އަފްޣާނިސްތާންގެ ވެރިކަމަށް އަރާ ތިބި ތާލިބާން ޖަމާއަތަކީ ޓެރަރިސްޓް ގުރޫޕެއް ކަމަށް ކަޒަކިސްތާނުން މިހާރު ނުބަލާ ކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން އައިބަކް ސްމަދިޔަރޯފް ވިދާޅުވެއްޖެ އެވެ.
ތަރުޖަމާން ވިދާޅުވި ތާލިބާނުންނަކީ ޓެރަރިސްޓުން ކަމަށް އދގެ ސަލާމަތީ މަޖިލީހުންވެސް މިހާރު ނުބަލާ ކަމަށެވެ. އަދި ސަލާމަތީ މަޖިލީހުގައި -- ޓެރަރިސްޓް ޖަމާއްތަކުގެ ލިސްޓްގައި ތާލިބާނުންގެ ނަން ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ދުނިޔޭގައި ހަރަކާތްތެރިވާ ޓެރަރިސްޓުންނާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް ކަޒަކިސްތާނުން ބަލަހައްޓާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ދޭތެރެ ދޭތެރެއިން މި ލިސްޓް ބަލައި ފާސްކޮށް އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކާ ގުޅިގެން ބަދަލުކޮށް އުނިއިތުރު ގެންނަވާ ކަމަށްވެސް ވިދާޅުވި އެވެ.
އދ އިން ނިންމާ ނިންމުންތަކަކީ ދުނިޔޭގައި އެއް ހަމައަކުން އަދި އެއް އުސޫލަކުން މުއާމަލާތްކުރަން އެންމެ ރަނގަޅު ނިންމުން ކަމަށް ކަޒަކިސްތާނުން ދެކޭ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަލާމަތީ މަޖިލީހުގެ ނިންމުންތަކަށް އިތުބާރުކޮށް އެއްބާރުލުންދޭނަމަ ގައުމުތަކުގެ މެދުގައި މަސްލަހަތު ގެއްލިގެން ނުދާނެ ކަމަށެވެ.
އދގެ މި ނިންމުމާ އެކު އަފްޣާނިސްތާނާއި ކަޒަކިސްތާނާ ދެމެދު ބަދަހި ގުޅުންތަކެއް އުފެދޭނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އަދި އިގުތިސާދީ ގޮތުން އިންވެސްޓްމަންޓަކަށް ދެ ގައުމުން މަގުފަހިކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ތާލިބާނުންނަކީ ރަޝިއާގައި އަދިވެސް ޓެރަރިސްޓް ޖަމާއަތެކެވެ. ނަމަވެސް ތަރުޖަމާން ވިދާޅުވި ގޮތުން ކަޒަކިސްތާންގެ އިދާރާތަކާއި ރަޝިއާގެ އިދާރާތަކާ އެކު ކުރެވޭ މަޝްވަރާތަކުން ރަނގަޅު ގޮތެއް ފެންނާނެ އެވެ.
އޭނާ ވިދާޅުވީ ރަޝިއާގެ އިދާރާތަކުން މަޝްވަރާއަށް ފެހި ސިގްނަލް ދީފައި އޮތް ކަމަށެވެ.
ކަޒަކިސްތާނުން މަސައްކަތްކުރަނީ އަފްޣާނިސްތާން އަކީ ޓެރަރިޒަމަށް މަގުފަހިކުރުވާ ގައުމުތަކުން ދުރުހެލިކުރުވަން ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. ކަޒަކިސްތާންގެ އުއްމީދަކީ ތަރުޖަމާން ވިދާޅުވި ގޮތުގައި ދުނިޔޭގެ ބަންދުން އަފްޣާނިސްތާން މިނިވަންކުރުމެވެ.
ކަޒަކިސްތާނުން ކުރާ މަސައްކަތުގައި ރަޝިއާގެ އެއްބާރުލުން ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.