އެމެރިކާ

އެމެރިކާ ސިފައިން ސޫރިއާއިން ބޭލުމަށް ގޮވާލަނީ

އެމެރިކާގެ އަސްކަރިއްޔާއިން ސޫރިޔާގައި ކުރާ ހުރިހާ ކަމެއް ހުއްޓާލާފައި އެ ގައުމުން ފޭބުމަށް، ގާނޫނު ހަދާ މަޖިލީހުގައި ރިޕަބްލިކަން ޕާޓީ ތަމްސީލުކުރާ މެމްބަރު މެޓް ގޭޒް ގޮވާލައްވައިފި އެވެ.

މެޓް ގޭޒް ވަނީ ސޫރިއާއިން އެމެރިކާ ސިފައިން ބޭލުމަށް މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސޫރިއާގައި އެމެރިކާގެ ސިފައިން ތިބީ މަޖިލީހުން ފާސްކޮށް ހުއްދަ ހޯދުމެއް ނެތި އެވެ.

މި ގަރާރު ފާސްވެއްޖެ ނަމަ ސޫރިޔާގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން އެ ގައުމުން ބޭލުމަށް ރައީސް ޖޯ ބައިޑަންއަށް 15 ދުވަހުގެ މުހުލަތެއް ލިބިވަޑައިގަންނަވާނެ އެވެ.

މެޓް ގޭޒް ވިދާޅުވި ގޮތުގައި ސޫރިޔާގައި ސިފައިން ބައިތިއްބަން ޖެހޭ ސަބަބެއް އޭނާއަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

އެމެރިކާ ސިފައިންނަށް ދޭތެރެ ދޭތެރެއިން ހަމަލާތައް އަމާޒުވާ ކަމަށް ވިދާޅުވެ މެޓް ގޭޒް ވިދާޅުވީ މިދާކަށް ދުވަހު ބަޔަކު ދިން ހަމަލާއެއްގައި ވެސް އެމެރިކާ ސިފައިންނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެމެރިކާ ސަރުކާރަކީ އެމެރިކާ ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ނަމަ، މެޓް ގޭޒް ވިދާާޅުވި ގޮތުގައި އެންމެ ބޮޑު އިންކަމެއް ދެއްވަން އޮތް ކަމަކީ، ބޭރު ގައުމުތަކަށް ފޮނުވާފައި ތިބި އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެނައުން ކަމަށެވެ.

މެޓް ގޭޒް ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން ސޫރިއާގައި ތިބެގެން ކުރާނެ ކަމެއް ނެތެވެ. އެމެރިކާ އާއި ސޫރިއާ އޮތި ހަނގުރާމާގައި ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި މިހާރު ސޫރިޔާގައި ސިފައިން ބައިތިއްބާފައި އެ ތިބީ ގާނޫނާ ޚިލާފަށް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ޖޯ ބައިޑަން ބައެއް މީޑިއާތަކަށް އިންޓަވިއު ދެއްވަމުން ސޫރިޔާގައި އެމެރިކާ ސިފައިން ނުތިބޭނެ ކަމަށް ވިދާޅުވި ކަމަށްވެސް މެޓް ގޭޒް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މި ޚަބަރު ކިޔަމުންދާއިރު ވެސް ސޫރިޔާގައި 900 ސިފައިން އެބަ ތިބި ކަމަށެވެ.

އެމެރިކާއިން ސޫރިއާއަށް ސިފައިން ފޮނުވީ 2014 ގައެވެ. ބޭނުމެއް ކަމަށް އެއިރު ބުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތައް ބިމާހަމަކުރުން ކަމަށެވެ. އެހެންނަމަވެސް، ސޫރިޔާގައި ތިބެގެން އެމެރިކާ ސިފައިން ކުރާ ކަމަކީ މުއްސަދި ތެޔޮވަޅުތަކުން ވަގަށް ތެޔޮ ބޭރުކުރުމެވެ. އަދި ގޮވާމަށް ފުދޭ ބާވަތްތައް ވަގަށް ނަގައި ވިޔަފާރިކުރުމެވެ.