ދުނިޔެ

ބުރުގާ މަޖުބޫރުކުރާ ގާނޫނު ދަނީ އިސްލާހުކުރަމުން: އިރާން

އިރާނު އަންހެނުން ބުރުގާ އެޅުން މަޖުބޫރުވާ ގޮތަށް ހަދާފައިވާ ގާނޫނު، އެ ގައުމުގެ ކޯޓުތަކުންނާއި ގާނޫނު ހަދާ މަޖިލީހުން މުރާޖައާ ކުރަމުންދާ ކަމަށް އިރާނުގެ ބަންޑާރަނައިބު މުހައްމަދު ޖަފާރް މޮންޓަޒެރީ ވިދާޅުވެއްޖެ އެވެ.

އިރާނުން މިފަދަ ވާހަކައެއް ދައްކާފައި މިވަނީ އެ ގައުމުގައި ކުރިން އޮތް "އަހްލާގީ ފުލުހުން"ގެ ޔުނިޓް އުވާލި ފަހުންނެވެ.

އިރާންގެ މަގުތަކުގައި އުޅޭއިރު ހެދުން އަޅާ ގޮތާއި ބުރުގާ އަޅާ ގޮތް ބަލައި ފިޔަވަޅުތައް އަޅަމުން ދިޔަ އެއް ބަޔަކީ އަހްލާގީ ފުލުހުންނެވެ.

އަންހެނުން ބުރުގާ އެޅުން މަޖުބޫރުވާ ގޮތަށް އޮތް ގާނޫނު ތަންފީޒު ކުރަމުން ދިޔައީ ވެސް އިރާންގެ އަހުލާގީ ފުލުހުންނެވެ. ނަމަވެސް އެ ޔުނިޓް އުވާލި ފަހުން ބުރުގާ އަޅާ ގޮތާއި ހެދުން އެޅުމުގެ ގޮތްތައް ބަލައި ތަންފީޒުކުރާން އެއްވެސް އިދާރާއަކުން ބޮޑު އިސްކަމެއްދީ ހަރުކަށި ގޮތްތަކެއް މިހާރު ނުގެންގުޅެ އެވެ. މިއީ ބުރުގާގެ މައްސަލައިގައި އިރާންގެ ރައްޔިތުންގެ މެދުގައި މިވަގުތު އުފެދިފައިވާ ބޮޑެތި ހިޔާލުތަފާތުވުންތަކާއި ބައެއް މީހުންގެ ރުޅިވެރިކަން ބުރުގާގެ މައްސަލައިގައި ހުރި ގޮތުން ލިބިގެން އުޅޭ ލުޔެއް ކަމަށް ރިޕޯޓްތައް ބުނެ އެެވެ.

އިރާންގެ ބަންޑާރަނައިބް ވިދާޅުވީ އެ ގައުމުގެ ބައެއް އަންހެނުން އާންމު ތަންތަނުގައި ބުރުގާ ނާޅާ އުޅުމަކީ ހިތާމައެއް ކަމަށާއި އިދާރާތަކުން އެކަންކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އެކަމަކު ބުރުގާ އެޅުން މަޖުބޫރުވާ ގޮތަށް އޮތް ގާނޫނު މުރާޖައާ ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ސަގާފަތާއި ބެހޭ ކޮމިޝަނާއި ކޯޓުތަކުން މަޝްވަރާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އިރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށްފަހު އެކުލަވާލި ހަރުކަށި ގާނޫނުތަކުގެ ތެރޭގައި ހިމެނޭ ބުރުގާ އެޅުން މަޖުބޫރު ކުރާ ގާނޫނަށް މާގިނަ އިސްލާހީ ބަދަލުތަކެއް އަދި މާބޮޑު ލުއިތަކެއް ދޭނެ ކަމަކަށް މަސްރަހް ދިރާސާ ކުރާ މީހުން ނުދެކެ އެވެ.

ބުރުގާ އެޅުމުގެ އުސޫލާ ހިލާފުވެގެން މިދިޔަ ސެޕްޓެމްބަރު މަހު ހައްޔަރުކޮށް، އަހުލާގީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުރުދީ ދަރިފަސްކޮޅަށް ނިސްބަތަވާ 22 އަހަރުގެ މާހްސާ އަމީނީގެ މަރާ ގުޅިގެން އިރާންގައި ދަނީ ބޮޑެތި މުޒާހަރަތަކާ ހަމަނުޖެހުންތައް ހިނގަމުންނެވެ. މިފަދަ މުޒާހަރާތަކުގައި ބައެއް އަންހެނުން ގެންދަނީ ބުރުގާ ބާލައި އެއްލާލުމަށްފަހު އާންމުންގެ ތެރޭގައި އިސްތަށިގަނޑު ވެސް ކޮށާލަމުންނެވެ.

އިރާންގައި މިހާރު ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން 14،000 އަށް ވުރެ ގިނަ މީހުން ޖަލަށްލައި ބައެއް މީހުންނަށް ލާއިންސާނީ އަނިޔާ ދީފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ގެންދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް އިރާން ސަރުކާރުން މިތުހުމަތުތައް ދޮގުކުރެ އެވެ.