ވޮޝިންގްޓަން (އޮކްޓޯބަރު 27) - އެމެރިކާއިން ސީރިއާގެ ހުޅަނގު އުތުރު ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ޓެރިރަރިސްޓް ޖަމާއަތެއް ކަމުގައި އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ މަރުވެފައިވާކަމަށް އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފި އެވެ.
އެމެރިކާ ސިފައިން ހައްޔަރުކުރުމުގެ ކުރިން ބަޣުދާދީ މަރުވެފައިވަނީ ޖާނުން ފިދާވެގެންކަމަށް އެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް އިތުރަށް ބުނެފައިވެ އެވެ. ނަމަވެސް، އޭނާ މަރުވެފައިވާކަން އެމެރިކާއިން ރަސްމީކޮށް އިއުލާނުކުރާނީ ޑީއެންއޭ ޓެސްޓުތައް ހެދުމަށްފަހުކަމަށް މައުލޫމާތު ލިބެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް އަވަހަށް "މުހިއްމު އިއުލާނެއް" ކުރައްވާނެކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ. ނަމަވެސް، އިތުރު މައުލޫމާތެއް ނުދެ އެވެ.
މީގެ ފަސް އަހަރުކުރިން، ސީރިއާ އާއި އިރާގުގެ ބައެއް ސަރަހައްދުތަކުގައި އައިއެސްގެ ހިލާފަތު އިއުލާންކުރި ފަހުން ބަޣުދާދީ ވީތަނެއް ނޭނގި ތިއްބާ، އައިއެސްގެ އަލް ފުރްގާން ނެޓްވޯކް މެދުވެރިކޮށް އޭނާކަމަށް ބެލެވޭ މީހަކު ވަނީ 18 މިނެޓުގެ ވީޑިއޯއެއް ނެރެފަ އެވެ.
އެ ވީޑިއޯގައި ބަޣުދާދީ ބުނެފައި ލަންކާގައި ދިން ބޮމުގެ ހަމަލާތަައް ދިނީ ސީރިއާގެ ބާޣޫޒް ސަރަހައްދު އައިއެސްގެ އަތްދަށުން ހިފުމުން އެކަމުގެ ބަދަލު ހިފަން ކަމަށެވެ. ބަޣުދާދީގެ ވީޑިއޯގައި ވަނީ ބުރްކިނާ ފަސޯ އާއި މާލީގެ ހަނގުރާމަވެރިން ވެސް އައިއެސް އަށް ބައިއަތު ހިފާފައިވާ ކަމަށް ބުނެފަ އެވެ. އަދި ސޫދާން އާއި އަލްޖީރިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ވެސް އޭނާ ވަނީ ވާހަކަ ދައްކަައިފަ އެވެ.
އިރާގުގައި ހަރަކާތްތެރިވަމުން ދިޔަ އައިއެސްގެ ލީޑަރުކަމާ ބަޣުދާދީ ހަވާލުވީ 2010 ވަނަ އަހަރު އެވެ. އޭގެ ތިން އަހަރު ފަހުން ސީރިއާގައި ހަރަކާތްތެރިވަމުންދިޔަ އަލް ގައިދާގެ ބައެއް އައިއެސްގެ ތެރެއަށް ވައްދާ އައިސިލްގެ ނަމަށް ބަދަލުކޮށްފައިވާކަމަށް އޭނާ ވަނީ އިއުލާނުކޮށްފަ އެވެ.