އޯއައިސީ

ކީރިތި ގުރުއާނަށް ތައުހީނުކުރުން އޯއައިސީއިން ހަރުކަށިކޮށް ކުށްވެރިކޮށްފި

އޯއައިސީ އިން ގުރުއާން އެންދުމުގެ އަމަލު ކުށްވެރިކުރީ ސައުދީ އަރަބިއާގެ ޖިއްދާގައި އިއްޔެ ބޭއްވި އެ ޖަމާއަތުގެ 18 ވަނަ ހާރިޖީ ވަޒީރުންގެ އާދަޔާޚިލާފް ކޮންގްރެސް އަށް ހުށަހެޅުނު ގަރާރު ފާސްކުރުމަށްފަހު އެވެ.

މިގަރާރުގައި ވަނީ ސްވިޑްން އާއި ޑެންމާކްގެ ރަސްމީ އިދާރާތަކުން ތައުހީނުކުރުމުގެ އަމަލުތައް ހިންގުމަށް ކެނޑިނޭޅި ދޫކޮށްލުމާއި އަދި މިފަދަ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާތީ އިންތިހާއަށް ކަންބޮޑުވާކަންވެސް ފާހަގަކޮށްފަ އެވެ.

އޯއައިސީގެ ގަރާރުގައި ވަނީ އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރަކާ ހަވާލާދީ އޭގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ ބައިނަލްއަގުވާމީ މައިދާނުގައި އޮންނަންޖެހޭ ޓޮލަރެންސް އާއި އަމަންއަމާންކަން ދެމެހެއްޓުމަށް، އެ ދެ ގައުމުންވެސް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

އޯއައިސީގެ ގަރާރުގައި ބުނެފައިވަނީ މި މައްސަލާގައި ޔޫރަޕިއަން ޔުނިއަންގެ ކޮމިޝަން އާއި އެކު މަޝްވަރާ ކުރުމަށް އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހިމެނޭގޮތުން ވަފްދެއް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. މި ވަފްދު ފޮނުވުމުގެ މަގްސަދަކީ އޯއައިސީ މެންބަރު ގައުމުތަކުގެ ކަންބޮޑުވުންތައް ހާމަކުރުމާއެކު މިފަދަ ތައުހީނުކުރުމުގެ މައްސަލަތައް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގަމުންދާ ދިއުން ހުއްޓުވުމަށް ބާރު އެޅުމެވެ.

އޯއައިސީގެ ގަރާރުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކީރިތި ގުރުއާނާއި އަދި ދީނީ އެހެނިހެން ރަމްޒްތަކަށް ކުރަމުންދާ އެކި ބާވަތުގެ އެންމެހާ އިހާނެތި އަމަލުތައް ކޫށްވެރިކުރުމުގެ އިތުރުން ބައިނަލްއަގްވާމީ މުޖްތަމައުން މިފަދަ އަމަލުތަކާއި ދެކޮޅަށް އެއްބައިވުމަށްވެސް ގޮވާލާފައިވެ އެވެ.

އޯއައިސީގެ ގަރާރުގައި މެންބަރު ގައުމުތަކުން، އެފަދަ އަމަލުތައް ހިންގާ ގައުމުތަކުގައި ތިއްބަވާ އޯއައިސީ ގައުމުތަކުގެ އެމްބެސެޑަރުން އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްވެސް ނިންމާފައިވެ އެވެ. މީގެ މަގުސަދަކީ އިހާނެތި އަމަލުތައް ހިންގާ ގައުމުތަކުގެ ޕާލިމަންޓުތަކާއި، މީޑިއާ އާއި، މަދަނީ ޖަމާއަތްތަކާއި އަދި ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާކޮށް އެފަދަ އަމަލުތައް އެގައުމުތަކުގައި ކުށްވެރިކުރެވޭނެ ގާނޫނުތައް ފާސްކުރުމެވެ.

އޯއައިސީ އިން ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދެވެނީ ޒިންމާތަކަކާއި މަސްއޫލިއްޔަތު ތެކެއް އަދާކުރުމާއެކު ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ކީރިތި ގުރުއާނަށް އިހާނަތްތެރިކޮށް ހިތާ ގައުމުތަކާއި ދެމެދު، އޯއައިސީ ގައުމުތަކުން އެއްބައިވެ ކަމާގުޅޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށްވެސް ގަރާރުގައި ގޮވާލާފައިވެ އެވެ. ވަކިން ހާއްސަކޮށް ސްވިޑްން އާއި ޑެންމާކަށް ބަލަމުން ގެންދިއުމަށްވެސް އެދިފައިވެ އެވެ. އަޅަން ނިންމި ފިޔަވަޅު ތަކުގެ ތެރޭގައި އޯއައިސީ މެންބަރު ގައުމުތަކުގެ އެމްބެސެޑަރުން އެފަދަ އަމަލު ހިންގާ ގައުމުތަކުން އަނބުރައި ގައުމަށް ގެނައުމާއި، ސިޔާސީ، އިގްތިސޯދީ އަދި ސަގާފީ ދާއިރާގައި ފިޔަވަޅު އެޅުންވެސް ހިމެނެ އެވެ.

މީގެ އިތުރުން މި ގަރާރުގައި އޯއައިސީ އިން އިސްލާމޯފޯބިއާގެ ބަލިހުއްޓުވުމަށް މަސައްކަތް ކުރުމަށް ހާއްސަ މަންދޫބެއް އޯއައިސީގައި ކަނޑައަޅާފައި ބެހެއްޓުމާއި އަދި އދގެ ހާއްސަ ރެޕަޓުއާއެއް އިސްލާމޯފޯބިއާ ބަލީގެ މައްސަލަތައް ހައްލުކުރުމަށް އދ ގައި އައްޔަންކޮށްފައި ބެހެއްޓުމަށްވެސް އދގައި އެދިފައިވެ އެވެ.

އޯއައިސީގެ ގަރާރުގައި މެންބަރު ގައުމުތަކުން މިހާތަނަށް މި އިހާނެތި އަމަލުތަކާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާފައިވެ އެވެ. ބައިނަލްއަގުވާމީ މައިދާނުގައި މިމައްސަލައަށް އެއްބާރު ލިބެމުންދާއިރު އޯއައިސީ އިން ވަނީ ހުރުމަތްތެރިވެގެންވާ ދީނީ ކަންކަމާއި ރަމްޒުތައް ހިމާޔަތް ކުރުމަށް މެންބަރު ހުރިހާ ގައުމަކުން އެއްބައިވެގެން ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަށް އެއްބަސްވެފަ އެވެ.

ކީރިތި ޤުރުއާނަށް، ސްވިޑްން އަދި ޑެންމާކްގައި ތައުހީނުކުރުމުން މީގެ ކުރިން އޯއައިސީ އިން ވަނީ އެޖަމާއަތުގެ އެގްޒެކަޓިވް ދެ ބައްދަލުވުމެއް އެމްބެސެޑަރުން ލެވެލްގައި މިދިޔަ ޖެނުއަރީ 31 އަދި ނިމިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު ބާއްވާފަ އެވެ.