ޑޮނަލްޑް ޓްރަމްޕް

ބައިޑަން ހުވާ ކުރައްވާ ރަސްމިއްޔާތަށް ނުދާނަން: ޓްރަމްޕް

މި ޖެނުއަރީ 20 ގައި، ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެން ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައި ނުގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ބައިޑަން ހުވާ ކުރައްވާ ދުވަހު ޓްރަމްޕް ކަންތައް ކުރައްވާނެ ގޮތަކާ މެދު އާންމުން ތިބީ ވެސް ނުތަނަވަސްވެފަ އެވެ. ކަވްބޯއީ ސްޓައިލް ބޭފުޅަކަށް ވާތީ ރުޅިގަނޑު މަތަ ނުކުރެވި ދެން ކުރައްވާނެ ގޮތެއް ކުރިއާލައި ބުނެދޭން ނޭނގޭތީ އެވެ.

އެމެރިކާގައި އާންމު އާދައަކީ އަލަށް ރައީސްކަމާ ހަވާލުވެ ވަޑައިގެން ހުވާ ކުރައްވާ ރަސްމިއްޔާތުގައި، އެހާތަނަށް ދުނިޔޭގައި ތިއްބެވި ރައީސުން، އުޒުރެއް ނެތް ނަމަ ބައިވެރިވެ ވަޑައިގަތުމެވެ. އެކަމަކު ޓްރަމްޕް ވިދާޅުވި ގޮތަށް ކަންކުރައްވައި، ރަސްމިއްޔާތަށް ވަަޑައި ނުގެންފި ނަމަ އެމެރިކާގެ އާދަކާދަ އާއި ސަގާފަތުން ވެސް އޭނާއަށް ބޭރުވެ ވަޑައިގެންނެވުނީ އެވެ.

އެމެރިކާގެ ކެޕިޓަލް އަށް ވަދެގަނެ މުޅިތަން ލޫޓުވި މީހުނަށް ތައުރީފު ކުރައްވައި ޓްރަމްޕް ޓްވީޓް ކުރެއްވި ވީޑިއޯ މެސެޖަކާ ހެދި ޓްވިޓާއިން ޓްރަމްޕްގެ ޓްވިޓާ އެކައުންޓް 12 ގަޑިއިރަށް ބަންދުކުރި އެވެ.

"ސުވާލު ކުރެއްވީތީ ދަންނވާލަން. ޖެނުއަރީ 20 ގައި އޮންނަ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އަޅުގަނޑު ނުދާނަން" އެކައުންޓް ދޫކޮށްލުމުން ޓްވީޓް ކުރައްވައި ވިދާޅުވި އެވެ. ޓްވިޓާއިން ބުނީ އެފަދަ އަމަލުތައް ތަކުރާރު ކުރައްވާ ނަމަ އެކައުންޓް ދާއިމަށް ބަންދު ކުރާނެ ކަމަށެވެ. ޓްވީޓާއިން މިހެން ބުނުމަށް ފަހު ގިނައިރުތަކެއް ނުވެ ޓްރަމްޕްގެ އެކައުންޓް މިހާރު ހުރީ އަނެއްކާ ވެސް ސަސްޕެންޑްކޮށްފަ އެވެ.

ކެޕިޓަލްގައި ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ހެދި ޓްރަމްޕް މަގާމުން ދުރު ކުރެވޭތޯ ވެސް އަންނަނީ ބަލަމުންނެވެ.