އީރާން

އީރާނަށް އެހީވާ 50 ފަރާތަކަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އީރާނާ އެކު ސިއްރުން ވިޔަފާރި ކުރާ ކަމަށް ބުނެ ބައެއް މީހުންނާއި ކުންފުނިތައް ހިމެނޭ ގޮތަށް އެމެރިކާ އިން 50 ފަރާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އީރާނާ އެކު ވިޔަފާރި ކުރާ ފަރާތްތަކާއި ވިޔަފާރިތައް ބްލެކް ލިސްޓްކޮށް އެ ފަރާތްތަކާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާ އިން އަބަދުވެސް ދަނީ ހަނދާންކޮށްދީ އިންޒާރު ދެމުންނެވެ.

އެމެރިކާ އިން އީރާނާ ދެކޮޅަށް މީގެކުރިންވެސް ދަތިކުރުމުގެ އެތައް ފިޔަވަޅެއް އަޅާފައިވެ އެވެ. މީގެތެރޭގައި އީރާނުގެ ތެލާއި ގުދުރަތީ ގޭސް ގަތުން ދުނިޔެއަށް މަނާކޮށްފައިވެ އެވެ. އަދި އީރާނަށް ހަތިޔާރު ވިއްކުމާއި އެ ގައުމުގެ ހަތިޔާރު އެހެން ގައުމުތަކުން ގަތުންވެސް އެމެރިކާ އާއި އެެމެރިކާގެ ބައިވެރިން ވަނީ މަނާކޮށްފަ އެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރަޝަރީން ނެރެފައިވާ ބަޔާނަކާ ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވާ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ހޮންކޮންގް، ޔޫއޭއީ ހިމެނޭހެން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ކުންފުނިތަކާއި ވަކިވަކި ފުލުހުން ބްލެކް ލިސްޓްކޮށް އެމީހުންނަށް ފިޔަވަޅު އަޅާފައިވެ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް ރަޝިއާ އަދި ޗައިނާ އިން ވަނީ އެ ނިންމުންތަކަށް ގޮންޖަހާފަ އެވެ.

ރަޝިއާ އިން އަންނަނީ އީރާނުން އުފައްދާ އަސްކަރީ ޑްރޯންތަކާއި މިސައިލްތައް ޔޫކްރެއިން ހަނގުރާމައިގައި ބޭނުން ކުރަމުންނެވެ. އަދި ރަޝިއާ އިން ގެންދަނީ އީރާނަށް އެގައުމުގެ އަސްކަރީ ޖެޓްތަކާއި އެއާ ޑިފެންސް ނިޒާމު ފޯރުކޮށްދެމުންނެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ހޯދުމަށް ކުރާ މަސައްކަތުގައި ރަޝިއާގެ އަތެއް ވާކަމަށް ނޭޓޯ އިން ތުހުމަތު ކުރެ އެވެ.

ޗައިނާ އިން ވެސް އަންނަނީ އީރާނުގެ ތެލާއި ގުދުރަތީ ގޭސް ގިދަ އަދަދަކަށް ގަންނަމުންނެވެ. ޗައިނާ އަކީ އީރާނުގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިޔާ އެވެ. އީރާނުން ވެސް ޗައިނާގެ ގިނަ އުފެއްދުންތަކެއް އެގައުމަށް އެތެރެކުރެ އެވެ.

އެމެރިކާއާ ސިއްރުން ޕާކިސްތާނުން ވެސް ގިނަ އަދަދަކަށް އީރާނުގެ ތެލާއި ގުދުރަތީ ގޭސް ގަންނަމުންދާ ކަމަށް އަޑުތައް އަރަ އެވެ. އަދި އީރާނާއި ޕާކިސްތާނާ ދެމެދު ގޭސް ހޮޅިއެއް އަޅަން މަސައްކަތް ކުރާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާ އިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅި ނަމަވެސް އީރާނުގެ އިގްތިސާދު އަންނަނީ ބާރު ދުވެލީގައި ކުރިއަރަމުންނެވެ. އެހެންވެ އެމެރިކާ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އެއްވެސް ބޭނުމެއް މިހާރަކު ނެތެވެ. ދުނިޔޭގެ ގައުމުތަކުން އެމެރިކާ ދެކެ ގަންނަ ބިރު ފަހަނައަޅާ ތޮށިގަނޑު ފަޅާލައިފައި ނުކުންނަން މިހާރު ވަނީ ފަށާފަ އެވެ. އެމެރިކާ އެކަނި ދުނިޔޭގައި ކުރަމުން ދިޔަ ރަސްކަން މިވަނީ ގާތްގަނޑަކަށް ނިމުމަކަށް އަންނަން ފަށާފަ އެވެ.