އިރާން ނިއުކްލިއާ މަޝްވަރާތައް ވިއެނާގައި އަންނަ ބުރާސްފަތި ދުވަހު ނޯންނާނެ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗިފް ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ. ނިއުކްލިއާ މަޝްވަރާތައް ދާއިމަށް ހުއްޓި އީރާނާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހިދާނެ ކަމަށް ޔޫރަޕުންނާއި އެެމެރިކާއިން އޮތީ ބުނެފަ އެވެ.
އީރާނުން ނިއުކްލިއާ ބޮން އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ދުނިޔޭގެ ގަދަބާރުތަކުން އެ ގައުމާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބެން އޮތީ އީރާނުން ވަކި ޝަރުތުތަކަކަށް ބޯ ލެނބުމުންނެވެ.
އީރާން ނިއުކްލިއާ މަޝްވަރާ ބައްދަލުވުންތަކުގެ ނަމުގައި އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށް ގެންދިޔަ އެކަމަކު މިހާރު ހުއްޓިފައި އޮތް މަޝްވަރާތަކަކީ އީރާނާއެކު ވަކި ނަތީޖާއެއް ނެރުމަށް ބާއްވާ ބައްދަލުވުންތަކެކެވެ.
ނިއުކްލިއާ މަޝްވަރާތައް އީރާނުން މެދުކަނޑާލީ މިއަހަރު ރިޔާސީ އިންތިހާބު ބޭއްވުމަށެވެ. އެހެން ނަމަވެސް އެކިފަހަރު އެކި އުޒުރު ދައްކައި މަޝްވަރާތައް ލަސް ކުރުމަށް ފަހު މިހަފުތާގެ ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށް އޮތީ ބުނެފަ އެވެ.
ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ގައުމުތަކަށް ކުރައްވާ ވަދާއީ ދަތުރުފުޅުގައި ވެސް އީރާން ގޮވާލެއްވީ މަޝްވަރާތައް އަވަސް ކުރުމަށެވެ. އެކަމަނާ ވިދާޅުވީ އެނޫން ގޮތެއްގައި ގާތީ ފުރުސަތު ގެއްލުން ކަމަށެވެ.
އީރާންގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވި ގޮތުގައި ނިއުކްލިއާ މަޝްވަރާގެ ނަމުގައި ބޭކާރު ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތެވެ. ވާހަކަތައް ދިގުދެންމުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ.
ރައީސީ ވިދާޅުވި ގޮތުން ވިލާތާއި ހުޅަނގަކީ މަކަރުވެރި ބައެކެވެ. އީރާނަށް ބިރުދައްކައިގެން ވަކި ގޮތަކަށް އެއްބަސްކުރުވުމަކީ އެ ގުރޫޕްތަކުގެ ވިސްނުމެކެވެ. އެހެން ނަމަވެސް އީރާނަށް ފައިދާއެއް ނެތް ގޮތެ ގަބޫލުނުކުރައްވާނެ ކަމަށް ރައީސީ ވިދާޅުވި އެވެ. ރައީސީ އަބަދު ވެސް ވިދާޅުވަނީ މަޝްވަރާއަށް ތައްޔާރު ކަމަށާއި އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ.