އީރާނާއި ދެކޮޅަށް އދ. އިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ މުއްދަތު ހަމަވެފައި ވަނިކޮށް އދ. ގެ ސަލާމަަަތީ މަޖިލީހުގެ ދާއިމީ ހުރިހާ މެމްބަރުންނާއި ހިޔާލު ތަފާތުވެ އެ ފިޔަވަޅުތައް ދަމަހައްޓަން އެމެރިކާއިން ނިންމައިފި އެވެ. އެމެރިކާގެ މި ނިންމުމަށް ބައިނަލް އަގުވާމީ މުޖުތަމައުގެ އިތުރަށް އެމެރިކާގެ އެންމެ ގާތް އެކުވެރި ގައުމު ތަކުން ވެސް ވަނީ ދެކޮޅު ހަދާފަ އެވެ.
އިއްޔެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮންޕިއޯ ވިދާޅުވީ އދ. ގެ އެއްވެސް މެމްބަރު ގައުމަކުން އީރާނަށް ދަތިކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅު ތަކާއި ހިލާފު ވެއްޖެނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ. އީރާނާއި ދެކޮޅަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލީ އީރާނާއި ދުނިޔޭގެ ބޮޑު ހަ ބާރާއި ދެމެދު 2015 ވަނަ އަހަރު ކުރި ނިއުކްލިއާ އެެއްބަސްވުމާއި ގުޅިގެންނެވެ. އެކަމަކު އެ އެއްބަސްވުމުން އެމެރިކާ ވަނީ މީގެ ދެ އަހަރު ކުރިން ވަކިވެފަ އެވެ
މައިކް ޕޮންޕިއޯ އިތުރަށް ވިދާޅުވީ އީރާނާއި ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އދ. އިން ހަދާފައިވާ ހަތިޔާރު ވިއްކުން މަނާ ކުރުމުގެ އެއްބަސްވުމުގެ މުއްދަތު އަންނަ މަހު ހަމަވިއަސް އދ. ގެ މެމްބަރު ގައުމުތަކުން އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދަން ބޭނުން ކުރެވޭ އެއްވެސް މާއްދާއެއް ވިއްކައިގެން ނުވާނެ ކަމަށެވެ. ހަމަ އެއާއެކު ބެލެސްޓިކް މިސައިލާއި ނިއުކްލިއާ ހަތިޔާރު ތަރައްގީ ކުރުމުގެ ޓެކްނޮލޮޖީ ވެސް އެއްވެސް ގައުމަކުން އީރާނަށް ދީގެން ނުވާނެ ކަމަށެވެ.
އދ. އިން އީރާނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައިފިނަމަ އެމެރިކާއިން އަމިއްލަ އަށް އީރާނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް މައިކް ޕޮންޕިއޯ ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާ ފިޔަވައި ސަލާމަތީ މަޖިލިހުގައި ތިބި ދާއިމީ ހަތަރު މެމްބަރުންނާއި ބައިނަލް އަގުވާމީ މުޖުތަމައުން ބުނަނީ އީރާނަށް ދަތި ކުރުމުގެ ފިޔވަޅު އެޅުމަށް އެމެރިކާއަށް އެއްވެސް ގާނޫނީ ހައިސިއްޔަތެއް މިހާރު ނެތް ކަމަށެވެ. ސަބަބަކީ އެމެރިކާ ވަނީ އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން އެއްބަސްވި ނިއުކްލިއާ މުއާހަދާ އިން ވަކިވެފަ އެވެ
ސަލާމަތީ މަޖިލީޖަށް ފޮނުވި ސިޓީ އެއްގައި އިނގިރޭސި ވިލާތާއި ފްރާންސާއި ޖަރުމަން ނުވަތަ "އީތްރީ" އިން ބުނެފައި ވަނީ އީރާނަށް އދ. އިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން ޖެހޭނެ ކަމަށެވެ އަދި ގާނޫނީ ގޮތުން އީރާނާއި ދެކޮޅަށް މިހާރު ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ. އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވީ އެމެރިކާގެ ހުށައެޅުމާއި އެއްގޮތަށް ފިޔަވަޅު އެޅެން ނެތް ކަމަށް ސަލާމަތީ މަޖްލިހަށް އަންގަވާފައި ވާނެ ކަމަށެވެ.