އިރާން ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އާމުންނަށް ލިބެމުންދާ ކަމަށް ބުނާ އަނިޔާތަކުގެ ހަގީގަތް ހޯދުމަށް އިރާނަށް ފޮނުވަން ނިންމާފައިވާ އދ،ގެ ވަފްދަށް އެއްބާރުލުން ނުދޭނެ ކަމަށް އިރާން ސަރުކާރުން ބުނެފި އެވެ.
އިރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނަސާ ކަންނާނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިރާން ސަރުކާރުން މިކަމާ ދެކޮޅު ހަދަނީ އިންސާނީ ހައްގުތަކުގެ ދިފާއުގައި ކަމަށް ބުނެ އދ އިން ފޮނުވާ ވަފްދަކީ ސިޔާސީ ބޭނުމެއް އޭގެ ފަހަތުގައި އޮވެގެން ފޮނުވާ ވަފްދަކަށް ވާތީ ކަމަށެވެ. މިއީ އީރާނުގެ މައްޗަށް ހުޅަނގުގެ ގައުމުތަކާއި ސައުދީ އަރަބިއްޔާ އިން ނުފޫޒު ފޯރުމަށް ކުރާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.
ގައުމުގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމަށް ބުނެ އެ ބަޔަކު ހޯދައި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް މިދިޔަ ހަފްތާގެ ތެރޭގައި އިރާން ސަރުކާރުން ބުނެފައިވެ އެވެ. މިމަސައްކަތަށް އެކުލަވާލާފައިވާ ކޮމިޓީގައި އިރާން ސަރުކާރުގެ އިސް ފަރާތްތަކާއި ޝަރުއީ ދާއިރާގެ ބައެއް ބޭފުޅުންނާއި އިރާންގެ ބައެއް މަޖިލިސް ތަކުގެ މެންބަރުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކަންނާނީ ވިދާޅުވެވީ މިއީ އީރާނުގެ ސަރުކާރުގެ ޒިންމާދާރުކަމުގެ ހެއްކެއް ކަމަށާއި، އެހެންކަމުން މި ތަހުގީގުގައި އދ ގެ އެއްވެސް އަތެއް އޮތުމުގެ ބޭނުމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އިރާންގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މުޒާހަރާތަކުން ހައްޔަރުކުރި އާމުންގެ އެތައް ބަޔަކަށް މަރުގެ ހުކުމް އިއްވުމުގެ ފުރުސަތު އޮތް ކަމަށްވެސް އިރާންގެ މަސްރަހު ދިރާސާ ކުރާ ބައެއް މީހުން ބުނެ އެވެ.
އީރާނުގާ މިހާރު ހިނގަމުންދާ މުޒާހަރާ ފެށުނީ އުމުރުން 22 އަހަރުގެ މާހްސާ އަމީނީގެ މަރާ ގުޅިގެންނެވެ. އިރާންގެ ހުރިހާ ސަރަހައްދަކަށް މުޒާހަރާތައް ފުޅާކޮށްފައިވާއިރު މުޒާހަރާތަކުގައި 300 އެއްހާ މީހުން މަރުވެ 14،000 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެ އެވެ.
މުޒާހަރާތަކުގައި މަރުވި އާމުންގެ އަދަދާއި ހައްޔަރުކުރި މީހުންގެ ރަސްމީ އަދަދުތަކެއް އިރާން ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.