ދުނިޔެ

ގާނޫނުއަސާސީ އުވާލުމަށް ޓްރަމްޕް ގޮވާލުން ކުށްވެރިކޮށްފި

އެމެރިކާގެ ގާނޫނުއަސާސީ އުވާލުމަށް އެ ގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގޮވާލުމުން ވައިޓް ހައުސް އިން އެކަން ކުށްވެރިކޮށްފި އެވެ.

ގާނޫނުއަސާސީ އުވާލުމަށް ޓްރަމްޕް ގޮވާލީ އޭނާގެ އަމިއްލަ ސޯޝަލްމީޑިއާ ޕްލެޓްފޯމް "ޓުރުތު"ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ގާނޫނުއަސާސީ އުވާލުމުގެ ވާހަކަ ޓްރަމްޕް ދެއްކެވީ އެންމެ ފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި އޭނާއަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާ ގުޅިވަޑައިގެން އެކަމާ ގުޅުވައިގެންނެވެ. މީގެކުރިންވެސް ތަކުރާރުކޮށް ވިދާޅުވި ފަދައިން އެންމެ ފަހުންވެސް ޓްރަމްޕް ވިދާޅުވީ ނިމިގެން ދިޔަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯއްދެވީ އޭނާ ކަމަށެވެ.

ޓްރަމްޕް ގަބޫލުކުރައްވާ ގޮތުގައި އިންތިހާބު އޭނާއަށް ގެއްލުނީ ގާނޫނުއަސާސީގައިވާ "ހިޔާނާތްރި" ކަމެއްގެ ސަބަބުންނެވެ. އެހެންވެ ގާނޫނުއަސާސީ އުވާލެއްވުމަށް ގޮވާލެއްވި އެވެ.

ޓްރަމްޕްގެ ޕޯސްޓާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު -- ވައިޓްހައުސްގެ ތަރުޖަމާން އެންޑްރިއު ބޭޓްސް ވިދާޅުވީ ގާނޫނުއަސާސީ އަކީ އެމެރިކާގެ ރައްޔިތުން އެއްބައިވަންތަކޮށްދޭ އެންމެ މުހިއްމު ވަސީލަތް ކަމަށެވެ. ގާނޫނުއަސާސީ އަކީ އެއްވެސް ހާލެއްގައި އެއްވެސް މީހަކަށް ބެހެވޭނެ އެއްޗެއް ކަމަށް ދެކިގެން ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެންޑްރިއު އިތުރަށް ވިދާޅުވީ ގާނޫނުއަސާސީގެ ހުރުމަތް ކެނޑުމަކީ ގައުމުގެ ދިރުން މަރާލުން ކަމަށާއި އެފަދަ އަމަލުތައް އެމެރިކާގެ ކޮންމެ ރައްޔިތަކުވެސް ކުށްވެރިކުރަން ޖެހޭ ކަމަށެވެ. އެމެރިކާ ދެކެ ލޯބިވާންޖެހޭނީ ހަމައެކަނި ކާމިޔާބީއެއް ލިބޭ ވަގުތުގައި އެކަނި ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާގެ ބައެއް ސިޔާސީ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ޓްރަމްޕްގެ ގޮވާލެއްވުމަކީ އެމެރިކާގެ ރައީސްގެ މަގާމު ފުުރުއްވުމަށް ކުރެއްވި ހުވައާއި މުޅިން ހިލާފު ގޮވާލެއްވުމެކެވެ. އާދަޔާ ޚިލާފު ވާހަކަތަކެއް އަބަދުވެސް ދައްކަވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައި ޓްރަމްޕް ފާހަގަކުރެއްވޭއިރު މިފަހަރުގެ ގޮވާލެއްވުމަކީ މީގެކުރިން ޓްރަމްޕްގެ ފަރާތްޕުޅުން ފެނިފައި ނުވާ ފަދަ އާދަޔާ ޚިލާފު ގޮވާލެއްވުމެއް ކަމަށްވެސް ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

ޓްރަމްޕް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ގާނޫނުއަސާސީއާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅިގެން ރިޕަބްލިކަންގެ ހައުސް އިންޓެލިޖެންސް ކޮމިޓީގެ ރައީސް މައިކް ޓާނާ ވަނީ ޓްރަމްޕްގެ ގޮވާލެއްވުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ. އަދި ޕާޓީ ރަމްޒުވާ ގޮތަށް ޓްރަމްޕް ވާހަކަދެއްކެވުން ވެސް އޭނާ ވަނީ ކުށްވެރިކުރައްވާފަ އެވެ.