫނާ އިން ރިޕޯޓް ކޮށްފައިވެ އެވެ.
ކުވައިތުގައި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތް ހިމާޔަތްކޮށް ބަލަހައްޓައި އަދި ޕްރިންޓްކޮށް ޕަބްލިޝް ކުރާ އަދި އޭގެ ސައިންސާއި ބެހޭ ޖެނެރަލް އޮތޯރިޓީއިން މި ނިންމުން ނިންމާފައިވަނީ ކުވައިތުގެ ބޮޑުވަޒީރު ޝައިޚް އަހްމަދު ނަވާފް އަލް އަހްމަދު އަލް ސަބާހްގެ ލަފާފުޅަކަށެވެ.
ކީރިތި ޤުރުއާންގެ ކޮޕީތައް ސްވިޑްންގައި ބެހުމަށްޓަކައި އެ ކޮޕީތައް ޕްރިންޓް ކުރުމުގެ މަސައްކަތް މިވަގުތު ކުވައިތުގައި ކުރަމުންދާ ކަމަށް ޖެނެރަލް އޮތޯރިޓީގެ ޗެއާމަން ޑރ. ފަހަދް އަލް ދައިހާނީ ވިދާޅުވެފައިވެ އެވެ.
ކުވައިތުން ބޭނުންވަނީ އިސްލާމް ދީނުގައި އޮންނަ ކެތްތެރިކަމުގެ ރިވެތި ސިފައާއި އިސްލާމީ އަސްލު އުސޫލުތައް ހާމަކޮށްދިނުމަށް ކަމަށް ޑރ ދައިހާނީ ވިދާޅުވެފައިވެ އެވެ.
އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ވަނީ ކީރިތި ޤުރުއާނަށް އިހާނާތްތެރިކޮށް ހިތި އަމަލު އިއްޔެގެ ވަގުތެއްގައި ކުށްވެރިކޮށް ގަރާރެއް ފަސްކޮށްފަ އެވެ. މިގަރާރުގައި މިފަދަ އިހާނެތި އަމަލުތައް ހުއްޓުވުމަށް އަދި ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް މެންބަރު ގައުމުތަކަށް ގޮވާލާފައިވެ އެވެ.
އދގެ ކައުންސިލަށް މި މައްސަލަ ހުށަހަޅާފައިވަނީ މުސްލިމުންގެ ޖަމާއަތް އޯއައިސީގެ 57 ގައުމުގެ ފަރާތުން ޕާކިސްތާނާއި ފަލަސްޠީން އެކުވެގެންނެވެ.