ދުނިޔެ

ލަންކާ ހަމަލާއަކީ ބާޣޫޒްގެ ބަދަލުހިފުމެއް: އައިއެސް ލީޑަރު

Apr 30, 2019
3

މިދިއަ ހަފްތާގެ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަކީ ސީރިއާގެ ބާޣޫޒް ސަރަހައްދު އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތްދަށުން އަތުލުމުގެ ބަދަލުހިފުމެއްކަމަށް، އެ ހަނގުރާމަވެރި ދީނީ ހަރުކަށި ޖަމާއަތުގެ ލީޑަރު ބުނެފި އެވެ.

އައިއެސް ގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ އާންމުކުރި ވީޑިއޯއެއްގައި އެހެން ބުނެފައިވަނީ، ލަންކާގައި ދިން ބޮމުގެ ހަމަލާތަކަކީ މިދިޔަ މަހު ނިއުޒީލެންޑުގެ ކްރައިސްޓްޗަޗުގައި ހުރި ދެ މިސްކިތަކަށް ދިން ބަޑީގެ ހަމަލާތަކުގެ ބަދަލު ހިފުމެއް ކަމަށް ލަންކާ ސަރުކާރުން ބުނެފައިވަނިކޮށެވެ.

މީގެ ފަސް އަހަރުކުރިން، ސީރިއާ އާއި އިރާގުގެ ބައެއް ސަރަހައްދުތަކުގައި އައިއެސްގެ ހިލާފަތު އިއުލާންކުރި ފަހުން ބަޣުދާދީ ވީތަނެއް ނޭނގި ތިއްބާ، އައިއެސްގެ އަލް ފުރްގާން ނެޓްވޯކް މެދުވެރިކޮށް ނެރުނު 18 މިނިޓުގެ ވީޑިއޯ ރެކޯޑްކޮށްފައި ވަނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. ނަމަވެސް އައިއެސް އިން ބުނެފައި ވަނީ އެ ވީޑިއޯ ރެކޯޑްކޮށްފައި ވަނީ އެޕްރީލް މަހު ކަމަށެވެ.

އެ ވީޑިއޯގައި ބަޣުދާދީ ބުނެފައި ލަންކާގައި ދިން ބޮމުގެ ހަމަލާތަައް ދިނީ ސީރިއާގެ ބާޣޫޒް ސަރަހައްދު އައިއެސްގެ އަތްދަށުން ހިފުމުން އެކަމުގެ ބަދަލު ހިފަން ކަމަށެވެ. ބަޣުދާދީގެ ވީޑިއޯގައި ވަނީ ބުރްކިނާ ފަސޯ އާއި މާލީގެ ހަނގުރާމަވެރިން ވެސް އައިއެސް އަށް ބައިއަތު ހިފާފައިވާ ކަމަށް ބުނެފަ އެވެ. އަދި ސޫދާން އާއި އަލްޖީރިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ވެސް އޭނާ ވަނީ ވާހަކަ ދައްކަައިފަ އެވެ.

ލަންކާގައި ހަމަލާތައް ދިނުމުގެ ފަހަތުގައިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަށް ބޭރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ރަނިލް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

ކްރިސްޓިއަނުންގެ ފައްޅިތަކެއްގެ އިތުރުން މަތީފަންތީގެ ހޮޓާތަކަކަށް ދިން އެ ހަމަލާތަކުގައި މިހާތަނަށް 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ހަމަލާގެ ފަހަތުގައި ތިބި އިތުރު މީހުން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށްދާއިރު، ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ މޫނު ބުރުގާ އެޅައިގެން އުޅުންވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ސަލަމާތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އައިއެސްއަށް ތާއީދުކުރާ 130 ވުރެ ގިނަ މީހުން ލަންކާގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ތެރެއިން 70 މީހުން އަދިވެސް ފިލައިގެން އުޅޭކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ އިއްޔެ ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.