ދުނިޔެ

25 މިލިއަން ޓަނުގެ ގޮވާން ޔުކްރޭންގައި ތާށިވެފައި

ޔުކްރޭންގައި 25 މިލިއަން ޓަނުގެ ގޮވާން ތާށިވެފައި އެބަހުރި ކަމަށް އދ. ގެ ކާނާއާ ބެހޭ އޭޖެންސީން ހާމަކޮށްފި އެވެ.

އޮފިޝަލުން ބުނާ ގޮތުން އެހާ ގިނަ އަދަދަކަށް ގޮވާމުގެ ބާވަތްތައް ތާށިވެފައި ހުރީ ޔުކްރޭންގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބަންދަރުތައް ބަންދުވެ ދަތުރުފަތުރަށް ހުރަސްއެޅިފައި ވާތީ އެވެ.

ގޮވާމުގެ ބާވަތްތަކަށް ޔުކްރޭނަށް ބަރޯސާކުރާ ގައުމުތަކުގައި އަގުއުފުލި ގޮދަނާއި ގޮދަށްފުށަށް ޖެހިފައި ވަނީ ވެސް އެތަކެތި ޔުކްރޭނުން ބޭރުކުރާނެ ވަސީލަތެއް އަދި އެއްވެސް ގޮތެއް ނެތުމުގެ ސަބަބުންނެވެ.

އިންޓަނޭޝަނަލް ގްރެއިން ކައުންސިލުން ބުނާ ގޮތުން ދުނިޔޭގައި ހަތަރު ވަނައަށް އެންމެ ގިނައިން ޒުވާރި އެކްސްޕޯޓްކުރަނީ ވެސް ޔުކްރޭން އެވެ. އަދި ހަވަނައަށް އެންމެ ގިނައިން ގޮދަން ބޭރުކުރާ ގައުމަކީ ވެސް ޔުކްރޭން އެވެ.

ރަޝިއާއިން ޔުކްރޭނަށް ހަމަލާދޭން ފެށުމުން ދަނޑުވެރިން ދަނޑުވެރިކަން ކުރަން ގެންގުޅޭ ވަސީލަތްތައް ހަލާކުވެ ކާބޯތަކެތި އެއްތަނުން އަނެއް ތަނަށް އުފުލުން ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށް ޔުކްރޭންގެ އޮފިޝަލުން ބުނެ އެވެ.

އދ. އިން ބުނާ ޣޮތުން ޔުކްރޭނަށް ދެން ދިމާވާނެ ދަތިކަމަކީ ކުރިއަށް އޮތް މޫސުމީ ދަނޑުވެރިކަމުގައި ދުގަންކުރަން ޖާގަ ހުސްވުމެވެ. މިހާރު ހުރި ބާވަތްތައް ގައުމުން ބޭރުކޮށްގެން ނޫން ގޮތަކަށް ޖާގަ ހުސްވާން ނެތް ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

ގޮވާމުގެ ބާވަތްތައް ބޭނުން ނުކުރެވި ހަލާކުވާން ދޫކޮށްލުމަކީ ބޮޑު ހިތާމައެއް ކަމަށް ދަނޑުވެރިން ބުނެ އެވެ. އަފްޣާނިސްތާނާއި އެފްރިކާގެ ބައެއް ގައުމުތައް ބަނޑާޖެހެމުން ދާއިރު ޔުކްރޭންގައި ހުރި ބާވަތްތައް އެހިސާބަށް ސަޕްލައިކުރެވޭނެ ގޮތެއް ނެތުމަކީ އދ. ލަދުގަނަން ޖެހޭ ކަމެއް ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

ހަނގުރާމަ ހިނގަމުން ދިޔަ ނަމަވެސް ދަނޑުވެރިން ގޯސް ނޫން ކަމަށް އޮފިޝަލުން ބުނެ އެވެ. އެކަމު އޮތް ހިތާމައަކީ އުފައްދާ ތަކެތި ޔުކްރޭނުުން ބޭރުކުރެވޭނެ ގޮތެއް ނެތުން ކަމަސް ވެސް އޮފިޝަލުން ބުނެ އެވެ.