ދުނިޔެ

ޓޭންކަރުގައި ރޯވެ މަރުވި މީހުންގެ އަދަދު 19 އަށް

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އާއި އެ ގައުމުގެ އުތުރު ގުޅުވައިދޭ ސަލާންގް ޓަނަލްގައި ދަތުރުކުރި ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ 19 މީހަކު މަރުވެ 37 މީހަކު ޒަހަމްވެއްޖެ އެވެ.

ތާލިބާނު ސަރުކާރުގެ ޕަބްލިކް ވޯކްސް މިނިސްޓްރީގެ ތަރުޖަމާނު މޮލްވީ ހަމީދުﷲ މިސްބާހް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ހިނގި މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާ ކަމަށެވެ.

މިހާދިސާ ހިނގަން މެދުވެރިވި ވަކި ސަބަބެއް އަދި އެނގިފައި ނުވާ ކަމަށް އަފްޣާންގެ އިދާރާތަކުންބ ބުނެ އެވެ.

މަންޒަރު ދުށް ބައެއް މީހުން އަފްޣާންގެ ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި އެ ޓަނަލުގައި މަރުވި މީހުން ވަނީ ވަކިކުރާން ނޭނގޭ ވަރަށް އަނދާފަ އެވެ. މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެ އެވެ.

ޓޭންކަރުގައި އަލިފާން ރޯވި ސަރަހައްދަށް ސިއްހީ ފަރުވާދޭ ފަރާތްތަކާއި އަވަސް އެހީ ދޭ މީހުން ގޮވައިގެން އަސްކަރީ ހެލިކޮޕްޓަރުތަކެއް ދަތުރުކުރި މަންޒަރުތަކެއް ފެންނަ ވީޑިއޯތަކެއް ތާލިބާން ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ.

އަފްޣާނިސްތާނުގެ އުތުރާއި ދެކުނު ސަރަހައްދުތަކަށް ދަތުކުރުމަށްޓަކައި ފަރުބަދަ ތަކުގެ ތެރޭގައި ހަދާފައިވާ މި ޓަނަލް ވަރަށް ގިނަ ބަޔަކު ބޭނުންކުރެ އެވެ. ނަމަވެސް ފިނި މޫސުމުގައި ބޯކޮށް ސްނޯ ވެހޭތީއާއި، އުޅަނދުތަކާ ގުޅޭ އެކްސިޑެންޓްތަކުގެ ސަބަބުން މި ޓަނަލް އަހަރުގެ އެކި ދުވަސްތަކުގައި ބަންދުކުރަންޖެހެ އެވެ.

ސަލަންގް ޕާސް ވަށައިގެން ހުންނަ ފަރުބަދަތަކުން ސްނޯ އާއި ހިލަ ކެނޑިގެން ވެއްޓުމުގެ ސަބަބުން 2010 ވަނަ އަހަރު އެކަނިވެސް 150 މީހުންނަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.