އީރާނަށް ދަތި ކުރަން އެމެރިކާއިން އަޅާފައި ހުރި ފިޔަވަޅުތަކަށް ލުޔެއް ދެވޭނީ ޔުރޭނިއަމް މުއްސަނދި ކުރުން އީރާނުން ހުއްޓާލުމުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. ބައިޑަން ވިދާޅުވީ މަޝްވަރާގެ މޭޒު ދޮށަށް އީރާން ގެންދިއުމަށްޓަކައި ދެވޭނެ ލުޔެއް ނެތް ކަމަށެވެ.
އެމެރިކާއާ ބައިވެރިން 2015 ގައި އީރާނާއެކު ހެދި ނިއުކްލިއާ އެއްބަސްވުން ޓްރަމްޕް ސަރުކާރުން ވަނީ އުވާލާފަ އެވެ. އަދި އިހުނަށް ވުރެ ބޮޑަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފަ އެވެ.
އީރާނާއެކު މަޝްވަރާއަށް ވަޑައިގަތުމަށް ޖޯ ބައިޑަން ޝައުގުވެރިކަން ފާޅުކުރައްވާފައި ވާއިރު އީރާނުން ބުނަނީ ދަތި ކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދީގެން ނޫން ގޮތަކަށް މަޝްވަރާއަށް ޝައުގުވެރި ކަމެއް ނެތް ކަމަށެވެ. އަދި ނިއުކްލިއާ އެއްބަސްވުމަށް އިތުރު ބަދަލެއް ގެންނަން ވެސް ނޭދޭ ކަމަށެވެ.
އެމެރިކާއިން އީރާން ނިއުކްލިއާ އެއްބަސްވުން، "ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން" އިން ބޭރުވުމުން އޮތް ބިރަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަންކުރާ މަސައްކަތްތައް ފުޅާކޮށް ނިއުކްލިއާ ބޮމެއް އުފެއްދުމެވެ. ޓްރަމްޕް ސަރުކާރުން ނިއުކްލިއާ ޑީލް އުވާވައި ދަތިކުރުން ހަރުކަށިކުރި ނަމަވެސް އީރާނުން ދަނީ ޔޫރޭނިއަމް މުއްސަނދިކުރަން މަސައްކަތްކުރަމުންނެވެ.
ބައިޑަން ކުރިން ވިދާޅުވީ އީރާނުން ނިއުކްލިއާ ބޮމެއް އުފެއްދުމަކީ ބޮޑު ނުރައްކަލެއް ކަމަށާއި ހަމައެކނި ގެއްލުން ބޮޑީ އަވަށްޓެރި ގަލްފު ތައުމުތަކަށް އެކަނި ނޫން ކަމަށެވެ. އެހެންކަމުން ކޮންމެ އަދެއް ދެއްވާފައި ނަމަވެސް އީރާނުން އެދަރަޖަ ހޯދިއަ ނުދެއްވާނެ ކަމަށެވެ.