ޕާކިސްތާން

ޕާކިސްތާނުގެ ހާރިޖީ ވަޒީރު ތާލިބާނުންނާ ބައްދަލުކުރައްވައިފި

Dec 1, 2022

ޕާކިސްތާނުގެ ހާރިޖީ ވަޒީރު ހީނާ ރައްބާނީ ޚާރް އަފްގާނިސްތާނުގެ ވަގުތީ ހާރިޖީ ވަޒީރު އާމިރް ހާން މުއްތާގީއާއި ބައްދަލު ކުރައްވައިފި އެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކަބުލްގައި މިބައްދަލުވުން ބާއްވާފައި މިވަނީ ދެ ގައުމުގެ ސަރަހައްދީ ރޮނގުގެ މައްސަލައިގައި ކޮންމެވެސް ވަރެއްގެ ހިޔާލުތަފާތުވުންތަކެއް އުފެދި ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައި ވަނިކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހިޔާލުތަފާތުވުންތައް އުފެއްދުމުގެ އަޑީގައި އޮތީ ޕާކިސްތާނަށް ނިސްބަތްވާ ތާލިބާނުގެ ގޮތްޕެއް ކަމަށްވާ ތަހުރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އެވެ.

މި ބައްދަލުވުމުގައި ސަރަހައްދީ ރޮނގުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާތަކެއް ކުރެއްވި ކަމަށްވެ އެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި ތައުލީމު، ސިއްހަތު، ވިޔަފާރީގެ ދާއިރާ ފަދަ ދާއިރާތަކުން ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށްވެސް ޕާކިސްތާންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ދަތުރުވެރީންނަށް ހާއްސަ ފެސިލިޓީތައް ހެދުމާއި ޕާކިސްތާންގައި ހައްޔަރުކޮށްފައި ތިބި އަފްޣާނިސްތާނުގެ ގައިދީން ދޫކުރުމާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ.

ހީނާ އަފްގާނިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މި އަހަރުގެ އޭޕްރީލް މަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޕާކިސްތާންގެ އިސް ވެރިޔަކު އަފްޣާނިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ދެ ގައުމުގެ ދެމެދުގައިވާ ޗަމަން ބޯޑަރުގާ ހަމަލާ ބަދަލުކުރުން ހުއްޓާ، ދެ ސަރުކާރުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޓީޓީޕީ އިން ވަނީ ހޯމަ ދުވަހު ހިލާފުވެފަ އެވެ. އަދި އަފްގާނިސްތާނުގެ ތާލިބާނުންނާއި ފިކުރުގެ ގޮތުން އެއްގޮތް މި ޖަމިއްޔާއިން ހަމަ އެ ދުވަހު ވަނީ ހަމަލާ ދެވޭން އޮތް ތަނަކަށް، ހަމަލާ ދެވޭން އޮތް ގޮތަކަށް ހަމަލާ ދިނުމަށް އެ ޖަމިއްޔާއަށް ނިސްބަތްވާ ހަނގުރާމަވެރީންނަށް ގޮވާލާފަ އެވެ.

އަފްޣާނިސްތާނުގެ ވެރިކަމާ ތާލިބާނުން ހަވާލުވި ފަހުން ދޮޅު އަހަރު ވެގެން ދިޔައިރު އަދި އެއްވެސް ގައުމަކުން ތާލިބާން ސަރުކާރު ރަސްމީ ސިފައެއްގައި ބަލައިގެންފައެއް ނުވެ އެވެ. ނަމަވެސް ގައުމުތަކުން މިހާރު ދަނީ ތާލިބާނުން ވާހަކަދައްކަމުންނެވެ.