އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުއްލަހިޔާން އދ. އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް ވަޑަގަންނަވަނީ އެވެ. އީރާންގެ ފޮރިން މިނިސްޓަރަކު އެމެރިކާއަށް ވަޑައިގަތުމަކީ ދުނިޔެ ސިއްސައިގެންދާ ވަރުގެ ކަމެކެވެ.
އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތިބުޒާދާ ނޫސް ކޮންފަރެންސެއްގައި ވިދާޅުވި ގޮތުން ވަޒީރު ނިއުޔޯކަށް ދަތުރު ކުރެއްވުމަށް ހުރިހާ ކަމެއް އޮތީ ހަމަޖެހިފަ އެވެ.
ހުސައިން އަމީރު އަބްދުއްލަހިޔާން ނިއު ޔޯކަށް ވަޑައިގެން 2015 ގައި އެމެރިކާއާ ބައިވެރިންނާއެކު ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުމާ ބެހޭ ގޮތުން ގުޅުން ހުރި ގައުމުތަކުގެ އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ އެކަމަކު އެމެރިކާގެ އެއްވެސް އޮފިޝަލަކާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ސައީދު ޚަތިބުޒާދާ ވިދާޅުވި ގޮތުން ވަޒީރު ބައްދަލު ކުރައްވަން ހަމަޖެހިފައި ވަނީ ޗައިނާ އާއި ފްރާންސް އާއި އިނިގިރޭސިވިލާތާއި ރަޝިއާ އަދި ޖަރުމަނުގެ އޮފިޝަލުންނާ އެވެ.
ތަރުޖަމާން ވިދާޅުވީ އެމެރިކާއާ ބައިވެރިން އެކައްޗެއް ކިޔައި އިރާނަށް ދަތި ކުރަން އަޅާފައި ހުރި ފިޔަވަޅުތަކާ ބެހޭ ގޮތުން ވަޒީރު މަޝްވަރާ ކުރައްވާނެ އެވެ.
އދ. އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް އީރާންގެ ފޮރިން މިނިސްޓަރު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވާއިރު އެމެރިކާއިން މެދުވެރި ކޮށްފާނެ ޝަރުތުތަކަށް ދުނިޔެ އޮތީ ފާރަވެރެވި އެވެ. ހަގީގަތުގައި ވަޒީރު ކުރައްވާ ދަތުރަކީ އދ. އިން ކަނޑައަޅާފައި އޮންނަ މިންގަޑުތަކަށް އިޖާބަ ދެއްވުމަށް ކުރައްވާ ދަތުރެކެވެ.
އދ. ގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއަށް މީގެ ކުރިން ދަތުރުކުރެއްވި އީރާންގެ ބައެއް އޮފިޝަލުން އެމެރިކާއިން ބޭރުކޮށްފައި ވެސް އެބަހުއްޓެވެ. އަދި ބައެއް އޮފިޝަލުންނަށް ވިސާ ނުދީ ވެސް އެބަ ހުއްޓެވެ.
އެމެރިކާއާ އދ. އާ ދެމެދު ވެފައި އޮންނަ އެއްބަސްވުމުގެ ދަށުން އދ.ގެ ބޭނުމަކަށް އެމެރިކާއަށް ދާ އެއްވެސް މީހަކު ހުއްޓުވުމަކީ އެމެރިކާއަށް ލިބިފައި އޮންނަ ހައްގެއް ނޫނެވެ. އެކަމަކު މިކަން ހިނގަނީ ލިޔެ އެއްބަސްވެފައި އޮންނަ ގޮތަކަށް ނޫނެވެ.