އަފްޣާނިސްތާންގައި އެމެރިކާ ޑޮލަރު ނީލަން ކިޔަން ނިންމައިފި އެވެ. މަރުކަޒީ ބޭންކުން ބަޔާނެއް މެދުވެރިކޮށް ބުނެފައިވާ ގޮތުން އެމެރިކާ ޑޮލަރު ނީލަން ކިޔުމުގެ މަގުސަދަކީ އަފްޣާން ފައިސާގެ އަގު ދެމެހެއްޓުމެވެ.
މިނިވަން މާކެޓްގައި އެމެރިކާ ޑޮލަރު މާރު ކުރެވޭ ރަސްމީ ރޭޓަކީ ޑޮލަރަކަށް 92.26 އަފްޣާން ފައިސާ -- އަފްޣާން އަފްޣާނީ އެވެ. މަރުކަޒީ ބޭންކުން ބުނީ 10 މިލިއަން އެމެރިކާ ޑޮލަރު ނީލަން ކިޔަން ނިންމާފައިވާ ކަމަށެވެ.
މަރުކަޒީ ބޭންކުގެ ބަޔާނުގައި ބުނެފައިވާ ގޮތުން ޑޮލަރު ގަންނަ ފަރާތްތަކުން ފައިސާގެ މުއާމަލާތު ދުވަހުން ދުވަހަށް ނިންމަން ޖެހެ އެވެ. ބޭރު ފައިސާ މާރުކުރާ ކުންފުނިތަކާއި ވިޔަފާރި ބޭންކުތަކުން ނީލަމުގައި ބައިވެރި ވުމަށް މަރުކަޒީ ބޭންކުން ވަނީ އެދިފަ އެވެ.
އަފްޣާން މަރުކަޒީ ބޭންކުން އެމެރިކާ ޑޮލަރު ނީލަން ކިޔަން ނިންމީ އެމެރިކާގައި ހިފަހައްޓާފައި ހުރި އަފްޣާން ފައިސާތައް، ސެޕްޓެމްބަރު 11 ގައި އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކަށް ބަދަލުގެ ގޮތުގައި ދިނުމަށް އެމެރިކާ ސަރުކާރުން ނިންމާފައި ވަނިކޮށެވެ.
މަރުކަޒީ ބޭންކުން ބުނީ އަފްޣާނަށް ލިބެން ހުރި ފައިސާތައް ބަންދުކުރުމުން ގޮތްހުސްވެ މާލީ ނިޒާމު ހުއްޓިފައި އޮތް ކަމަށެވެ. އަދި ބުނީ އެމެރިކާގެ ނިންމުން ދުވަހަކު ވެސް ބަލައި ނުގަންނާނެ ކަމަށެވެ.
އެމެރިކާ ސަރުކާރުން އަފްޣާން ފައިސާތައް ނުހައްގުން ބޭނުންކުރަން ނިންމުމާ ގުޅިގެން އަފްޣާންގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ ވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް ބައިޑަންއަށް ދަންނަވާފަ އެވެ.
ކާބުލްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ކަރުޒާއީ ވިދާޅުވީ އެ ފައިސާތައް ބޭނުން ކުރެވެން ޖެހޭނީ އަފްޣާންގެ މާލީ ނިޒާމް ހަމައަކަށް އެޅުވުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ އިންސާނީ އެހީތެރިކަމަށް މިހާރު ޖެހިފައި އޮތީ އަފްޣާން ކަމަށާއި ބާރުގަދަ ގައުމުތަކުގެ އެހީތެރިކަމަށް އާންމު ރައްޔިތުން އާދޭސް ދަންނަވާ ކަމަށެވެ.
އަފްގާން ރައްޔިތުންގެ މުދާތަކެއް ނުހައްގުން ބޭނުން ނުކުރުމަށް އެމެރިކާގެ ރައްޔިތުންނަށް ކަރުޒާއީ ގޮވާލެއްވި އެވެ. އޭނާ އަދި ވިދާޅުވީ އަފްގާން ރައްޔިތުންގެ އާދޭސް އަޑުއެހުމަށް އެމެރިކާ ކުޅެދެންވާނެ ކަަމަށެވެ.