ދުނިޔެ

ސީރިއާގެ އާ ލީޑަރުގެ ބޮލަށް ހުށަހެޅި 10 މިލިއަން ޑޮލަރު ބާތިލްކޮށްފި

ސީރިއާގައި މިހާރު ވެރިކަންކުރާ ހައިއަތު ތަހުރީރުއްޝާމް (އެޗްޓީއެސް)ގެ ލީޑަރު އަހްމަދު ހުސައިން އަލް ޝަރާ ނުވަތަ އަބޫ މުހައްމަދު އަލް ޖޫލާނީ އަކީ މިހާރު ޓެރަރިސްޓެއް ނޫން ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކަނޑައަޅައިފި އެވެ.

ސްޓޭޓް ޓިޕާޓްމަންޓްގެ މި ނިންމުމާ އެކު -- އޭނާގެ ބޯ ކަނޑާލައިގެން ގެނެސްދިން މީހަކަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދޭނެ ކަމަށް ބުނި އިނާމު -- 10 މިލިއަން ޑޮލަރު ބާތިލުވީ އެވެ.

އަބޫ މުހައްމަދު އަލް ޖޫލާނީ ހިފައި ހައްޔަރުކޮށްގެން ގެސްދިން މީހަކަށް އެމެރިކާއިން 10 މިލިއަން ޑޮލަރުގެ އިނާމެއް ކަނޑައެޅީ، އޭނާ އަކީ އަލްގައިދާގެ ހަނގުރާމަވެރިއެއް ގޮތުގައި ހުރެ ފަތުހުއްޝާމް އުފައްދައި ސީރިއާގެ އާންމުންނަށް ނުރައްކާތެރި ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އޭރު ބުނި ގޮތުން އަލް ޖޫލާނީ އަކީ މުޅި ދުނިޔެއަށް ވެސް ބޮޑު ނުރައްކަލެެކެވެ. އަދި އޭނާގެ ނަން އޮންނަން ޖެހޭނީ އެންމެ ނުރައްކާތެރި ޓެރަރިސްޓުންގެ ލިސްޓްގައި ކަމަށްވެސް އެމެރިކާއިން ބުންޏެވެ.

އަބޫ މުހައްމަދު އަލް ޖޫލާނީގެ ބޮލަށް ކަނޑައެޅި އިނާމު އެމެރިކާއިން ބާތިލުކުރީ، އޭނާ އިސްވެ ހިންގާ ހައިއަތު ތަހުރީރުއްޝާމުން ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލައި އެ ގައުމުގެ ވެރިކަމާ ހަވާލުވުމުންނެވެ.

ވޮޝިންގްޓަނުން ބުނީ ދިމިޝްގައި އަބޫ މުހައްމަދު އަލް ޖޫލާނީއާ އެކު ކުރެވުނު މަޝްވަރާތަކުން އެމެރިކާއަށް ބޮޑު ކާމިޔާބެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ހުރީ އެމެރިކާއަށް އެއްބާރުލުން ދޭގޮތަށް ކަމަށްވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

އަބޫ މުހައްމަދު އަލް ޖޫލާނީގެ ބޮލަށް އޮތް އިނާމު އެމެރިކާއިން ބާތިލުކުރި ނަމަވެސް އޭނާގެ ވެރިކަމުގައި ހިންގާ އެޗްޓީއެސް އަދިވެސް އޮންނަނީ ފޮރިން ޓެރަރިސްޓް އޮގަނައިޒޭޝަންގެ ލިސްޓް ގައެވެ.

އެމެރިކާ ބުނާ ގޮތުން އެ ލިސްޓްގައި އޮންނަ ޖަމާއަތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އެޗްޓީއެސްއަށް ވެސް އަޅާނެ އެވެ. އެހެންނަމަވެސް އެޗްޓީއެސް ހަރަކާތްތެރިވާ ގޮތަށް ބަލައި އެމެރިކާގެ ސިޔާސަތަށް ބަދަލު ގެނައުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުންޏެވެ.

އެޗްޓީއެސްއާ އެކު ގުޅުންތައް އެމެރިކާއިން ގާއިމުކުރި ނަމަވެސް ދިމިޝްގައި އެމެރިކާގެ އެމްބަސީ ހުޅުވުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެޗްޓީސީ އިން ސީރިއާ ހިންގާ ގޮތް މޮނީޓަރުކުރުމަށްފަހު އެމްބަސީ ހުޅުވާނެ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.