ދުނިޔެ

ކާބުލް އެއާޕޯޓް: އެމެރިކާއަށް އޮތް ސުންގަޑި ޖެހެމުން އަންނައިރު

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލަން ކަނޑައަޅާފައި އޮތް ސުންގަޑި ޖެހެމުން އަންނައިރު ކާބުލް އެއާޕޯޓް، ހާމިދު ކަރުޒާއީ އިންޓަނޭޝަނަލް އެއާޕޯޓް ފެންނަން އޮތް ގޮތް މިއޮތީ އެވެ.

އެމްބަސީތަކުގެ އޮފިޝަލުންނާއި އެންޖީއޯތަކުގެ އިދާރީ މުވައްޒަފުން އަދި އާންމުންގެ އެތައް ބަޔަކު މަތިންދާބޯޓުތަކަށް އަރުވައި ގެންދަނީ ބަރާ ކުރަމުންނެވެ. އަނެއްކޮޅުން ދުޝަމަނުންގެ ހަމަލާއެއް އޮތް ހިސާބެއް ވަޒަން ކުރުމުގައި އަސްކަރީއްޔާ އޮތީ އަވަދިނެތި އެވެ.

ކާބުލް އެއާޕޯޓަށް ދުޝްމަނުން އަމާޒުކުރި ފަސް ރޮކެޓެއް އެމެރިކާ ސިފައިން ހޯމަ ދުވަހު ވައިގެ ތެރެއަށް ހިންދާލި ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ. މިއީ ވެސް ރަނގަޅަށް ވިއްޔާ އައިސިސްކޭ ޖަމާއަތުން ދޭން މަސައްކަތްކުރި ހަމަލާ އެކެވެ.

އެމެރިކާއާ ތާލިބާނުންނާ ދެމެދު ވަކި ގޮތަކަށް އެއްބަސް ވެވިފައި ނެތް ނަމަ މިރޭ 12:00 އަށް ސުންގަޑި ހަމަވާނެ އެވެ. އެމެރިކާ ސިފައިން ބޭލުމަށް ވަގުތު ކުޑަންވަމުން އަންނައިރު އައިސިސްކޭ ފަދަ ޓޭރަރިސްޓް ގުރޫޕްތަކުން އަދިވެސް މަސައްކަތް ކުރަނީ އެމެރިކާގެ ދެތިން ސިފައިން ނަމަވެސް މަރާލެވޭތޯ އެވެ.

ވައިޓް ހައުސްއިން ބުނާ ގޮތުން ޓެރަރިސްޓުން ކިތަންމެ ވަރެއް ދެއްކި ނަމަވެސް ސިފައިން ބާލަން ކުރާ މަސައްކަތްތައް ހުއްޓައި ނުލާނެ އެވެ. އަދި މަސައްކަތްތައް ނުކުރެވޭ ވަރު ކުރާކަށް ވެސް ނުކުރޭނެ އެވެ. އެއަށް ވުރެ އެމެރިކާގެ އަސްކަރިއްޔާ ހުޝިޔާރެވެ.

މީޑިއާއަށް މިހާތަށް އެނގިފައި އޮތީ މިހާރު އޮތް ސުންގަޑިއަށް ފަހު ތާލިބާނުން އިތުރު ވަގުތު އެމެރިކާއާށް ނުދޭނެ ކަމެވެ. އެހެން ނަމަވެސް އެއަށް ފަހު ތާލިބާނުން ދެން ކަންކުރާނެ ގޮތެއް މުޅިން ސާފެއް ނުވެ އެވެ.

އެމެރިކާއިން ސިއްރިއްޔާތުގައި ތާލިބާނުންނާ ވާހަކަތަކެއް ވަނީ ދައްކާފަ އެވެ. އެމީހުން ދެއްކީ ކޮން ވާހަކަތަކެއް ކަމެއް ނުބުނެ އެވެ. އަޑުއިވޭހާ ވެސް ވާހަކައަކީ އެމެރިކާއަށް އިތުރު ވަތުގު ނުދޭނެ ކަމަށް ތާލިބާނުން ބުނި ކަމެވެ.

ތާލިބާނުން އިތުރު ވަގުތު ނުދީފާނެތީ އެމެރިކާއިން ކަންބޮޑުވެގެން އުޅޭ ތަނެއް ވެސް ނުފެނެ އެވެ. އެހެން ނަމަވެސް ބުނަނީ ސުންގަޑި ޖެހޭއިރު ބޭލުނު ބަޔަކު ބޭލުނީ ކަމަށެވެ. އަދި ބުނަނީ އަފްޣާން ދޫކޮށް ދާން ބޭނުންހާ ބަޔަކަށް ފުރުސަތު ނުދެވިދާނެ ކަމަށެވެ.