ވައިޓް ހައުސްގެ ސްވިޗްބޯޑް ނަމްބަރަށް ގުޅައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އަވަހާރަ ކޮށްލާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި އެވެ. ސީކްރެޓް ސާވިސް އޮފިޝަލުން ބުނި ގޮތުން އެއީ ކާކުކަން މިހާރު ވަނީ ދެނެގަނެވިފަ އެވެ.
ބައިޑަން އަވަހާރަކޮށްލާނެ ކަމަށް ބުނީ ޖޯން އެންޑްރޫ ބޭޒާ ޖޫނިއާ ނަމަކަށް ކިޔާ 37 އަހަރުގެ މީހެއް ކަމަށް ސީކްރެޓް ސާވިސްއިން ވަނީ ބުނެފަ އެވެ.
ޖޯން އެންްޑްރޫގެ އާއިލާއާ ހަވާލާދީ ކޯޓުގެ ލިޔުންތަކުން ދައްކާ ގޮތުގައި އޭނާ އަކީ ބޯހަމަޖެހޭ މީހެއް ނޫނެވެ. އޭނާ އަކީ ނަފުސާނީ ގޮތުން އުނި އަދި ބާރުގަދަ ބޭސް ބޭނުންކުރާ މީހެއް ކަމަށް ވެސް އާއިލާގެ މެމްބަރުންނާ ހަވާލާދީ ކޯޓުގެ ލިޔުންތައް ބުނެ އެވެ.
ދައުލަތުގެ އިސްވެރިންގެ ސެކިޔުރިޓީ ބަލަހައްޓާ ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީގެ ޚާއްސަ ޔުނިޓަކުން މިހާރު ދަނީ އާއިލާއިން ހާމަކުރި މައުލޫމާތުގެ ސައްހަކަން ބަލަމުންނެވެ.
މި މައްސަލަ ބަލާ ޓީމުން ބުނީ ވައިޓް ހައުސްއަށް އަމާޒުކޮށް ދޭތެރެ ދޭތެރެއިން ހަމަލާތައް ދޭ ކަމަށާއި ވައިޓް ހައުސްގެ ތެރެއަށް ޑްރޯން ފޮނުވަން ވެސް މަސައްކަތް ކުރާ ކަމަށެވެ.
ރައީސްއަށް ހަމަލާއެއް ދިނުމަކީ ވަރަށް ސިރިއަސްކޮށް ބަލާނެ ކަމެއް ކަމަށް ސީކްރެޓް ސާވިސް ވެސް ބުނެ އެވެ. ރައީސަކީ ދައުލަތުން ބަލަހައްޓަން ޖެހޭ މީހަކަށް ވާއިރު އެ ޒިންމާ އެޅިފައި އޮތީ ދައުލަތުގެ ސަލަމަތާ ބެހޭ ބާރުތަކުގެ ކޮނޑުގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ބައިޑަން ޗުއްޓީއަށް މިދާކަށް ދުވަހު ޑެލަވެއާއަށް ވަޑައިގެން އުޅުއްވަނިކޮށް ވެސް ވަނީ ކުޑަ މަތިންދާބޯޓެއް ވައިގެ ސަރަހައްދަށް ވަދެ ބައިޑަންގެ ސެކިޔުރިޓީ ފޫވައްޓާލާފަ އެވެ. އޭނާއަށް އެ ސަރަހައްދަށް ވަދެވުނީ އޮޅިގެންކަން ފަހުން ވަނީ ކަށަވަރު ކުރެވިފަ އެވެ.