ސީރިއާއިން އެމެރިކާ ސިފައިން ނުބާލާނެ ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވެއްޖެ އެވެ.
އޭނާ އަދި ވިދާޅުވީ ސީރިއާގައި އެމެރިކާ ސިފައިން ބޭތިއްބުމަކީ ރައީސް ޖޯ ބައިޑަންގެ އަޒުމެއް ކަމަށެވެ.
ކާބީ ވިދާޅުވި ގޮތުގައި ސީރިއާގައި އެމެރިކާ ސިފައިން ތިބީ އައިސިސް ޖަމާއަތުގެ ޓެރަރިސްޓުން ނައްތާލުމަށެވެ. އެކަން ހާސިލުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖޯން ކާބީ މިގޮތަށް ވާހަކަދެއްކެވި ސަބަބަކީ ސީރިއާގައި ތިބޭ އެމެރިކާ ސިފައިންނަށް، އީރާގުގެ ބޯޑަރުގައި ހަރަކާތްތެރިވާ ޖިހާދީ ގުރޫޕްތަކުން ދިން ރޮކެޓް ހަމަލާއެއްގައި އެމެރިކާގެ ސިފައިންގެ ތެރެއިން މީހަކު މަރުވެ، އަދި ކޮންޓްރެކްޓަރުން ގޮތުގައި މަސައްކަތްކުރި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެންނެވެ.
އެމެރިކާ ސިފައިންނަށް މިފަހުން އެކިވަރުގެ ހަމަލާތައް އަމާޒުވެ ލިބެމުންދާ އަނިޔާތަކުގެ ސަބަބުން ސީރިއާއިން އެ މީހުން ބޭލުމަށް ދަނީ ގޮވާލަމުންނެވެ. އެމެރިކާއަށް ސީރިއާގައި މާބޮޑު ކަމެއް ހާސިލުނުވެ ފޭލިވުން ބަލައިނުގަންނާނެ ކަމަށްވެސް ގޮވާލުމުގައިވެ އެވެ.
ކާބީ ވިދާޅުވީ ސީރިއާގައި ސިފައިން ބޭތިއްބުމަކީ ބައިޑަންއަށް ފެނިވަޑައިގަންނަވާ ގޮތް ނަމަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ސިފައިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެ މީހުންނަށް އަންގާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. އެހެންނަމަވެސް ތަފުސީލެއް ނުދެއްވަ އެވެ.
ސީރިއާއިން އެމެރިކާ ސިފައިން ބޭލުމަށް ގޮވާލައި ރިޕަބްލިކަނުން ވަނީ ގާނޫނު ހަދާ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ.
ސީރިއާގައި ކުރެވޭނެ މާބޮޑު ކަމެއް ނެތްއިރު ވިޔަފާރިން ނަގާ ޓެކްސް ފައިސާއިން ހޭދަކޮށް ސިފައިން ބޭތިއްބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ރިޕަބްލިކަނުން ބުނެ އެވެ.