ދުނިޔެ

ރަޝިއާ މީހުންނަށް ވިސާ ދަތިކުރުމަކީ ބޮޑު ގޯހެއް: އދގެ ވެރިޔާ

ރަޝިއާ، ޔުކްރޭން ހަނގުރާމަ އަށް ދެކޮޅު ހަދާ މީހުން ރަޝިއާގައި ވެސް އެހާ ގިނައިރު އެ ގައުމުގެ އާންމު ރައްޔިތުން ޝާމިލުވާ ގޮތަށް ވިސާ ދަތިކުރުމަކީ ގޯހެއް ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެ އެވެ.

ޔުކްރޭން ހަނގުރާމައާ ހެދި ރަޝިއާ ދޫކޮށް ދާ މީހުން ވެސް ވަރަށް ގިނަ ކަމަށް ގުޓަރެސް ވިދާޅުވި އެވެ.

މަސްރަހު މިފަދަ ގޮތަށް އޮތްއިރު ޔޫރަޕުގެ ބައެއް ގައުމުތަކުން ރަޝިއާ މީހުންނަށް ވިސާ ދަތިކުރުމަކީ އާންމު އުނދަގުލަކަށް ވާނެ ކަމަށްވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކަށް ރަޝިއާ މީހުން ދަތުރުކުރުމަށް ވިސާ ނުދޭ ގޮތަށް ޔޫރަޕިއަން ޔޫނިއަންގައި ކުރިން ވާހަކަދެއްކި އެވެ. އެހެންނަމަވެސް، ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ހުރިހާ ގައުމަކުން މި ގޮތް ބޭނުމެއް ނުވެ އެވެ.

ރަޝިއާގެ އާންމުންނަށް ވިސާ ދަތިކުރުމުގެ ބޭނުމަކީ ޔޫރަޕްގެ ބައެއް ގައުމުތަކުން ދެކޭ ގޮތުގައި ރަޝިއާ ސަރުކާރު ދެކެ އާންމުން ރުޅިއަންނާނެ ގޮތް ހެދުމެވެ.

އާންމުން އުތުރިއަރަން ފެށުމުން ސަރުކާރަށް ދަތިވާނެ ކަމަށް ވިސްނައި ވިސާ ހަރުކަށި ކުރި ނަމަވެސް ގުޓަރެސް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ރަޝިއާ ދޫކޮށް ދާން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމެވެ.

ޔުކްރޭން ހަނގުރާމަ އަށް ހެޔޮ ބަދަލެއް އަންނަހާ އަވަހަކަށް ވިސާ އަށް ލުއިދޭން ފެނިވަޑައިގަންނަވާ ކަމަށްވެސް ގުޓަރެސް ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަނުން މިހާރު ހަމަޖައްސާފައި އޮތް ގޮތުން ރަޝިއާ މީހުންނަށް ކުރިން ވިސާ ލިބުނު ގޮތަށް، އެހާ ފަސޭހައިން ވިސާއެއް ނުލިބޭނެ އެވެ.

މި ނިންމުން މިގޮތަށް އޮތް ނަމަވެސް ޔޫރަޕްގެ ގައުމުތަކަށް ރަޝިއާ މީހުންނަށް ދަތުރުކުރެވޭ އުސޫލެއް ވެސް އޮވެ އެވެ. ޖެހޭނީ ތަންކޮޅެއް ކުރިއާލައި އަދި ވިސްނުންތެރިކަމާ އެކު ވިސާ ހޯދުމަށް ހުށަހަޅާށެވެ.

ރަޝިއާ މީހުންނަށް ޔުރަޕްގެ ބައެއް ގައުމުތަކުން ވިސާ ދިނުމުގައި އާންމުކޮށް ދަތުރުކުރާ މީހެއް ނަމަ އޭނާ ކުރާ ކަމެއް ވެސް މިހާރު ބަލަ އެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ވަކި ވަރަކަށް ވިސާދޭ އުސޫލެއް ވެސް އޮވެ އެވެ.