ދުނިޔެ

އަފްޣާނުން ސިފައިން ބޭލުމަކީ ބޮޑު ގޯހެއް: ޑަބްލިޔު ބުޝް

އަފްޣާނިސްތާނުން ސިފައި ބޭލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް، ޖޯޖް ޑަބްލިޔު ބުޝް ވިދާޅުވެއްޖެ އެވެ. ބުޝް ވިދާޅުވީ ތާލިބާނުންނަކީ އާންމުން ކަތިލާ ބައެއް ކަމަށާއި އަފްޣާން ކަނބަލުންނަށް އޮތް ނުރައްކާ ބުނެދޭން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ދުނިޔެއިން ޓެރަރިޒަމް ނައްތާލުމަށް ކަމަށް ވިދާޅުވެ އަފްޣާން ހަނގުރާމަ ފެއްޓެވީ ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި 2001 ގައެވެ. އަފްޣާންގައި ސުލްހަ ބެލެހެއްޓުމުގެ ނަމުގައި އެމެރިކާއާ އިއްތިހާދުތަކުގެ ސިފައިން އެ ގައުމުގައި ތިބޭތާ 20 އަހަރުވާން އަންނައިރު ހާސިލު ކުރެވުނު އެއްވެސް ސުލްހައެއް ނެތެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވާފައި ވަނީ އުސާމާ ބިން ލާދިން އެމެރިކާއަށް ދިން ހަމަލާއަށް 20 އަހަރު ފުރުމާ ދިމާކޮށް އަފްޣާނުން ސިފައި ބޭލުމަށެވެ. އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް އަލްގައިދާ ޓެރަރިސްޓުން ހަމަލާދިނީ ސެޕްޓެމްބަރު 11، 2001 ގައެވެ.

އަފްޣާނިސްތާނުން އެމެރިކާ ސިފައިންނަށް ރަނގަޅަށް ނުފޭބިގެން އުޅެނިކޮށް ތާލިބާނުން ވަނީ އަފްޣާންގެ މުހިންމު އަވަށްތަކެއް ވެރިކޮށްފަ އެވެ. މަޝްރަހު މިހާރު އޮތް ގޮތުން ތާލިބާނުންގެ ނުފޫޒު މުޅި އަފްޣާންގައި ފަތުރާލަން ދުވަސްތަކެއް ނުނަގާނެ އެވެ.

ބުޝް ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތަށް ތާއީދުކުރައްވާ ލީޑަރުން ވެސް ތިއްބަވާ ކަމަށާއި ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވެސް ގެންގުޅުއްވަނީ ދާދި އެއް ފިކުރެއް ކަމަށެވެ.

ދުނިޔޭގެ ސުޕަ ޕަވަރުން ކަމަށް ގަބޫލުކުރާ ގައުމުތައް އަފްޣާންގައި 20 އަހަރު ކުރި މަސައްކަތުން އަފްޣާނަށް އައީ ކޮން ބަދަލެއްބާއޭ ހިތަށް އަރާނެ އެވެ. އަފްޣާން ރައްޔިތުންނަށް އެއްވެސް ކަހަލަ ސަލާމަތެއް ނެތްއިރު އެމެރިކާއަށް އެހީވިހާ ބަޔަކު ހޯދައި ތާލިބާނުން ދަނީ އެމީހުންގެ ގައިގައި ލިޔައަޅައި ފިހަން މިރުސް ލަމުންނެވެ.