ދުނިޔެ

ރަޝިއާ ބަލިކުރާހިތުން ހުޅަނގު އެ އޮތީ ކަނުވެފައި: ލަވްރޯފް

ރަޝިއާ ބަލިކޮށް ކުޑަކަކޫ ޖެއްސުމަށް ހުޅަނގުގެ ސިޔާސީ ލީޑަރުންގެ ހިތުގައި އޮތް އެދުންވެރިކަމެއްގެ ސަބަބުން، އަމިއްލަ ނަފުސަށާއި އަމިއްލަ ގައުމަށް ލިބެމުންދާ ގެއްލުންތަކާ މެދު ވިސްނާނެ ވަގުތު އެ ބައިގަނޑަށް ނުލިބޭ ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

އދ އާންމު މަޖިލީހުގެ 78 ވަނަ ސެޝަންގައި ތަގުރީރުކުރައްވަމުން ލަވްރޯފް ވިދާޅުވީ ހުޅަނގު އެ އޮތީ ހާލަތަށް ކަނުވެފައި ކަމަށެވެ.

ރަޝިއާއަށް ޖެއްސުންކުރުމާއި ގެއްލުން ދިނުމަކީ މީރު ފެން ފޮދަކަށް ވުރެވެސް މޭހެޔޮކޮށްދޭ ބުއިމެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ހުޅަގު އެ އޮތީ ރަޝިއާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްގެންނެވެ. ރަޝިއާ ބަލިނުވާހާ ހިނދަކު މައިދާނުން ނުފޭބުމަށް އެ ބައިގަނޑު އެ ތިބީ ވައުދުވެގެންނެވެ.

ހުޅަނގުގެ ނަޒަރިއްޔާ މިހެން އޮތުމާ އެކު އެ މީހުންނަށް ސިފަކުރުން ފުސްވެފައިވާ ކަމަށްވެސް ލަވްރޯފް ވިދާޅުވި އެވެ.

ރަޝިއާއާ ދެކޮޅަށް ނިއުކްލިއާ ހަނގުރާމައެއް ފަށަން ޖެހުނަސް އެމެރިކާއާ ބައިވެރިން ތިބީ ތައްޔާރަށް ކަމަށް ލަވްރޯފް ވިދާޅުވި އެވެ. ރަޝިއާއަށް ފެންނަ ފަށުގައި ހަނގުރާމައިގެ ފަރިތަކުރުންތައް -- އެ ނޫން ގޮތެއްގައި ނުބާއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ހަމަހަމަކަމަކީ ހުޅަނގަށް ގަބޫލުކުރެވޭ ސިޔާސަތެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އެ މީހުން ކަރުހިއްކައިގެންފައިވަނީ އަމިއްލަ ބޮނޑިބަނުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ހުޅަނގުގެ ވިސްނުމަކީ އެހެން ގައުމުތައް ސައިޒުކުރުން ކަމަށާއި އެބައިގަނޑަށް ތަބާނުވާ ގައުމެއް ނަމަ ދެން އޮންނަނީ އުގޫބާތް ދިނުން ކަމަށެވެ. އެކަމަކު މިއީ އެ ޒަމާން ނޫން ކަން ހުޅަނގަށް ހަނދާންކޮށްދެއްވި އެވެ. މިއީ ހަމަ ކޮން ބަޔަކަށް ވެސް އެ ބައެއްގެ ހިޔާލާތައި ފިކުރަށް ޖާގަ އޮތް ޒަމާނެއް ކަމުގައިވެސް ވިދާޅުވި އެވެ.

އެމެރިކާއިން ދުނިޔޭގައި ހަންފެތުރި ޒަމާން ހިނގައްޖެ ކަމަށާއި ބާރުވެރިކަން މުށުތެރެއިން ދެމިންގެން ދާން ފެށުމުން މިހާރު އެ އުޅެނީ މޮޔަބޮލަށް އަރައިގެން ކަމަށްވެސް ލަވްރޯފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އދ މިހާރު އެ އޮތީ ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން އިސްލާހުކުރަން ޖެހިފައި ކަމަށެވެ. އދގެ ސަލާމަތީ މަޖިލީސް ފުޅާކޮށް އާ އޯޑަރުތަކަކުން އދގެ ގުނަވަންތައް ތަރުތީބުކުރަން ޖެހިފައި އޮތް ކަމަށްވެސް ވިދާޅުވި އެވެ.