ޔުކްރޭންގެ ރައީސް ވޮލޮދިމިރު ޒެލެންސްކީ އަންނަ ހަފުތާގައި ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރައްވާނެ އެވެ.
އެމެރިކާގެ ނޫސްތައް ބުނާ ގޮތުން މިބައްދަލުވުން މިހާރުވެސް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް، ރަސްމީ އެއްވެސް ފަރާތަކުން މި ބައްދަލުވުމާ ބެހޭ ގޮތުން ޚަބަރެއް ނުދެއްވަ އެވެ.
ޒެލެންސްކީ އެމެރިކާއަށް ވަޑައިގަންނަވަނީ ނިއުޔޯކްގައި އޮންނަ އދގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
މި ދަތުރުގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްއާ ވެސް އޭނާ ބައްދަލުކުރައްވާނެ އެވެ.
ގުޓަރެސްއާ ބައްދަލުކުރައްވައި އެންމެ ބޮޑު ކަންބޮޑުވުމެއް ޒެލެންސްކީ ފާޅުކުރައްވާނީ ގޮވާން ޑީލާ ބެހޭ ގޮތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި މީގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ވެރިންނާއި ކުންފުނިތަކުގެ ވެރިންނާވެސް ޒެލެންސްކީ ބައްދަލުކުރައްވާނެ އެވެ.
ޒެލެންސްކީ ވަނީ މީގެ ކުރިންވެސް ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ބައިޑާންއާ ބައްދަލުކުރައްވާފަ އެވެ. އަދި ގާނޫނު ހަދާ މަޖިލީހުގައި ވާހަކަަދައްކަވައި މެމްބަރުންނަށް ޝުކުރުވެސް އަދާކުރެއްވި އެވެ. އެއީ އެމެރިކާއިން ޔުކްރޭނަށް ދޭ އެހީތައް ފާސްކޮށްދެއްވުމުގައި މެމްބަރުންގެ ދައުރަށެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް ފަހުން ޒެލެންސްކީއާ ބައިޑަން ވަރަށް އަވަސް އަވަހަށް ބައްދަލުކުރައްވަ އެވެ. ގިނަ ފަހަރު ފޯނުންނެވެ.
މިއަހަރުގެ ޖުލައިގައި ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި އޮތް ނޭޓޯ ސަމިޓްގެ ހަވާސާގައިވެސް މި ދެ ރައީސުން ބައްދަލުކުރެއްވި އެވެ. އަދި ޔުކްރޭނަށް އަސްކަރީ އެހީ ހޯއްދެވުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.