ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ބުރާސްފަތި ދުވަހު ވަޑައިގެންފި އެވެ. މިއީ އަފްޣާންގައި ތާލިބާނުން ވެރިކަން ކުރަން ފެށިފަހުން ގުރޭޝީ ކާބުލްއަށް ވަޑައިގެންނެވި ފުރަތަ ފަހަރެވެ.
ގުރޭޝީ ކާބުލްއަށް ވަޑައިގެންނެވިއިރު އަވަށްޓެރި ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އޮތީ އުފެދިފަ އެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ކުރެވެމުންދިއަ ވައިގެ ދަތުރުތައް، އެއާލައިންތަކުން ހިތްހަމަ ނުޖެހިގެން ހުއްޓާލުމާ ގުޅިގެންނެވެ.
އަފްޣާނިސްތާންގެ ވަގުތީ ޚާރިޖީ ވަޒީރު އާމިރު ޚާން މުއްތަގީއާ ގުރޭޝީ ބައްދަލު ކުރައްވާނެ ކަމަށް ޕާކިސްތާން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން ތާލިބާން ޖަމާއަތުގެ އެހެން ލީޑަރުންނާ ވެސް ގުރޭޝީ ބައްދަލު ކުރައްވާނެ އެވެ. އަދި ދެގައުމުގެ މަސްލަހަތާ އެއްގޮތަށް މަޝްވަރާތައް ފައްޓާވާނެ އެވެ. މައިގަނޑު ގޮތެއްގައި ބޮޑަށް އަލިއަޅުއްވާ ލައްވާނެ ކަމަށް ވަނީ މިއަދުގެ ހާލަތާ ގުޅުންހުރި ދާއިރާތަކަށް ކަމަށް ބަޔާނުގައި ވެއެވެ.
ގުރޭޝީގެ ވަފުދުގައި ޕާކިސްތާންގެ އިންޓަ ސާވިސަސް އިންޓެލިޖެންސް (އައިއެސްއައި) ގެ ވެރިޔާ ފާއިޒް ހަމީދު ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އޭނާ ވަނީ އަފްޣާންގެ ވެރިކަން ވެއްޓުމާ ދިމާކޮށް ކާބުލްއަށް މީގެ ކުރިން ޒިޔާރަތް ކުރައްވާފަ އެވެ.
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ވިޔަފާރި މުއާމަލާތްތައް އެންމެ ގިނައިން ހިންގަމުން ގެންދާ ޗަމަން ބޯޑަރު ބަންދުކޮށް އޮތް އޮތުމުގެ ސަބަބުން ވެސް ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އޮތީ އުފެދިފަ އެވެ. ދެހަފްތާއަށް ވުރެ ގިނަ ދުވަސް ވަންދެން މަގު ބަންދު ކޮށްފައި އޮތުމުގެ ސަބަބުން މުދާއުފުލާ ލޮރީތަކުގެ ދަތުރުތައް އޮތީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.
ވިޔަފާރީގެ ޓްރާންސިޓް ޕޮއިންޓެއް ކަމަށްވާ ޗަމަން ބޯޑަރު ހުރަސްކޮށް ގިނަ ދުވަސްތަކެއް ވަންދެން މައްސަލަތަކެއް ކުރިމަތިވެ، ޓްރަކް ތައް ދަތުރުކުރާ ފަރާތްތަކާއި އެކްސްޕޯޓަރުންނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވި ދަތުރުފުޅެކެވެ.
ބޯޑަރު ބަންދުކުރުމުގެ ސަބަބުން ކަންދަހާރުގެ އަވަށްޓެރިންގެ މޭވާތައް ހަލާކުވެ ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ޕާކިސްތާނާއި ކާބުލްއާ ދެމެދު ގަވާއިދުން އޮޕަރޭޓްކުރަމުން ގެންދިއަ ހަމައެކަނި ބައިނަލްއަގުވާމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން މިދިޔަ ހަފުތާގައި ފްލައިޓްތައް ހުއްޓާލުން ވެސް ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.
ޕީއައިއޭ އިން ދަތުރުތައް ހުއްޓާލި ސަބަބެއް ކަމަށް ބުނީ ތާލިބާނުންގެ އޮފިޝަލުން އެއާލައިންގެ މުވައްޒަފުންނަށް ބިރުދައްކައި ފުރައްސާރަކުރަމުން ގެންދާތީ ކަމަށެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ޕާކިސްތާނުގެ އުޚުއްވަތްތެރި އަފްޣާން ރައްޔިތުންނަށް އެހީތެރިވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޕާކިސްތާނުން ބުނެ އެވެ. މިދަތުރުގެ ސަބަބުން ދެގައުމުގެ ވިޔަފާރި އާއި އިގުތިސޯދީ ގުޅުންތައް އިތުރަށް ބަދަހިކުރެވި ދެގައުމުގެ ރައްޔިތުންގެ މެދުގައި ގާތް ގުޅުން އުފެއްދުމަކީ ޕާކިސްތާންގެ ސިޔާސަތު ކަމަަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.